މިދިޔަ ސަރުކާރުގައި އެއްވެސް ޑޮކިއުމެންޓެއް ނެތި 161.2 މިލިޔަނަށްވުރެ ގިނަ ރުފިޔާ ރޯޑް ޑިވެކޮލްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ކުރީގެ ސަރުކާރުގައި ދައުލަތުގެ ކުންފުނިތަކުން ހިންގާފައިވާ ކޮރަޕްޝަނާ ބެހޭ މައުލޫމާތު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމެޓީ) އިން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން، އާރުޑީސީގެ އިސް ބޭފުޅުން މިއަދު ވަނީ އެ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.
އެ ކުންފުނިން ހިންގާފައިވާ ކޮރަޕްޝަންތަކާ ބެހޭގޮތުން ކޮމެޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވީ، 2022 ވަނަ އަހަރު އެ ކުންފުނިން އެކި ފަރާތްތަކަށް 66 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން ބޭންކުގެ ލިޔެކިޔުންތަކުން ފެންނަން އެބައޮތް ކަމަށެވެ. މިދިޔަ އަހަރުގެ ނޮވެމްބަރާއި ހަމައަށް 95 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަން އެނގެން އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް އެއިން އެއްވެސް ކަމަކާބެހޭ މައުލޫމާތެއް، ޑޮކިއުމެންޓެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
"އެއްވެސް ޑޮކިއުމެންޓެއް އަދި މިހާތަނަށް ނުފެނި 66 މިލިޔަން ހަރަދު ކޮށްފަ އެބަހުރި، އެކި ފަރާތްތަކަށް ދޫކޮށްފަ، އެެއްވެސް ޑޮކިއުމެންޓެއް އަދި އަޅުގަނޑުމެންނަށް މިއުޅެނީ މިހާތަނަށް ނުފެނިގެން، އެއްވެސް އެއްޗެއް ނެތި 2022 ގައިވެސް ހަރަދު ކޮށްފަ އެބަހުރި، އޭގެ އިތުރަށް އަޅުގަނޑުމެން ހަވާލުވި ހިސާބާއި ހަމައަށް އެއީ 2023ގެ ނޮވެމްބަރާ ހަމައަށް 95 މިލިޔަން އެއްވެސް ކަހަލަ ސްޓޭޓްމެންޓެއް ނެތި އެެއްވެސް ކަހަލަ ޑޮކިއުމެންޓެއް ނެތި ފައިސާ ދޫކޮށްފަ އެބަހުރި، އެތަކެތި އަޅުގަނޑުމެނަށް ފެންނަން އޮތީ ބޭންކުގެ ރިކޮންސިލޭޓުން މިއަށް ސަޕޯޓިވް އެއްވެސް ޑޮކިއުމެންޓެއްވެސް ފެންނާކަށް ނެތް،"
އޭގެ އިތުރުން ޒުހެއިރު ވިދާޅުވީ، ހުސްވި ނޮވެމްބަރު މަހު 90 މިލިޔަން ރުފިޔާ ފިނޭންސް މިނިސްޓްރީން އެ ކުންފުންޏަށް ޖަމާކޮށްފައިވާކަން ވެސް އެނގެން އެބައޮތް ކަމަށެވެ. ނަމަވެސް އެބޭފުޅުން ކުންފުންޏާ ހަވާލުވިއިރު ހުރީ ހަތަރު މިލިޔަން ރުފިޔާ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެކަންތައްތަކަށް ތުހުމަތު ކުރެވޭ މުވައްޒަފުންނަށް ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ. އެގޮތުން ބައެއް މުވައްޒަފުންގެ ސެކްޝަން ބަދަލު ކުރުމާއި، ބައެއް މުވައްޒަފުން ވަކިކުރުން ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ކުންފުނީގެ ކޮރަޕްޝަން މައްސަލަތައް ފުލުހުންނާއި އޭސީސީން ބަލަމުން އަންނަ ކަމަށެވެ. އެހެންކަމުން އެކަމާ ބެހޭ ތަފުސީލީ މައުލޫމާތާ ބެހޭގޮތުން މިވަގުތު ވާހަކަ ދެއްކެން ނެތް ކަމަށް ވިދާޅުވިއެވެ. އަދި އޮޑިޓް އޮފީހާ ހަވާލުކޮށްގެން އޮޑިޓްތައް ހަދަމުން ގެންދާ ކަމަށްވެސް ވިދާޅުވިއެވެ.
އެ އޮޑިޓްކޮށް ނިމި ފުލުހުންގެ ތަހުގީގާއެކު، އެ ކުންފުނިން އެގޮތަށް ފައިސާ ދޫކުރި ފަރާތްތަކުގެ ތަފްސީލު އެނގިގެންދާނެ ކަމަަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އޭނާ ވިދާޅުވީ އެ ފައިސާ ހޯދޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު