ރާއްޖޭގައި މިހާރު ކުރިއަށްދާ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ކުޅިވަރު އިވެންޓް، ބޮޑީބޯޑިން އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ ވިސިޓް މޯލްޑިވްސް ޕްރޯ 2024ގެ ހަތަރުވަނަ ބުރަށް ރާއްޖޭގެ އާމިން އުމަރު މުސާ ދަތުރުކޮށްފިއެވެ.
އާމިން، ހަތަރުވަނަ ބުރަށް ދަތުރުކުރީ ފިރިހެން އޯޕަން ކެޓަގަރީގެ ތިންވަނަ ބުރު ކަމަށްވާ ރެޕޯ ހީޓުގައި ވާދަކޮށް، މިދިޔަ އަހަރުގެ ދުނިޔޭގެ ޖޫނިއާ ޗެމްޕިއަންކަން ހޯދި، މިޝީލް ޔަންސީ ބަލިކޮށްފައެވެ. ޖޫނިއާ ކެޓަގަރީގައިވެސް ވާދަވެރިކޮށް ފެނުނު ދެ އެތުލީޓުން މިއަދުގެ ހީޓުގައިވެސް ފެނުނީ ވާދަވެރިކޮށެވެ.
ދުނިޔޭގެ ޖޫނިއާ ރޭންކިންގެ ފަސްވަނައިގައި މިހާރުވެސް އޮތް ޔަންސީ ހީޓްގެ ފަހުކޮޅާ ޖެހެންދެން ލީޑުގައި އޮތް ނަމަވެސް އާމިން ވަނީ ރަނގަޅު ރާޅެއް އަޅައި، ހީޓް ޔަގީންކޮށްފައެވެ. އާމިންގެ ސްކޯއަކީ 11.75 ޕޮއިންޓެވެ. ޔަންސީއަށް ހޯދުނީ 10.15ގެ ސްކޯއެކެވެ.
އާމިން ހީޓުން މޮޅުވެ، މޫދުން އެރުމާއެކު ސަޕޯޓަރުން ވަނީ ހޫނު މަރުހަބާއެއް އޭނާއަށް ކިޔައިފައެވެ. އާމިންއަކީ ތިންވަނަ ބުރު ފަހަނައަޅައި ފިރިހެން އޯޕަން ބައިން ކުރިއަށް ދިޔަ ހަމައެކަނި އެތުލީޓުވެސް މެއެވެ.
މިއަދުގެ ރެޕޯ ހީޓުގައި ރާއްޖޭގެ އަލީ ޝާމް ރާފިއުވެސް ވާދަކުރިއެވެ. އޭނާ ވާދަކުރީ ޖޮއެލް ރޮޑްރީގޭޒްއާ ދެކޮޅަށެވެ. 13 ޕޮއިންޓާއެކު ރޮޑްރީގޭޒް އެ ހީޓް ކާމިޔާބު ކުރި އިރު، ޝާމްއަށް ހެދުނީ 8.25ގެ ސަކޯއެކެވެ.
ރެޕޯ ހީޓްތަކުގެ އެހެން ނަތީޖާތަކަށް ބަލާއިރު، މިދިޔަ އަހަރު ވިސިޓް މޯލްޑިވްސް ޕްރޯގެ ޖޫނިއާ ޗެމްޕިއަންކަން ހޯދި ހޯހޭ ހެރްނާންޑޭޒްގެ މައްޗަށް މި ވަގުތު ޖޫނިއާ ރޭންކިންގެ އެއްވަނައިގައި އޮތް އެލެކްސެންޑާ މޮންޓޭސް ހަނި މޮޅެއް ހޯދިއެވެ. އަދި ރާއްޖޭގެ އަހުމަދު ނަޒްމީންގެ މައްޗަށް ޖޯގުން ސޮޓޯ ވަނީ ކުރި ހޯދައިފައެވެ.
އާމިން ދެން ވާދަކުރާ ހަތަރުވަނަ ބުރަށް ކުރިން ކޮލިފައިވެފައިވާ އެތުލީޓުންނަކީ ދެވަނަ ބުރުގެ ހީޓްތަކުގައި އެއްވަނައާއި ދެވަނަ ހޯދި އެތުލީޓުންނެވެ.
ވިސިޓް މޯލްޑިވްސް 2024، މި މަހުގެ ނުވަވަނަ ދުވަހާ ހަމައަށް ދެމިގެންދާއިރު، ޖުމުލަ 86 އެތުލީޓުން، 14 ގައުމަކުން މިފަހަރުގެ މުބާރާތުގައި ވާދަކުރެއެވެ.
މި އަހަރު މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރުގެ ގޮތުގައި "ވަން ސްޕޯޓްސް" ހަމަޖައްސާފައިވާ އިރު، މުބާރާތުގެ އެންމެފަހުގެ މައުލޫމާތު ގެނެސްދިނުމަށް ހާއްސަ ކަވަރޭޖެއް ގެނެސްދޭން "ވަން ސްޕޯޓްސް"އިން ވަނީ ނިންމައިފައެވެ.
ވިސިޓް މޯލްޑިވްސް ޕްރޯ
ވިސިޓް މޯލްޑިވްސް ޕްރޯ
ވިސިޓް މޯލްޑިވްސް ޕްރޯ