ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯގެ މަގާމުން ޑރ. މަރިޔަމް ޒުލްފާ މިއަދު ވަކިކުރައްވައިފިއެވެ.
އެލްޖީއޭގެ ސީއީއޯގެ މަގާމުން ޒުލްފާ ވަކިކުރެއްވިކަން "ވަން" އަށް ވަނީ ކަށަވަރުވެފައެވެ. އެނގިފައިވާ ގޮތުގައި މަގާމުން ވަކިކުރެއްވިކަމުގެ މެސެޖު ޒުލްފާއަށް ލިބިވަޑައިގެންނެވީ މިއަދެެވެ. އަދި މާދަމާ އިން ފެށިގެން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި އެ މިނިސްޓްރީއަށް ވަޒީފާއަށް ނުކުމެވަޑައިގަތުމަށް އަންގާފައިވާ ކަމަށްވެސް އެނގިފައިވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، އެލްޖީއޭގެ ސީއީއޯގެ މަގާމަށް ޒުލްފާ އައްޔަން ކުރެއްވީ 26 ޑިސެމްބަރު 2023ގައެވެ. އެއީ ކުރީ ސަރުކާރުގައި އެ މަގާމުގައި ހުންނެވި އަފްޝަން ލަތީފް އިސްތިއުފާ ދިންތާ ހަތް މަސް ފަހުންނެވެ.
ޒުލްފާ ކުރިން ހުންނެވީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަންވެސް ކުރެއްވިއެވެ. ނަމަވެސް ރައީސް މުއިއްޒު އިންތިހާބު ކާމިޔާބުކުރެއްވުމުން ވެރިކަން ކުރާ ޕީއެންސީއަށް ސޮއިކުރެއްވިއެވެ.
ގާނޫނީ ދާއިރާއިންނާއި ބިޒްނަސް ދާއިރާ އިން ރާއްޖެ އިން ބޭރުން މަތީ ތައުލީމު ހާސިލު ކުރައްވައިގެން ހުންނެވި ޒުލްފާ އެލްޖީއޭގެ ސީއީއޯގެ މަގާމަށް އައްޔަން ކުރެއްވުމާ ހަމައަށް ހުންނެވީ އޮސްޓްރޭލިއާގެ މެލްބަންގެ ޑިޕާޓްމަންޓް އޮފް އެނާޖީ، އެންވަޔަރަމަންޓް އެންޑް ކްލައިމެޓް އެކްޝަންގެ ނޭޝަނަލް ޕާކްސް އެޑްވައިޒަރީ ކައުންސިލުގެ ބޯޑު މެންބަރެއްގެ ގޮތުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު