ދިވެހިންނަކީ ދިވެހިންކަން ގަބޫލުކުރެވުނު ދުވަހަކުން ނޫނީ ދިވެހިންނަށް ދިވެހިންގެ ގޮތުގައި ކުރިއަރައިގެން ނުދެވޭނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ވިލާ ކޮލެޖުން އާ ދެ ޑިގްރީ ޕްރޮގްރާމެއް އިފުތިތާހު ކުރުމަށް އެ ކޮލެޖުގައި މިއަދު ބޭއްވި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް އަބްދުއްރަހީމް ވިދާޅުވީ ދިވެހި ކިޔަވާ ދަރިވަރުންނަށް ރާއްޖޭގައި މީހުން އުޅެމުން އައި ގޮތާއި ރާއްޖޭގެ ސިޔާސީ މަޝްރަހު، އަދުގެ ހާލަތާ ހަމައަށް ވާސިލުވުމަށް ކުރި ދިގު ދަތުރުގެ ތަފުސީލު އިނގުން މުހިންމު ކަމަށެވެ.

"އަޅުގަނޑުމެންނަށް އިއްޔެއާއި މިއަދު އެނގިގެން އަޅުގަނޑުމެންނަށް މާދަމާއެއް ބިނާކުރެވޭނީ. އެެހެންވީމަ ސިޔާސީ ތާރީހު މުހިންމީ. ހަމައެއާއެކުގައި އަޅުގަނޑުމެންނަށް، އަޅުގަނޑުމެންނަކީ ކޮން ބައެއްކަން އިނގެންޖެހޭ. އަޅުގަނޑުމެން މި ތިބީ ކޮންތާކުކަން އެބަ އެނގެންޖެހޭ. އަޅުގަނޑުމެން މިތަނަށް އައީ ކޮން މަގަކުންކަންވެސް އެންގެން އެބަޖެހޭ" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ފުރިހަމަ ދިވެހިންނަށް ވެވޭނީ ދިވެހިންނަކީ ކޮންތާކުން، ކިހިނެތް، ކޮންއިރަކު، ކޮން ބަޔަކާ އެއީ އައިސް ތިބި ބައެއްކަން އެނގިގެން ކަމަށެވެ.