ރާއްޖޭގައި މިހާރު ކުރިއަށްދާ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ކުޅިވަރު އިވެންޓް، ބޮޑީބޯޑިން އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ ވިސިޓް މޯލްޑިވްސް ޕްރޯ 2024ގެ ފިރިހެން އޯޕަން ޑިވިޝަންގެ ދެވަނަ ބުރުގައި ދުނިޔޭގެ ވަރުގަދަ އެތުލީޓުން ހީޓުތައް ކާމިޔާބުކޮށްފިއެވެ.
ވިސިޓް މޯލްޑިވްސް ޕްރޯގެ ފޯރިގަދަ ހީޓުތައް އިއްޔެ އިން ފެށިގެން ރާޅުގަނޑުގައި ކުރިއަށްދާއިރު، މިއަދު ހެނދުނު ފެށީ ފިރިހެން އޯޕަން ކެޓަގަރީގެ ދެވަނަ ބުރުގައި އިއްޔެ ނިންމާނުލެވުނު ހީޓުތަކުންނެވެ. މިއަދު ހެނދުނު ފުރަތަމަ ވެސް ފެނިގެން ދިޔައީ ތަފާތު ވަރުގަދަ ހީޓެކެވެ. އެ ހީޓުގައި މީގެ ކުރިން ދެ ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ އަމައުރީ ލަވެއާއާއި މި ވަގުތު ދުނިޔޭ ރޭންކިންގެ އެއްވަނަ އަރްމިޑޭ ސޮލިވިއެރަސް ވާދަކޮށްފައިވެއެވެ. ހީޓު 12.75ގެ ސްކޯއަކުން އަރްމިޑޭ ކާމިޔާބު ކުރި އިރު، ދެވަނައަކީ އަމައުރީއެވެ. އޭނާގެ ސްކޯއަކީ 12.5 އެކެވެ.
ހީޓުގެ ތިންވަނައަށް ދިޔައީ މޮރޮކޯގެ ސާމީ ލާބީއާއި ހަތަރު ވަނައަށް ދިޔަ އެޑްމިން އަލްޑާނާ ވާދަކުރަން ޖެހޭނީ ރީޕަކަޝަން ބުރުގައެވެ.
މިއަދު ހެނދުނު ދެން ފެނިގެންދިޔަ ހީޓުގައި އެންމެފަހުން 2023 ވަނަ އަހަރު ބޭއްވި ވިސިޓް މޯލްޑިވްސް ޕްރޯ އިވެންޓްގެ ފިރިހެން އޯޕަން ބައިގެ ޗެމްޕިއަން ޕިއޭ ލުއީ ކޮސްޓެސް ފެނިގެންދިޔައެވެ. އޭނާ ނިންމާލީ އެ ހީޓުގެ ދެވަނައިގައެވެ. އެއީ 12.75ގެ ސްކޯ އަކާއެކުގައެވެ. ހީޓުގެ އެއްވަނަ ގެންދިޔައީ ކޭނަރީ އައިލެންޑްސްގެ އައިޓޯ އޮޖޭޑާއެވެ. އޭނާގެ ސްކޯއަކީ 13.4 އެކެވެ. ހީޓްގެ ތިންވަނައަށް ދިޔައީ ޗިލީގެ ޖޯކުއިން ސޮޓޯއެވެ. އޭނާގެ ފަހަތުން ހަތަރު ވަނައިގައި ނިންމީ ގަރީބު އަބްދަﷲ ފައީދެވެ.
އެ ބުރުގެ އެންމެފަހު ހީޓުގައި ޔޫރީ ވަލަޑާއޯއާއި ކްލެމެންޓް ލޮޑޭހޯ އަދި ޖަޕާނުގެ ހަޔަޓޯ އެނޮކީޑޯ އަދި ބަދެރުއްދީން އަލް ފަޖްހީ ވާދަކުރިއެވެ. ހީޓް ފަސޭހަކޮށް، 15.25ގެ ސްކޯއަކުން ގެންދިޔައީ ވަލަޑާއޯއެވެ. އޭނާއަކީ ދުނިޔޭގެ ޗެމްޕިއަނެކެވެ. އެ ހީޓުގެ ދެވަނައަކީ 12.25ގެ ސްކޯއެއް ހޯދި ލޮޑޭހޯއެވެ.
ވިސިޓް މޯލްޑިވްސް 2024 މި މަހުގެ ނުވަވަނަ ދުވަހާ ހަމައަށް ދެމިގެންދާއިރު، ޖުމުލަ 86 އެތުލީޓުން، 14 ގައުމަކުން މިފަހަރުގެ މުބާރާތުގައި ވާދަކުރެއެވެ.
މި އަހަރު މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރުގެ ގޮތުގައި "ވަން ސްޕޯޓްސް" ހަމަޖައްސާފައިވާ އިރު، މުބާރާތުގެ އެންމެފަހުގެ މައުލޫމާތު ގެނެސްދިނުމަށް ހާއްސަ ކަވަރޭޖެއް ގެނެސްދޭން "ވަން ސްޕޯޓްސް"އިން ވަނީ ނިންމައިފައެވެ.
ވިސިޓް މޯލްޑިވްސް ޕްރޯ
ވިސިޓް މޯލްޑިވްސް ޕްރޯ
ވިސިޓް މޯލްޑިވްސް ޕްރޯ