ރާއްޖޭގައި ކުރިއަށްދާ މިއަހަރުގެ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް (އެމްއޭއެފް)ގެ ޕާޓްނަރަކަށްވުމަށް، ދިރާގުން އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ) އާ ގުޅިއްޖެއެވެ.

ދިރާގުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެމްއޭއެފްއަކީ ޕްރޮފެޝަނަލުން ގުޅިގެން މަސައްކަތްކުރުމަށާއި އިލްމު ހިއްސާކުރުމަށް މުހިންމު ޕްލެޓްފޯމެއް ކަމަށެވެ. އަދި ދިވެހި ގިނަ އެކައުންޓެންޓުން އެއްތަނަކުން ބައްދަލުވެ، އެކައުންޓިން ކޮމިއުނިޓީގެ ތެރޭގައި އިތުބާރު އުފެއްދުމަށް މުހިންމު ފޯރަމެއް ކަމަށެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވަނީ، ފޯރަމްގެ ފުރަތަމަ ދުވަހު "ދަ ސީއެފްއޯ އެޒް އަ އިނޮވޭޓަރ: ލީޑިން އިން ދަ އޭޖް އޮފް އޭއައި އެންޑް އީއެސްޖީ" މި މައުލޫއަށް ކީނޯޓް ސްޕީޗް ދެއްވައިފައެވެ.

ދިރާގުން ބުނީ، ރާއްޖޭގެ އެކި ސިނާއަތްތައް ކުރިއަރުވައި، ކެޕޭސިޓީ އިތުރުކޮށް އިންޑަސްޓްރީތަކުގެ ސްޓޭކްހޯލްޑަރުން ކުރިއެރުވުމަކީ އެ ކުންފުނިން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމެއް ކަމަށެވެ. އެގޮތުން، އެމްއޭއެފް ފަދަ ފޯރަމްތަކަށް އެ ކުންފުނިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އިރު، އެ ފޯރަމްތަކަށް ޑައިނަމިކް ޕްލެޓްފޯމެއް ދިރާގުން ފޯރުކޮށްދޭ ކަމަށް ބުންޏެވެ.

އިއްޔެ ފެށި މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް ކުރިއަށްދާނީ ދެ ދުވަހުގެ މުއްދަތަކަށް ގައުމީ ޔުނިވާސިޓީގެ ސެންޓްރަލް އޮޑިޓޯރިއަމްގައެވެ.