ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ކުޅިވަރު އިވެންޓް، ބޮޑީބޯޑިން އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ ވިސިޓް މޯލްޑިވްސް ޕްރޯ 2024ގެ ފިރިހެން ޖޫނިއާ އިވެންޓްގެ ދެވަނަ ބުރަށް ރާއްޖޭގެ އިޔަން އަހުމަދު ދަތުރުކޮށްފިއެވެ.

ވިސިޓް މޯލްޑިވްސް ޕްރޯގެ ފޯރިގަދަ ހީޓުތައް އިއްޔެ އިން ފެށިގެން ރާޅުގަނޑުގައި ކުރިއަށްދާއިރު، ޖޫނިއާ ފުރަތަމަ ބުރާއި ޕްރިލިމިނަރީ ބުރުގެ ހީޓުތައް ފެށީ މިއަދުއެވެ. މިއަދު ރާއްޖޭގެ ނޫހު މުހައްމަދު އިރަޝާދާއި ނޫން މުހައްމަދު އިރުޝާދު ކެޓީ ޕްރިލިމިނަރީ ބުރުންނެވެ. އަދި ފުރަތަމަ ބުރުގެ ހީޓް އެކެއްގައި މުހައްމަދު ޖަރީޝް ޖިހާދު ވާދަކޮށް، އޭނާވެސް ކެޓި އިރު، އޭގެފަހުން ރާއްޖޭގެ މުހައްމަދު އަޒާންވެސް ވާދަކުރި ހީޓުން ކުރިއަކަށް ނުދެވުނެވެ.

ނަމަވެސް އިޔަން ވަނީ ވަރުގަދަ ހީޓެއްގައި ވާދަކޮށް، ދެވަނަ ހޯދައިގެން އަނެއް ބުރަށް ގޮސްފައެވެ. އެ ހީޓުގައި ދެން ވާދަކުރީ ސްޕެއިންގެ ކެވިން ޕެރޭޒާއި ޕޯޗުގަލްގެ ފްރެޑެރިކޯ ކަސްޓޭލޯ ބްރާންކޯއެވެ. އެ ހީޓުގެ އެއްވަނަ ހޯދީ ފްރެޑެރިކޯ ކަސްޓޭލޯއެވެ. އެއީ 11.5 ޕޮއިންޓާއެކުގައެވެ.

އިޔަން ހީޓުގެ ފަހު 10 ވަރަކަށް މިނެޓަށް ދިޔައިރު، ލީޑު ނަގައި، ނިމެންދެން އެ ލީޑު ދެމެހެއްޓިއެވެ. އިޔަން ނިންމާލީ 8.5 ޕޮއިންޓްގެ ސްކޯއަކުންނެވެ. އިޔަނާ ވާދަކުރި ޕެރޭޒަށް ލިބުނީ 7.45 ޕޮއިންޓެވެ. އިޔަން މިއަދު އިވެންޓް ކާމިޔާބުކޮށް މޫދުން އެރުމާއެކު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ދެކަނބަލުންނާއި އެމްބީބީއޭގެ ރައީސް ހުސައިން ނިޒާމް އަދި ރާޅު އާއިލާ އިން އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.

ވިސިޓް މޯލްޑިވްސް 2024، މި މަހުގެ ނުވަވަނަ ދުވަހާ ހަމައަށް ދެމިގެންދާއިރު، ޖުމުލަ 86 އެތުލީޓުން، 14 ގައުމަކުން މިފަހަރުގެ މުބާރާތުގައި ވާދަކުރެއެވެ.

މި އަހަރު މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރުގެ ގޮތުގައި "ވަން ސްޕޯޓްސް" ހަމަޖައްސާފައިވާ އިރު، މުބާރާތުގެ އެންމެފަހުގެ މައުލޫމާތު ގެނެސްދިނުމަށް ހާއްސަ ކަވަރޭޖެއް ގެނެސްދޭން "ވަން ސްޕޯޓްސް"އިން ވަނީ ނިންމައިފައެވެ.