މިދިޔަ އަހަރު ބޭއްވި ވިސިޓް މޯލްޑިވްސް، މޯލްޑިވްސް ޕްރޯ 2023ގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ހޯދި ޕިއޭ ލުއީ ކޮސްޓެސްއަކީ ބޮޑީބޯޑިންގައި އެންމެ އިހުތިރާމް ބޮޑު އެއް އެތުލީޓެވެ. އަރީކާ ޗެލެންޖްގެ ޗެމްޕިއަންކަންވެސް ތިން ފަހަރަށް ހޯދާފައިވާ ފްރާންސްގެ މަގުބޫލު ބޮޑީބޯޑަރުގެ ޕިއޭ ލުއީ ކޮސްޓެސް ވަނީ މީގެ ކުރިން ދެ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަންވެސް ހޯދައިފައެވެ. ޔަގީނުންވެސް ބޮޑީބޯޑިން ލެޖެންޑެކެވެ. ޝަރަފުވެރި އެތުލީޓެކެވެ. މަގާމު ދިފާއުކުރަން މިފަހަރުވެސް ރާޅުގަނޑަށް ލޯ އަޅާލައިގެން ހުރީ އިތުބާރާވެސް އެކުގައެވެ.
"ރާއްޖެ އެނބުރި އައުމަކީ އުފާވެރިކަމެއް. ރާއްޖެއަކީ އެންމެ ފުރިހަމަ އެއް ޓުއާ އިވެންޓް. މިދިޔަ އަހަރުތަކުގައި އެންމެ ސަޕްރައިޒިން ރަނގަޅު އިވެންޓަކީ ރާއްޖޭގެ އިވެންޓް. މިދިޔަ އަހަރު ރާއްޖޭގައި މުބާރާތް ކާމިޔާބުކުރެވުމަކީ ލިބުނު ޝަރަފެއް. މިއީ އޭޝިއާގައި ބާއްވާ އެންމެ ބޮޑު އެއް އިވެންޓް. އެހެންވީމަ އެ މޮޅު ހާއްސަވީ. އެހެންވިޔަސް އެއީ އުނދަގޫކަމެއް. އަލުން މަގާމު ދިފާއުކުރުމަކީ އުނދަގޫ ނަމަވެސް، ވަރަށް ބޭނުން ކަމެއް،" ޕިއޭ ލުއީ ކޮސްޓެސް 'ވަން ސްޕޯޓްސް'އަށް އިއްޔެ އެކްސްކްލޫސިވްކޮށް ބުންޏެވެ.
ޕިއޭ ލުއީ ކޮސްޓެސްއަށް ރާއްޖެ ހުރިހާ ގޮތަކުންވެސް ހާއްސައެވެ. އެތައް އަހަރެއް ވަންދެން ބޮޑީބޯޑިންގައި ހޭދަކޮށްފައިވާ ކާމިޔާބު އެތުލީޓަށް ރާޅުގަނޑުގެ ރާޅުތައް ތަފާތުވެސް މެއެވެ. އޭނާގެ ތަޖުރިބާގައި، ރާއްޖެއިން ބޭރުގައި އެތައް ފަރިތަކުރުންތަކެއް ކުރާ ނަމަވެސް، ރާއްޖޭގެ މާހައުލާއި މޫސުމަށް ހޭނުން މުހިއްމެވެ. އެކަންކޮށް، މިހާރު ހުރީ ފުރަތަމަ ފެނިލުމަށް ތައްޔާރަށެވެ.
"މިދިޔަ ދެ ދުވަހުގައިވެސް އަހަންނަށް ރަނގަޅަށް ފަރިތަކޮށްލެވުނު. ތެދަށް ބުނާކަމަށްވާނަމަ، މިތަނަށް އައުމުގެ ކުރިން ފުރިހަމަކުރި ތަމްރީނުތައް، ރާއްޖެއާ ވަރަށް ތަފާތު. މޫސުމާއި މީހުން އަދި އެހެން ހުރިހާ ކަމެއްވެސް ތަފާތު. އަހަރެން ރާއްޖެއަށް ހޭނެން ޖެހޭ. މި އިވެންޓުން މިހާރު ފެންނަ މަންޒަރުން 100 ޕަސެންޓް ނުދީ މި އިވެންޓް ކާމިޔާބުކުރުމަކީ ނުވާނެ ކަމެއް. އެއްވެސް އިވެންޓެއް ސޭފްކޮށް ކުޅެގެން މޮޅެއް ނުވާނެ. މިއީ އެންމެ އުނދަގޫ އެއް ޓުއާ އިވެންޓް މިހާރު. އެހެންވީމަ މި އިވެންޓް ޖެހިޖެހިގެން ދެވަނަ ފަހަރު ހޯދުން ވެގެންދާނީ ތަފާތު އުފާވެރިކަމަކަށް،" އޭނާގެ މަގާމު ދިފާއުކުރަން ތައްޔާރަށް ހުރި ޕިއޭ ލުއީ ކޮސްޓެސް އިތުރަށް ބުންޏެވެ.
ޕިއޭ ލުއީ ކޮސްޓެސްގެ ހުނަރުވެރިކަން އިއްޔެގެ ހީޓްތަކުގައި ނުފެނުނު ނަމަވެސް، އޭނާގެ އެނބުރި އައުން މިއަދު ފެންނާނެއެވެ. މިއަދު ފިރިހެން އޯޕަން ޑިވިޝަންގެ ދެވަނަ ބުރުގެ ހީޓްތަކުގެ ތެރެއިން، ދެވަނަ ހީޓްގައި ޕިއޭ ލުއީ ކޮސްޓެސް ފެނިގެންދާނެއެވެ. އޭނާގެ ފުރަތަމަ ވާދަވެރިންނަކީ މިވަގުތު ދުނިޔޭ ރޭންކިންގެ ހަތްވަނައިގައި އޮތް ޗިލީގެ ޖޯކުއިން ސޮޓޯއާއި ކޭނަރީ އައިލެންޑްސްގެ އައީޓޯ އޮޖޭޑާ އަދި މޮރޮކޯގެ ގަރީބް އަބްދުލްހަފީޒެވެ.
ވިސިޓް މޯލްޑިވްސް ޕްރޯ
ވިސިޓް މޯލްޑިވްސް ޕްރޯ
ވިސިޓް މޯލްޑިވްސް ޕްރޯ