ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ކުޅިވަރު އިވެންޓް، ބޮޑީބޯޑިން އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ ވިސިޓް މޯލްޑިވްސް ޕްރޯ 2024 މިއަދު ރާޅުގަނޑުގައި ފެށިގެން ކުރިއަށްދާ އިރު، ފިރިހެން އޯޕަން ޑިވިޝަންގެ ދެވަނަ ބުރުގައި ދުނިޔޭގެ މަގުބޫލު އެތުލީޓުން ތަފާތު ދައްކައިފިއެވެ.

ވިސިޓް މޯލްޑިވްސް ޕްރޯ ރަސްމީކޮށް ފެށީ އިއްޔެ ރާޅުގަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތަކާއެކުއެވެ. މުބާރާތުގެ ވާދަވެރި ހީޓުތައް މިއަދު ހެނދުނު ފަށާފައިވާ އިރު، އެންމެ ވަރުގަދަކޮށް މިއަދު ފެނުނީ ފިރިހެން އޯޕަންގެ ދެވަނަ ބުރުގެ ހީޓްތަކެވެ.

ދެވަނަ ބުރުގެ ފުރަތަމަ ހީޓްގައި ބޮޑީބޯޑިންގައި ރެކޯޑު 10 ވޯލްޑް ޓައިޓަލް ހޯދާފައިވާ ޑޭވިޑް ހުބާޑް ވަނީ 12.6 ގެ ސްކޯއަކުން ހީޓްގެ އެއްވަނަ ހޯދައިފައެވެ. އެ ހީޓްގައި މިވަގުތު ދުނިޔޭގެ 15 ވަނައިގައި އޮތް ރިޔޫނިއަން އައިލެންޑްގެ ފެބިއަން ތާޒާރުވެސް ވާދަކޮށް، އޭނާ ވަނީ ދެވަނަ ހޯދައިފައެވެ. އޭނާގެ ސްކޯއަކީ 11.75 އެކެވެ.

ނޮން އެލިމިނޭޝަން އުސޫލަށް ދެވަނަ ބުރުގެ ހީޓްތައް ކުރިއަށްދާ އިރު، ކޮންމެ ހީޓެއްގެވެސް އެންމެ މޮޅު ދެ އެތުލީޓުން ތިންވަނަ ބުރުގެ ސީދާ ޖާގަ ލިބޭނެއެވެ. އަދި ތިންވަނައާއި ހަތަރު ވަނައަށް ދާ އެތުލީޓުން އަލުން އިތުރު ބުރެއްގައި ވާދަކޮށް، އެއް އެތުލީޓަކަށް ތިންވަނަ ބުރަށް ދެވޭނެއެވެ. އެ ބުރުގެ ހީޓްތައް އޮންނާނީ މާދަމާއެވެ.

ދެވަނަ ބުރުގެ ފުރަތަމަ ހީޓްގައި ރާއްޖޭގެ އަހުމަދު ނަޒްމީން ވާދަކޮށް، އޭނާ ދިޔައީ ހަތަރުވަނައަށެވެ. އެއީ 9.1 ގެ ސްކޯއަކުންނެވެ. އެ ހީޓްގެ ތިންވަނަ އަކީ މޮރޮކޯގެ ޔަސީން އެލްގަޒަލެވެ.

ދެވަނަ ބުރުގެ ދެވަނަ ހީޓްގައި ފްރާންސްގެ އީތަން ކެޕްޑެވިޔާ ވަނީ ތަފާތު ދައްކައިފައެވެ. އޭނާ ޖުމުލަ 12.25 ގެ ސްކޯއަކުން ހީޓް ކާމިޔާބުކުރިއެވެ. ކެޕްޑެވިޔާއަކީ މިހާރުވެސް ދުނިޔޭ ރޭންކިންގެ ހަވަނައިގައި އޮތް އެތުލީޓެކެވެ. ހީޓްގެ ދެވަނަ ހޯދައި ތިންވަނަ ބުރަށް ދިޔައީ މޮރޮކޯގެ ބްރަހީމް އިދޫޗެވެ. އޭނާ ވަނީ 10.4 ގެ ސްކޯއެއް ހޯދައިފައެވެ. އެ ހީޓްގެ ތިންވަނައަކީ ޕޯޗުގަލްގެ ފެޑެރީކޯ ކަސްޓެލޯ ބްރާންކޯއެވެ. ހަތަރުވަނައަކީ އީތަން ޕެރޭޒެވެ. އެއީ ސްޕެއިންގެ ބޮޑީބޯޑަރެކެވެ.

ދެވަނަ ބުރުގެ ތިންވަނަ ހީޓް ފެނުނީ ވާދަވެރިކޮށެވެ. އެ ހީޓްގައި ދުނިޔޭގެ 11 ވަނައިގައި މިހާރު އޮތް ސޮކްރޭޓްސް ސަންޓާނާއާއި މެކްޒިމް ކަސްޓީލޯ އަދި މިދިޔަ އަހަރުގެ ވިސިޓް މޯލްޑިވްސް ޕްރޯގެ ޖޫނިއާ ޗެމްޕިއަން ހޯހޭ ހެނާންޑޭޒް އަދި ޖޫނިއާ ރޭންކިން އެއްވަނައިގައި އޮތް އެލެކްޒެންދާ މޮންޓެސް ވާދަކުރިއެވެ. އެއްވަނަ ހޯދީ ބްރެޒިލްގެ ސޮކްރޭޓެސް އެވެ. އޭނާ ވަނި 15.25 ގެ ސްކޯއެއް ހޯދައިފައެވެ.

ކަސްޓީއޯ ދެވަނަ ހޯދި އިރު، ތިންވަނައަކީ ހެނާންޑޭޒްއެވެ. މޮންޓެސް ދިޔައީ ހަތަރު ވަނައަށެވެ.

ދެވަނަ ބުރުގެ ހަތަރުވަނަ ހީޓްގައި ރާއްޖޭގެ އާމިން އުމަރު މޫސާވެސް ވާދަކޮށްފައިވާ އިރު، އޭނާ ދިޔައީ ހަތަރު ވަނައަށެވެ. ސްކޯއަކީ 6.75 އެވެ. އެ ހީޓްގެ އެއްވަނަ، 11.25 ޕޮއިންޓާއެކު ހޯދީ މިވަގުތު ދުނިޔޭގެ ދެވަނައިގައި އޮތް ބްރެޒިލްގެ ގެބްރިއަލް ބްރާގާއެވެ. ދެވަނަ ހޯދީ ޖޫނިއާ ރޭންކިން ހަތަރުވަނައިގައި އޮތް ޕެރޫގެ ވަރުގަދަ އެތުލީޓް މިޝީލް ޔަންޗޭއެވެ. ތިންވަނައަކީ ބްރެޒިލްގެ އެޑާ ލޫސިއާނޯއެވެ.

މިއަދުގެ ފިރިހެން އޯޕަން ޑިވިޝަންގެ އެންމެ ފަހު ހީޓަކީ ދުނިޔޭގެ ތިންވަނައިގައި އޮތް ސައުތު އެފްރިކާގެ ޓްރިސްޓަން ރޮބާޓްސްއާއި ފްރާންސްގެ ޔޯން ސަލާއުން، ޕޯޗުގަލްގެ ޖޮއެލް ރޮޑްރީގޭޒް އަދި ރާއްޖޭގެ އަލީ ޝާމް ރާފިއު ވާދަކުރި ހީޓެވެ. އެ ހީޓްގެ އެއްވަނަ ގެންދިޔައީ ސަލާއުންއެވެ. އެއީ 13.75 ގެ ސްކޯއަކުންނެވެ. ދެވަނަ ޓްރިސްޓަން ހޯދީ 13.25 ގެ ސްކޯއަކުންނެވެ. ޝާމް ހަތަރުވަނައަށް ދިޔަ އިރު، އޭނާގެ ސްކޯއަކީ 11.1 އެކެވެ. ތިންވަނަ ހޯދީ ޖޮއެލްއެވެ.

މިއަދު އަންހެން އޯޕަން ޑިވިޝަންގައި ފުރަތަމަ ޕްރިލިމިނަރީ ހީޓްތައް އަޅާފައިވާ އިރު، ޖަޕާނުގެ ހަރުކާ ޔަސޫމީއާއި ރިން ކޮމަޓްޒުޒާކީ، ޕޯޗުގަލްގެ މަރިއާނާ ރޯސާ، ޖަޕާނުގެ ސާރާ އަބީކޯއެ ބުރުން ފުރަތަމަ ބުރަށް ދިޔައެވެ.

ފުރަތަމަ ބުރުގެ ފުރަތަމަ ހީޓުން އޮސްޓްރިއާގެ އެލެކްސެންޑްރާ ރިންޑާ އަދި ބްރެޒިލްގެ ނިކޯލް ކަލޭރޯސް އަނެއް ބުރަށް ދިޔަ އިރު، ޕޯޗުގަލްގެ ލުއާނާ ޑޯރާޑޯ އަދި މަރިއާނާ ރޯސާ ވަނީ ދެވަނަ ހީޓުން އަނެއް ބުރަށް ގޮސްފައެވެ. އަދި އޭގެ އިތުރުން ޖަޕާނުގެ ކައިރާ ޝިރަހާސޭއާއި ކޭނަރީ އައިލެންޑްސްގެ ޓެރޭސާ މިރާންޑާ، ދެކުނު އެފެރިކާގެ ޕަމޭލާ ބޯރެން، ޖަޕާނުގެ ސާރާވެސް ދެވަނަ ބުރަށް ދިޔައެވެ.

އަންހެން ޑިވިޝަނުގައި ދެން އޮންނާނީ ދެވަނަ ބުރުގެ މެޗުތަކެވެ.