ކުރިއަށްއޮތްތަނުގައި ސަރުކާރުގެ އަމާޒަކީ ސްކޫލު ތައުލީމު ނިންމާ ގްރޭޑަކީ 12 އަށް ހެދުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އޯލެވެލް އިމްތިހާނުގެ ތިން މާއްދާއިން ފާސްވިޔަސް ސަރުކާރުގެ ސްކޫލުތަކުގައި އޭލެވެލް ކިޔެވޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދާދިފަހުން އުސޫލު ބަދަލުކޮށްފައެވެ. ސަރުކާރުގެ ސްކޫލްތަކުގައި އޭލެވެލަށް ކިޔަވަން މިހާރު ފުރުސަތު ދެނީ އޯލެވެލް އިމްތިހާނުގައި މަޖުބޫރު ހަތަރު މާއްދާއާއި އިތުރު އެއް މާއްދާއަކާ އެކު، ޖުމުލަ ފަސް މާއްދާއިން ދަށްވެގެން ސީ ފާސް ލިބިގެންނެވެ.

ޕީއެސްއެމްގެ "ހެނދުނުހެނދުނާ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުހައްމަދު ވިދާޅުވީ ކުއްޖާގެ އުމުރުން 18 އަހަރުވަންދެން ތައުލީމީ ނިޒާމުގެ ތެރެއިން ވީހާވެސް ފުޅާ ދާއިރާއެއްގައި އުނގެނުމުގެ ފުރުސަތު ދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

"އަޅުގަނޑުމެންގެ މަގުސަދަކީ އޭލެވެލް ވީހާ ވެސް ބޮޑަކަށް ފުޅާކުރުން. ސަރުކާރުގެ އަމާޒަކީ ސްކޫލު ތައުލީމު ނިންމާ ގްރޭޑަކީ، ގްރޭޑު 12 އަށް ހެދުން،" އޭނާ ވިދާޅުވިއެވެ.

އަހުމަދު މުހައްމަދު ވިދާޅުވީ ދިވެހި ޓީޗަރުން އިތުރުކުރުމަށް އިސްކަންދިނުމުގެ ގޮތުން ކުރިމަގުގައި ޓީޗަރަކަށް ވުމުގެ ފުރުސަތު ބޭނުންވާ ދަރިވަރުންނަށް މިނިސްޓްރީއާއެކު ބެލެނިވެރިންނާއި ދަރިވަރުން ހަދާ އެއްބަސްވުމެއްގެ ދަށުން އެ ދަރިވަރުންނަށް 1500 ރުފިޔާގެ އެލަވަންސެއް ދޭން ނިންމާފައިވާ ކަމަށެވެ.

މިނިސްޓްރީން ސަރުކާރުގެ ސްކޫލުތަކަށް މިދިޔަ މަހުގެ 18 ވަނަ ދުވަހު ފޮނުވާފައިވާ ސާކިއުލާގައިވާ ގޮތުން ގްރޭޑް 11،12 ގައި ކިޔެވުމުގެ އުސޫލަށް އެޑިއުކޭޝަން މިނިސްޓްރީން ގެނައި ބަދަލުތަކަކީ:

  • އެސްއެސްސީ އިމްތިހާނުގެ ދިވެހި ނުވަތަ އިސްލާމް މާއްދާ އިން ދަށްވެގެން ސީ ފާހެއް ލިބުމާ އެކު، އޯލެވެލް އިމްތިހާނުން ކޮންމެވެސް އެއް ސްޓްރީމަކުން މަދުވެގެން ދެ މާއްދާ އިން ދަށްވެގެން ސީ ފާހެއް ލިބުމާ އެކު، އިތުރު އެއް މާއްދާ އިން ދަށްވެގެން ސީ ފާހެއް ލިބިފައިވުން
  • އޯލެވެލް އިމްތިހާނުން ކޮންމެވެސް ތިން މާއްދާއަކުން ދަށްވެގެން ސީ ފާސް ލިބިފައިވުން
  • އިންޑިވިޖުއަލް އެޑިއުކޭޝަން ޕްލޭނެއްގެ ދަށުން (އައިއީޕީ) އިމްތިހާނު ހަދާ ދަރިވަރުން ސާނަވީ ނިންމާ އިމްތިހާނުގައި ބައިވެރިވި މާއްދާތަކުގެ ތެރެއިން ދެ މާއްދާ އިން ދަށްވެގެން ސީ ފާހެއް ލިބިފައިވުން
  • ދަރިވަރުން ކިޔަވަން ބޭނުންވާ މާއްދާ ނުވަތަ މާއްދާތަކުން ސާނަވީ ނިންމައި އިމްތިހާނަކުން ދަށްވެގެން ސީ ފާހެއް ލިބިފައިވުމާއެކު ސްކޫލުގައި ޖާގަ އޮތް ނަމަ އެ ދަރިވަރަކަށް ފުރުސަތު ދިނުން

އެޑިއުކޭޝަން މިނިސްޓްރީގެ ސާކިއުލާގައި ބުނެފައިވާ ގޮތުން އޭލެވެލަށް ކިޔެވުމަށް ފުރުސަތު ދިނުމުގައި ބަލާނީ އޭގެ ކުރީގެ ދެ އަހަރުގެ އެސްއެސްސީ، އޯލެވެލް އަދި ބީޓެކް އިމްތިހާނުގެ ނަތީޖާއަށެވެ. އަދި ފުރުސަތު ދޭނީ މި އަހަރުގެ ޑިސެމްބަރު 31 އަށް އުމުރުން 18 އަހަރު ނުފުރޭ ދަރިވަރުންނަށް ކަމަށް ވެސް ބުނެފައިވެއެވެ.

ސާކިއުލާގައި އިތުރަށް ބުނެފައިވަނީ ގްރޭޑް 11 އަށް ވަނުމަށް ހުށަހަޅާފައިވާ ހުރިހާ ދަރިވަރުންނަށް ސްކޫލުން ޖާގަ ދެވެން ނެތް ނަމަ، އެ ސްކޫލުގައި ޖާގަ އޮތް އަދަދަށް ބަލައި ހުށަހަޅާފައިވާ ދަރިވަރުންގެ ތެރެއިން ނަތީޖާ އެންމެ ރަނގަޅު ދަރިވަރުންނަށް ފުރުސަތު ދިނުމަށެވެ.