ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ކުޅިވަރު އިވެންޓް، ބޮޑީބޯޑިން އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ ވިސިޓް މޯލްޑިވްސް ޕްރޯ 2024 މިއަދު ރާޅުގަނޑުގައި ފެށިގެން ކުރިއަށްދާ އިރު، ރާއްޖޭގެ އަލީ ޝާމް ރާފިއުވެސް ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
ވިސިޓް މޯލްޑިވްސް ޕްރޯ ރަސްމީކޮށް ފެށީ އިއްޔެ ރާޅުގަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތަކާއެކުއެވެ. މުބާރާތުގެ ވާދަވެރި ހީޓުތައް މިއަދު ހެނދުނު ފަށާފައިވާ އިރު، ފުރަތަމަ ބުރުގެ ފުރަތަމަ ހީޓްތަކުން އާމިން އުމަރު މޫސާއާއި އަހުމަދު ނަޒްމީންވެސް ވަނީ ދެވަނަ ބުރު ޔަގީންކޮށްފައެވެ.
ޝާމް ދެވަނަ ބުރަށް ދިޔައީ އޭނާ ވާދަކުރި ހީޓްގެ ދެވަނަ ހޯދައިގެންނެވެ. ޝާމް ހީޓްގައި 9.1 ގެ ސްކޯއެއް ހޯދިއެވެ. އެ ހީޓްގެ އެއްވަނަ ހޯދީ ސާމީ ލާބީއެވެ. އެއީ މޮރޮކޯގެ އެތުލީޓެކެވެ. އެ ހީޓްގެ ތިންވަނަ މުހައްމަދު ކައިފް ހޯދީ، 7.3 ގެ ސްކޯއަކުންނެވެ. ހީޓްގެ ފުލަށް ދިޔައީ އިރްވިން ކްލޯރެކެވެ.
ދެވަނަ ބުރުގައި ރާއްޖޭގެ ނަޒްމީން ވާދަކުރަން ޖެހޭނީ އެ ބުރުގެ އެއްވަނަ ހީޓްގައެވެ. އަދި އާމިން ވާދަކުރާނީ އެ ބުރުގެ ހަތަރުވަނަ ހީޓްގައެވެ. ޝާމް ވާދަކުރަން ޖެހޭނީ ދެވަނަ ބުރުގެ ފަސްވަނަ ހީޓްގައެވެ.
ވިސިޓް މޯލްޑިވްސް 2024، މިމަހުގެ ނުވަވަނަ ދުވަހާ ހަމައަށް ދެމިގެންދާ އިރު، ޖުމުލަ 86 އެތުލީޓުން، 14 ގައުމަކުން މިފަހަރުގެ މުބާރާތުގައި ވާދަކުރެއެވެ.
މި އަހަރު މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރުގެ ގޮތުގައި "ވަން ސްޕޯޓްސް" ހަމަޖައްސާފައިވާ އިރު، މުބާރާތުގެ އެންމެފަހުގެ މައުލޫމާތު ގެނެސްދިނުމަށް ހާއްސަ ކަވަރޭޖެއް ގެނެސްދޭން "ވަން ސްޕޯޓްސް"އިން ވަނީ ނިންމައިފައެވެ.
ވިސިޓް މޯލްޑިވްސް ޕްރޯ
ވިސިޓް މޯލްޑިވްސް ޕްރޯ
ވިސިޓް މޯލްޑިވްސް ޕްރޯ