ގޭބިސީތަކާއި ސަރުކާރުގެ އިދާރާތަކާއި އެކިއެކި ކުންފުނިތަކާއި ވިޔަފާރިވެރިންގެ ބިލު ހެދުމުގައި ސްޓެލްކޯއިން މަކަރެއް ހަދާފައި ނުވާނެ ކަމަށާއި ބިލު ކުރަނީ މީޓަރަށް ބަލައިގެން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯ ބިލްޑިންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ ސްޓެލްކޯއަކީ މިއަހަރު 75 އަހަރު ފުރޭ ދުވަސްވީ ކުންފުންޏެއް ކަމަށާއި ސްޓެލްކޯގެ ބިލިން އިންޓެގްރިޓީއާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

"އަޅުގަނޑު އެހެން ބޭފުޅުންނަށް ދައުވަތު އަރުވާލަން، މުއައްސަސާތަކަށް ދައުވަތު އަރުވާލަން، ވަޑައިގަންނަވާށޭ، އަޅުގަނޑުމެން އޯޕަންލީ އެ ސިސްޓަމް ދައްކާނަން. އެހެންނަމަވެސް މިކަހަލަ އިންވިޓޭޝަން ދިނީމަ ބައެއް ފަހަރު އެބޭފުޅުން އެބަ ވިދާޅުވޭ ތިބޭފުޅުންގެ ޑާޓާބޭސް ދޭށޭ، އަޅުގަނޑުމެންނަށް އެކަމެއް ނުކުރެވޭނެ،" ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ އެ ސިސްޓަމްގެ މައުލޫމާތުތައް ހާމަނުކުރެވޭ ސަބަބަކީ އެއީ ރައްޔިތުންގެ ވަރަށް ގިނަ ފަރުދުންތަކެއްގެ ޒާތީ މައުލޫމާތު އެކުލެވޭ ސިސްޓަމަކަށް ވުމުން ކަމަށެވެ.

"އަޅުގަނޑު މި ދައުވަތު އަރުވަނީ ހުރިހާ މުއައްސަސާތަކަށް. ދައުލަތުގެ މިނިވަން މުއައްސަސާތަކަށް، ކަމާބެހޭ މުއައްސަސާތަކަށް، ހުރިހާ މުއައްސަސާތައް ވަޑައިގެންދެއްވާ. އަޅުގަނޑުމެން، އަޅުގަނޑުމެންގެ ސިސްޓަމް ވަރަށް ސާފުކޮށް ދައްކާނަން، ބިލުކުރާ ގޮތާއި ބިލު ހެދޭ ގޮތާއި ބިލިން ހިސްޓަރީ އަދި އަޅުގަނޑުމެންގެ ސިސްޓަމް ލިޔެވިފައި މިހުރި ގޮތާ،" ފަހުމީ ވިދާޅުވިއެވެ.

ފަހުމީ އިތުރަށް ވިދާޅުވީ ސްޓެލްކޯގެ ރީޑިންގްއާ ދޭތެރޭ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި އަދި ފާއިތުވި މަސްތަކުގެ ބިލަށް ވުރެ ފަހުން އައިސްފައި އޮތް ބިލު ބޮޑުނަމަ ސްޓެލްކޯއިން އެކަން ބަލަމުންގެންދާނެ ކަމަށެވެ.

"އެއާ ދޭތެރޭ އަޅުގަނޑުމެންގެ އެއްވެސް ޝައްކެއް ނެތް. އެހެންވީމާ ޔަގީންކުރައްވާ އަޅުގަނޑުމެން ބިލު ހެދުމުގެ އެއްވެސް ކަހަލަ އޮޅުވާލުމެއް، އެއްވެސް ކަހަލަ މަކަރާއި ހީލަތެއް ނޫޅޭނެ. އަޅުގަނޑުމެންގެ ބިލިން ސިސްޓަމަކީ ރައްޔިތުން އިތުބާރުކުރާ ބިލިން ސިސްޓަމެއްގެ ގޮތަށް އަޅުގަނޑުމެން ދެކެނީ،" ފަހުމީ ވިދާޅުވިއެވެ.

މާލޭގެ އާބާދިއަށް ބަލާއިރު 70،000 އެއްހާ ކަސްޓަމަރުން އުޅޭ ތަނެއްގައި ބިލު ބޮޑުވާ އަސްލު ސަބަބު ދެނެގަނެވޭނީ އެނާޖީ އޮޑިޓެއް ހެދީމަ ކަމަށާއި އެގޮތުން އާދަޔާ ހިލާފަށް ބިލު ބޮޑު ގޭބިސީތަކުގެ އޮޑިޓެއް ހަދައި، ބިލު ބޮޑުވާ ސަބަބު އެ ކަސްޓަމަރުންނަށް ސާފުކޮށްދޭނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.