މިދިޔަ މަހާ އަޅައިބަލާއިރު މިމަހު ދޫކުރި ބިލުތަކުގެ ތެރެއިން 94 ޕަސަންޓު ބިލު ކުޑަވެފައިވާ ކަމަށާއި އާދަޔާ ހިލާފަށް ބިލު ބޮޑު ގޭބިސީތަކުގެ އޮޑިޓެއް ހަދާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ މިމަހު ލިބުނު ޝަކުވާތައް ކޮންމެވެސް ވަރަކަށް މަދު ކަމަށާއި އެހެންނަމަވެސް ބިލު ބޮޑުވެފައިވާ ރައްޔިތުންނަށް ވާނުވާ އެނގެން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ޖުމުލަ ގޮތެއްގައި އަޅުގަނޑުމެން ބަލައިލި އިރުގައި، މިމަހު ގާތްގަނޑަކަށް އަޅުގަނޑުމެން އިޝޫކުރި ބިލުތަކުގެ ތެރެއިން 94 ޕަސަންޓު ބިލު ވަނީ ކުޑަވެފައި، މިިދިޔަ މަހަށްވުރެ. އެހެންނަމަވެސް މާލެއަށް ބަލާ އިރު، ހަ ޕަސަންޓު ބިލު އެބައުޅޭ އިންތިހާއަށް ބޮޑު. އަޅުގަނޑުމެންނަށް ވެސް އޭގެ އެކްސްޕްލެނޭޝަނަރީ ބޭނުންވާ އަދި އެކްސްޕްލެނޭޝަން ކަސްޓަމަރުންނަށް ވެސް ބޭނުންވާނެ ކަމަށް ގަބޫލުކުރާ ހަ ޕަސަންޓެއް އެބައުޅޭ. ހުޅުމާލޭގައި މި އަދަދަށް ބަލާ އިރުގައި 15 ވަރަކަށް ޕަސަންޓު އެބައުޅޭ ބިލު ވަރަށް ބޮޑު،" އޭނާ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ބިލު އެހާ ބޮޑުވި ގޭބިސީތަކުން ބިލު ބޮޑުވި ސަބަބު ބަލައި ކަސްޓަމަރުންނަށް އެ މައުލޫމާތު ދޭން ޖެހޭ ކަމަށާއި އެހެންކަމުން އެކަމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެން މި ގަސްދުކުރީ އަޅުގަނޑުމެންގެ ޓީމެއް ފޮނުވައިގެން މި އެޕާޓްމަންޓުތަކުން އަޅުގަނޑުމެން ސްޓެޓިސްޓިކަލީ ފުރަތަމަ ބަލާނަން، ކޮން ތަންތަނަކަށްތޯ ވިސިޓް ކުރާނީ. ބިލު ބޮޑުވާ މި ދެންނެވި 15 ޕަސަންޓު އަދި މާލޭގެ ހަ ޕަސަންޓު ގޭބިސީތަކަށް އަޅުގަނޑުމެން ވިސިޓްކުރަން މި ގަސްދުކުރީ. އެ އެޕާޓްމަންޓުތަކަށް ވިސިޓްކޮށްފައި އަޅުގަނޑުމެން އެނާޖީ އޮޑިޓެއް ކުރަން މި ނިންމީ،" އޭނާ ވިދާޅުވިއެވެ.

ފަހުމީ އިތުރަށް ވިދާޅުވީ އެ ގޭބިސީތަކުގެ ހާލަތު ބަލައި، އެތަންތަނުގައި ބޭނުންކުރަނީ ކޮން ކަހަލަ އާލާތްތަކެއްތޯ، ކޮން ކަހަލަ އެއާކޮންޑިޝަންތަކެއްތޯ، އަދި ބޭނުންކުރާ ޖުމުލަ އެޕާޓްމަންޓުގެ އިންސިއުލޭޝަން ހުރީ ކިހިނެއްތޯ ބަލައިގެން، އެ ކަސްޓަމަރުންނަށް އެ މައުލޫމާތު ފޯރުކޮށްދެއްވާނެ ކަމަށެވެ. އަދި އޭރުން އެ ކަސްޓަމަރުންނަށް ވެސް ކަރަންޓު އިގުތިސާދު ކުރުމަށް ކުރެވިދާނެ ކަންތައްތަކެއް އޮތްތޯ ބަލައި، އެކަންތައްތައް ފިޔަވަޅު އެޅުމަށް ފަސޭހަވާނެ ކަމަށް ވިދާޅުވިއެވެ.