ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ކުޅިވަރު އިވެންޓް، ބޮޑީބޯޑިން އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ ވިސިޓް މޯލްޑިވްސް ޕްރޯ 2024 މިއަދު ރާޅުގަނޑުގައި ފެށިގެން ކުރިއަށްދާ އިރު، ރާއްޖޭގެ އެންމެ އުންމީދީ ބޮޑީބޯޑަރު އާމިން އުމަރު މޫސާ، ވަރުގަދަ ހީޓެއްގައި ވާދަކޮށް ދެވަނަ ބުރު ޔަގީން ކޮށްފިއެވެ.
ވިސިޓް މޯލްޑިވްސް ޕްރޯ ރަސްމީކޮށް ފެށީ އިއްޔެ ރާޅުގަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތަކާއެކުއެވެ. މުބާރާތުގެ ވާދަވެރި ހީޓުތައް މިއަދު ހެނދުނު ފަށާފައިވާ އިރު، ފުރަތަމަ ބުރުގެ ފުރަތަމަ ހީޓްގައި ރާއްޖޭގެ އަލީ ޖާވިދު ވާދަކޮށް، އޭނާއަށް ކުރިއަށް ދެވޭ ގޮތެއް ނުވިއެވެ. އެހެން ނަމަވެސް ދެން ޖެހިގެން އައި ހީޓްގެ ދެވަނަ ހޯދައި ރާއްޖޭގެ އަހުމަދު ނަޒްމީން ވަނީ ދެވަނަ ބުރަށް ގޮސްފައެވެ. އެއީ 6.4 ގެ ސްކޯއަކާއެކުގައެވެ. އެ ހީޓްގެ އެއްވަނަ ހޯދީ ޕޯޗުގަލްގެ ފްރެޑެރީކޯ ކަސްޓޭލޯ ބްރާންކޯއެވެ.
އޭގެފަހުން ކުރިއަށް ދިޔަ ހީޓް ވާދަވެރިކޮށް ދިޔަ އިރު، މިދިޔަ އަހަރުގެ ވިސިޓް މޯލްޑިވްސް ޕްރޯ އިވެންޓްގެ ޖޫނިއާ ޗެމްޕިއަންކަން ހޯދި ކެނެރީ އައިލެންޑްގެ ހޯހޭ ހެނާންޑޭޒް ހީޓްގެ އެއްވަނަ ހޯދީ ބޮޑު ސްކޯއަކުންނެވެ. އެއީ ޖުމުލަ 13.5 ޕޮއިންޓް ހޯދައިގެންނެވެ. އާމިން އެ ހީޓްގެ ދެވަނަ ފަހު ވަގުތު ހޯދީ، މޮރޮކޯގެ އަބްދީ މުހައްމަދު މައްޗަށް ކުރި ހޯދައިގެންނެވެ. އެއީ 10.9 ގެ ސްކޯއަކުންނެވެ. އާމިން ވަނީ ފަހު ކޮޅަށް ގޮސް، 7.5 ސްކޯގެ ރާޅެއް އަޅައިފައެވެ.
ދެވަނަ ބުރުގައި ރާއްޖޭގެ ނަޒްމީން ވާދަކުރަން ޖެހޭނީ އެ ބުރުގެ އެއްވަނަ ހީޓްގައެވެ. އަދި އާމިން ވާދަކުރާނީ އެ ބުރުގެ ހަތަރުވަނަ ހީޓްގައެވެ.
ވިސިޓް މޯލްޑިވްސް 2024، މިމަހުގެ ނުވަވަނަ ދުވަހާ ހަމައަށް ދެމިގެންދާ އިރު، ޖުމުލަ 86 އެތުލީޓުން، 14 ގައުމަކުން މިފަހަރުގެ މުބާރާތުގައި ވާދަކުރެއެވެ.
ވިސިޓް މޯލްޑިވްސް ޕްރޯ
ވިސިޓް މޯލްޑިވްސް ޕްރޯ
ވިސިޓް މޯލްޑިވްސް ޕްރޯ