ހަމާސްގެ ލީޑަރު ގަތަރުގައި ފަސްދާނުލައިފިއެވެ.

ހަމާސްގެ އެންމެ އިސްލީޑަރު އިސްމާއިލް ހަނިއްޔާ ގަތަރުގައި ފަސްދާނުލާފައިވާ އިރު، އެ ޖަނާޒާގައި އެތައްސަތޭކަ ބަޔަކު ވަނީ ބައިވެރިވެފައެވެ.

ގަތަރުގެ އިމާމް މުހައްމަދު ބިން އަބްދުލް ވައްހާބު މިސްކިތުގައި ހަނިއްޔާގެ ކަށުނަމާދު ބާއްވާފައިވާ އިރު، ހަނިއްޔާ ފަސްދާނުލާފައިވަނީ ގަތަރުގެ ލުސައިލް އަވަށުގައެވެ.

ހަނިއްޔާގެ ޖަނާޒާގައި ބައެއް ގައުމުތަކުގެ އިސްފަރާތްތަކުން ވެސް ބައިވެރިވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. އޭގެތެރޭގައި ތުރުކީގެ ނައިބު ރައީސް ޗެވްދެތު ޔިލްމާޒްގެ އިތުރުން އެގައުމުގެ ފޮރިން މިނިސްޓަރު ހަކާން ފިދާން ވެސް ހިމެނިވަޑައިގެންނެވިއެވެ.

ހަނިއްޔާ އަވަހާރަކޮށްލާފައިވަނީ މިދިޔަ ބުދަ ދުވަހު އިރާނުގައި ހުންނަވަނިކޮށް، އިރާނުގެ އާ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްފަހު ހަނިއްޔާ ހުންނަވާ ގެކޮޅަށް ވަޑައިގަތުމާއެކު އެ ގެ ގޮއްވާލައި ދިން ހަމަލާއެއްގައެވެ. އެ ހަމަލާގެ ފަހަތުގައި ވަނީ އިސްރާއީލު ކަމަށް ތުހުމަތު ކުރެވޭ އިރު، އެއްވެސް ފަރާތަކުން އަދި އެ ހަމަލާގެ ޒިންމާ އުފުލާފައިނުވެއެެެވެ.