ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ކުޅިވަރު އިވެންޓް، ބޮޑީބޯޑިން އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ ވިސިޓް މޯލްޑިވްސް ޕްރޯ 2024 މިއަދު ރަސްމީކޮށް ފަށައިފިއެވެ.
ވިސިޓް މޯލްޑިވްސް ޕްރޯ ރަސްމީކޮށް ފެށީ މިއަދު ރާޅުގަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތަކާއެކުއެވެ. މުބާރާތުގެ ވާދަވެރި ހީޓުތައް ފަށާނީ މާދަމާ ހެނދުނެވެ. މިއަދުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ސަގާފީ ކުޅިވަރު ތަކާއެކު ނެށުމުގެ ފޯރިގަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.
މިއަދުގެ އިވެންޓްގެ ޝަރަފުވެރި މެހެމާން ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއު ވިދާޅުވީ ވިސިޓް މޯލްޑިވްސް ޕްރޯއަކީ ދެ މަހެއްހާ ދުވަސް ކުރިން ތައްޔާރުވާން ފެށި މުބާރާތެއް ކަމަށާއި މިނިސްޓްރީގެ ޓައިމްލައިނާ އެއްގޮތަށް މުބާރާތް ފެށިގެން ދިޔައީ އެމްބީބީއޭގެ ހިތްވަރާއި މަސައްކަތުން ކަމަށެވެ. އަދި މި މުބާރާތް ނިމުމާއެކު ރާޅުގަނޑުގައި ސްވިމިންނާއި ސާފިން އެރީނާއެއް ގާއިމުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ މުބާރާތުގައި ބައިވެރިވާ ދިވެހި އެތުލީޓުންނަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
މުބާރާތް އިންތިޒާމުކުރާ މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީ)ގެ ރައީސް ހުސައިން ނިޒާމް މިއަދު ވިދާޅުވީ މުބާރާތުގެ އިންތިޒާމުތަކަށް ރާޅު އާއިލާ އިން ކޮށްދޭ ބުރަ މަސައްކަތް ފާހަގަކުރާ ކަމަށެވެ. އަދި އިވެންޓް ސްޕޮންސާ ކޮށްދިން ހުރިހާ ފަރާތްތަކަށާއި ޕާޓްނަރުންނަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.
ނިޒާމު އިތުރަށް ވިދާޅުވީ، ސަރުކާރުން މުބާރާތް ހޯސްޓް ކުރަން ދޭ އެއްބާރުލުން އުފަލާއެކު ފާހަގަކުރާ ކަމަށާއި ރާއްޖެ އައިސް އުފާވެރި މާހައުލެއްގައި މަޖާ ވަގުތުތަކެއް ހުރިހާ އެތުލީޓުން ހޭދަކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
ވިސިޓް މޯލްޑިވްސް 2024 ގެ އޮފިޝަލުންގެ ބައްދަލުވުމާއި އެތުލީޓުންގެ ބްރީފިން ރޭ އޮތެވެ. އިވެންޓް އޮގަސްޓް ނުވަ ވަނަ ދުވަހާއި ހަމައަށް ދެމިގެންދާ އިރު، ޖުމުލަ 86 އެތުލީޓުން، 14 ގައުމަކުން މިފަހަރުގެ މުބާރާތުގައި ވާދަކުރާނެއެވެ.
ވިސިޓް މޯލްޑިވްސް ޕްރޯގައި މި ފަހަރުވެސް ރާއްޖޭގެ 15 އެތުލީޓުން ފެނިގެންދާނެއެވެ. ރާއްޖޭގެ މޯލްޑިވްސް ޕްރޯ ދުނިޔޭގެ އެތުލީޓުންގެ މެދުގައި މަގުބޫލުވެގެން ގޮސްފައިވަނީ މިދިޔަ ދެ އަހަރުވެސް އިންތިޒާމު ފުރިހަމަ ކަމުންނެވެ.
މި އަހަރު މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރުގެ ގޮތުގައި "ވަން ސްޕޯޓްސް" ހަމަޖައްސާފައިވާ އިރު، މުބާރާތުގެ އެންމެފަހުގެ މައުލޫމާތު ގެނެސްދިނުމަށް ހާއްސަ ކަވަރޭޖެއް ގެނެސްދޭން "ވަން ސްޕޯޓްސް"އިން ވަނީ ނިންމައިފައެވެ.
ވިސިޓް މޯލްޑިވްސް ޕްރޯ
ވިސިޓް މޯލްޑިވްސް ޕްރޯ
ވިސިޓް މޯލްޑިވްސް ޕްރޯ