އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު މެންދުރުފަހު ފަށައިފިއެވެ.

މާލެ ދާއިރާ ހިމެނޭހެން ޖުމުލަ 20 ދާއިރާއެއްގެ ބައި އިލެކްޝަން ފަށާފައިވަނީ މެންދުރުފަހު 2:30 ގައެވެ. ވޯޓުލުން މިރޭ 9:00 އާ ހަމައަށް ކުރިއަށްދާނެއެވެ.

އެމްޑީޕީ އިން ބުނީ، މިއަދު ކުރިއަށްދާ އިންތިހާބުގައި 10،683 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. އެ ވޯޓަށް މާލެ ސަރަހައްދުގައި 27 ފޮއްޓަކާއި ރަށްރަށުގައި 24 ފޮށި ބަހައްޓާފައިވާ ކަމަށްވެސް ބުންޏެވެ.

މި ފަހަރުގެ އިންތިހާބުގައި އެންމެ ވާދަވެރިކަން ބޮޑީ މާލެ ދާއިރާގެ ރައީސްގެ މަގާމަށެވެ. އެ ދާއިރާއަށް ވާދަކުރައްވަނީ މާލޭގެ މޭޔަރު އާދަމް އާޒިމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ފަލާހެވެ.

މެދުހެންވޭރު ދާއިރާއަށް މީކާއިލް މުހައްމަދު ރިޔާޝް އާއި އަހުމަދު ޝައްފާން ވާދަކުރާއިރު، ހެންވޭރު އުތުރު ދާއިރާއަށް ވާދަ ކުރައްވަނީ ކުރީގެ މެމްބަރު އިބްރާހިމް މުއިއްޒާއި އަހުމަދު އަހުނަފް ފިރާގެވެ. ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރަނީ މަރިޔަމް އީމާ ޝަފީގާއި މުހައްމަދު ގުދުރަތުﷲ އަދި މާޒް އަހުމަދު ސަލީމެވެ.

އަދި ގަލޮޅު އުތުރު ދާއިރާއަށް އައިކް އަހުމަދު އީސާ އަދި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވާދަކުރައްވާއިރު، މައްޗަންގޯޅި އުތުރު ދާއިރާއަށް ވާދަކުރައްވަނީ ހަދީޖާ މުހައްމަދާއި ލިރުއާމް ވަހީދެވެ. މާފަންނު އުތުރު ދާއިރާއަށް ވާދަކުރައްވަނީ ފުރުޝާން މުހައްމަދާއި އިފްހާމް ހުސެއިންއެވެ.

ހުޅުމާލެ މެދު ދާއިރާއަށް ސަފާތު އަހުމަދު ޒާހިރާއި އަހުމަދު ޝަފީގު ވާދަކުރައްވާއިރު ހުޅުމާލެ އުތުރަށް ވާދަކުރައްވަނީ އަބްދުﷲ ނަސީރު މުހައްމަދާއި ފާތިމަތު ޒަހިއްޔާ އަދި ޔޫސުފް ސިރާޖެވެ. ތިނަދޫ ސިޓީގެ ރައީސް ކަމަށް ވާދަކުރައްވަނީ އެ ދާއިރާގެ މަޖިލީހުގެ ކުރީގެ މެމްބަރު އަބްދުލް މުޣުނީ އާއި އަހުމަދު ގައިސްއެވެ.