ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެއްޓެން ބޭނުންފުޅު ނުވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ، ސަރުކާރާ ދުރުގައި ތިބި ނަމަވެސް މިހާރު މި އޮތް ސަރުކާރަކީ އެ މަނިކުފާނުމެންގެ ހިއްސާ އޮތް ސަރުކާރެއް ކަމަށެވެ. އަދި މިއަދު ވަކި ޕާޓީއެއް ހަދައިގެން މި އުޅެނީ ސަރުކާރާ ދެކޮޅުވެގެން ނޫން ކަމަށާއި ސަރުކާރުން ކުރާ ކަންކަން ދިފާއުކުރަން އުދަނގޫވާތީ ކަމަށްވެސް ވިދާޅުވިއެވެ.

"މި ބޭފުޅުންނާ (ސަރުކާރާ) ދުރުވެގެން މި އުޅެނީ މި ދެންނެވި ކަހަލަ ބޮޑެތި ގޯސްތައް ހަދަމުންދާތީ މި ކަންކަން ހަޖަމު ކުރަން އުދަނގުލީ. ރައްޔިތުންގެ ކުރިމަތީގައި މި ކަންކަން ދިފާއުކުރަން އުދަނގުލީ. ރައްޔިތުންގެ ކުރިމަތީގައި ދިފާއު ނުކުރި ނަމަވެސް މި ދައްކަވާ ވާހަކައިގެ ބައިވެރިންގެ ގޮތުގައި ތިބެން ބޭނުމެއް ނުވޭ. އަޅުގަނޑުމެންގެ ޕާޓީ ބޭނުމެއް ނުވޭ،" ޔާމީން ވިދާޅުވި އެވެ.

"މިއަދުވެސް އަޅުގަނޑު ދަންނަވާނަން. އަޅުގަނޑުމެން ބޭނުމެއް ނުވޭ ރައީސް މުއިއްޒުގެ ސަރުކާރު ވެއްޓޭކަށެއް. ރައީސް މުއިއްޒުގެ ސަރުކާރު ވައްޓާލަން ކުރާ މަސައްކަތުގައި ބައިވެރިއެއް ނުވާނަން. އެކަމަކު އަޅުގަނޑުމެން ގަބޫލެއް ނުކުރަން މިހިރަ އަބްދުއްރަހީމް ޖަހާ ހިސާބާ އެއްގޮތަށް ރައީސް މުއިއްޒު ކުރައްވާ ކަންތަކެއް،"

ޔާމީން ވިދާޅުވީ، އެ މަނިކުފާނުގެ ތާއީދާއެކު ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް މި ސަރުކާރުން ކަންތައް ކުރަނީ އެ މަނިކުފާނުގެ މެނިފެސްޓޯ އާއި ވިސްނުމާ "އުޑާއި ބިމާހާ" ތަފާތުކޮށް ކަމަށެވެ.