(26 ޖުލައިގެ އަދަދާ ގުޅޭ)

ޚައިބަރު އޮންނަނީ مــــديــنــــة المــنــــوّرة ގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 160 ކިލޯމީޓަރު ދުރުގައެވެ. "ޚައިބަރު" މިބަހަކީ ހިބްރޫ ބަހެކެވެ. މާނައަކީ ކިއްލާއެވެ. ޚައިބަރަކީ އަނދައިފައިވާ ފަރުބަދަތަކެއްގެ މެދުގައި އޮންނަ ހަތް ވާދީއެކެވެ. އެ ވާދީތަކުގައި ސަތޭކަޔާ ކައިރިކުރާ ޢަދަދެއްގެ ފެންފެންގަނޑު އޮވެއެވެ. ވަރަށްގިނަ ފެންވަޅުތައް ހުރެއެވެ. މުޅި ސަރަޙައްދަކީވެސް ނުހަނު ވިޔަނަ ސަރަޙައްދެކެވެ. ފެހިކަންގަދަ ސަރަޙައްދެކެވެ. ޚިޔާލަށްވެސް ނުގެނެވޭހައި މުއްސަނދި މޮޅު ބިމެކެވެ. ޢަރަބިކަރައިގައި ޖޯގްރަފީގައިވާ އަޖައިބުކުރުވަނިވި އެއްސިފައަކީ އަނދައިފައިވާ ފަރުބަދަތަކުގެ ލާވާތައް ނުވަތަ حــــــرّات ތައް ގިނަވިވަރަކަށް އެ ސަރަޙައްދެއްގެ ބިން މޮޅުކަމެވެ. ކަދުރު ދަނޑުތައް ގިނަކަމާއި ކަދުރުބާލުތަކުގެ ގަސްބޯކަމެވެ. ހަނދުމަފުޅު ހުންނާނެ ފަދައިން مــــديــنــــة المــنــــوّرة ވެސް އޮންނަނީ ދެ ޙިއްރާއެއްގެ ދެމެދުގައެވެ. މަދީނާއަކީވެސް ވަރަށް ވިޔަނަ ރަށެކެވެ. ޚައިބަރުގައި ކަދުރާއި މޭބިސްކަދުރާއި އަދި އެނޫންވެސް ވަރަށްގިނަ ބާވަތްބާވަތުގެ މޭވާގެ ބަގީޗާތައް ވަރަށް ރަނގަޅަށް ހެދެއެވެ. މަތިވަރުވެސް ވަރަށް ރަނގަޅަށް އާދެއެވެ.

ޔަހޫދީން ޚައިބަރަށް އައިކަމުގައި ބެލެވެނީ އެބައިމީހުން ފަލަސްޠީނުން ބޭރުކޮށްލެވުނު ދުވަސްވަރުއެވެ. މަދީނާގައި އާބާދުވި ޔަހޫދީންގެ ތިން ޤަބީލާއާއި ޚައިބަރުގެ ކައިރީގައި އޮންނަ ފަދަކާއި ވާދިލްޤުރާއާއި ތައިމާއާ މިހުރިހައި ތަނެއްގައިވެސް ވަޒަންވެރިވީ ފަލަސްޠީނުން އެކުގައި އައި ޔަހޫދީން ކަމުގައި ބެލެވެއެވެ. މަދީނާގައި ވަޒަންވެރިވި ތިން ޤަބީލާގެ ވާހަކަ އަޅުގަނޑުވަނީ ލިޔެފައެވެ. މިހުރިހައި ޔަހޫދީ ޤަބީލާތަކެއްގެ ބާރުގެ އެންމެބޮޑު މަރުކަޒަކީ ޚައިބަރެވެ. ނަޟީރުވަންހައިގެ މީހުން މަދީނާއިން އަރުވާލެއްވުމުން އެވަންހައިގެ ބޮޑެތި މީހުންތައްގޮސް ވަޒަންވެރިވީ ޚައިބަރުގައެވެ. އެބައިމީހުންވަނީ ޚައިބަރުގެ މޮހުމާއި ގޮށްޖެހުމުގެ ބާރުވެރީންކަމުގައި ވެގެންފައެވެ. އެބައިމީހުން ރައީސަކު ކަމުގައި އެންމެފުރަތަމަ ބަލައިގަތީ حُــيَـيُّ بــن أخطب އެވެ. އޭނާ މަރުވުމުން ރައީސަކަށްވީ أبــــو رافـــع ســــلاّم بـــن أبــــى الحـقـيـــق އެވެ. އޭނާއަކީ ވަރަށްބޮޑު ވިޔަފާރިވެރިޔެކެވެ. މަހްޖަނެކެވެ. ނުފޫޒުގަދަ މީހެކެވެ. ޣަޠުފާންވަންހައާއި ޤުރައިޝުވަންހައާއި އެނޫންވެސް ޢަރަބި ޤަބީލާތަކުގެ ބޮޑުލަޝްކަރެއް އެއްކޮށްގެން މަދީނާއާ ހަނގުރާމަޔަށްއައި ބަޔަކީ ޚައިބަރުގެ ވެރީންނެވެ. ކުރީންވެސް ދަންނަވައިފައިވާ ފަދައިން އަޙްޒާބު ހަނގުރާމައިގެ ތެރޭގައި ޤުރައިޡަތުވަންހައިގެ މީހުން ޣަދަރުވެރިކުރުވައި މުސްލިމުންނަށް އިންތިހާދަރަޖައިގެ ނާޒުކު ޙާލަތެއް ކުރިމަތިކުރުވީ އެބައިމީހުންނެވެ.

ޣަޠުފާންވަންހައަކީ ޢަރަބީންގެ ވަރަށް ބާރުހުރި ޤަބީލާއެކެވެ. ނުފޫޒުހުރި ބަޔެކެވެ. އެބައިމީހުން ވަޒަންވެރިވެ ތިބެނީ ޚައިބަރާ ދާދިގާތުގައެވެ. އެބައިމީހުންނަކީ އަބަދުވެސް ޚައިބަރުގެ ޔަހޫދީންގެ ޙަލީފުންނެވެ. ހިޖްރައިން ހަވަނަ އަހަރު ޚުދު ســــلاّم (أبــــو رافـــع) އަމިއްލަޔަށްވަނީ ޣަޠުފާނު މީހުންގެ ރަށަށްގޮސް އެބައިމީހުންނާ ވާހަކަދައްކައި ކައިރިކައިރީގައި ދިރިއުޅޭ ޤަބީލާތައް އެއްވަލަކަށް މަހައިލައިގެން މަދީނާއާ ޙަމަލަދޭން ތައްޔާރުކޮށްފައެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް އެޚަބަރު ލިބިވަޑައިގެންނެވުމުން عــبــد اللّــــه بـــن عـتـيـك رضـــــى اللّـــه عــنـــــه ފޮނުއްވައިގެން ޚައިބަރުގައި ހުންނަ އޭނާގެ ކިއްލާގައި އެ ފާސިދުކަލޭގެ ޤަޟިއްޔާ ވަނީ ނިންމަވައިފައެވެ.

ســــلاّم އަށްފަހު ޔަހޫދީން ރިޔާސަތުގެ ތަޚްތަށް އިސްކުރީ أُسـيـــر بــــن رزام އެވެ. އޭނާ ވެރިކަން ލިބުމުން ޔަހޫދީ ޤަބީލާތައް އެއްކޮށް ތަޤްރީރުކުރަމުން ބުނެފައިވެއެވެ. "އަހަރެންގެ ކުރީން ވެރިކަންކުރި މީހުން محـمّــد އާމެދު (صـلّـــــى اللّــــه عــلـيــــه وسـلّـــــم) އިޚްތިޔާރުކުރި ތަދުބީރުތައް ގޯހެވެ. ރަނގަޅު ސިޔާސަތަކީ ޚުދު محـمّــد (صـلّـــــى اللّــــه عــلـيــــه وسـلّـــــم) ގެ ދާރުއްރިޔާސަތަށް ފިސާރި ވަރުހުރެގެން ޙަމަލަދިނުމެވެ. އަހަރެން ހިންގާނީ އެ ސިޔާސަތެވެ."

އޭނާ އެބޭނުމުގައި ޣަޠުފާންވަންހައިގެ މީހުންގެ ގާތަށާއި ކައިރިކައިރީގެ އެހެނިހެން ޤަބީލާތަކަށް ދަތުރުކުރިއެވެ. އޭނާގެ މަސައްކަތުން ވަރަށް ބައިބޯ ލަޝްކަރެއް ޖަމާކުރާން ފެށިއެވެ. އެބައިމީހުންގެ މަޤްޞަދަކީ އަޙްޒާބު ހަނގުރާމައިގެ ބަދަލުހިފުމެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް އެޚަބަރު ލިބިވަޑައިގެންނެވުމުން އެންމެފުރަތަމަ އެޚަބަރު ޤަބޫލުފުޅެއްވެސް ނުކުރެއްވުނެވެ. އެޚަބަރުގެ ދޮގުތެދު ބެއްލެވުމަށްޓަކައި عــبـــد اللّــــه بـــن رواحـــة رضـــــى اللّـــه عــنـــــه ޚައިބަރަށް ފޮނުއްވިއެވެ. عــبـــد اللّــــه بـــن رواحـــة رضـــــى اللّـــه عــنـــــه އަންޞާރިއްޔަ ބޭކަލުންކޮޅަކާއެކު ސިއްރުން ޚައިބަރަށް ވަޑައިގެން أُسـيـــر ގެ ޙަރަކާތްތައް ބެއްލެވިއެވެ. އޭނާ ކުރާ ސައްލާތައް އަމިއްލަފުޅަށް އަޑުއެއްސެވިއެވެ. އެއަށްފަހު މަދީނާއަށް ވަޑައިގެން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް އެހުރިހައި ޚަބަރުތަކެއް ތަފްސީލުކޮށް ވިދާޅުވެދެއްވިއެވެ.

ނަމަވެސް ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޢަސްކަރީ ފިޔަވަޅުފުޅެއް އެޅުއްވުމުގެ ބަދަލުގައި ޤަޞްދުކުރެއްވީ ޞުލްޙައިގެ މަގުން މައްސަލަ ހަމަޖެއްސޭތޯ ބައްލަވާށެވެ. ޚައިބަރުގެ އަހްލުވެރީންނާއެކު ޞުލްޙައިގެ މުޢާހަދާއެއް ކުރެއްވޭތޯ މަސައްކަތްޕުޅު ކުރައްވާށެވެ. އެހެންކަމުން عــبـــد اللّــــه بـــن رواحـــة رضـــــى اللّـــه عــنـــــه އަނެއްކާވެސް ޚައިބަރަށް ފޮނުއްވިއެވެ. އެކަލޭގެފާނުގެ އަރިހުގައި ތިރީސް ޞަޙާބީން ފޮނުއްވިއެވެ. އެބޭކަލުން أُسـيـــر އަށް އެންގެވީ، އެބޭކަލުން ވަޑައިގެންނެވީ رســـول اللّــــه صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ފަރާތްޕުޅުންކަމެވެ. އޭނާ މަދީނާއަށްގޮސް ޞުލްޙައިގެ މުޢާހަދާއެއް ކޮށްފިކަމުގައިވާނަމަ މަދީނާއިން އޭނާގެ ވެރިކަން ތަޞްދީޤު ކުރައްވާނެކަމެވެ. أُسـيـــر ތިރީސް މީހުން ގޮވައިގެން ޚައިބަރުން ނުކުމެ މަދީނާއަށް ދަތުރު ފެށިއެވެ. ދެބައިމީހުން ދަތުރުކުރީ ކޮންމެ މުސްލިމެއްގެ ފަހަތަށް ޔަހޫދީއަކު ސަވާރުވެގެންނެވެ. އެއް ސަވާރީއެއްގައެވެ. ނަމަވެސް ޔަހޫދީންނަކީ ޝައްކުބޮޑު ބަޔެކެވެ. ޤަރްޤަރާއާ ހަމަޔަށް އާދެވުނުތަނާ أُسـيـــر ގެ ހިތްގޯސްވެއްޖެއެވެ. އޭނާގެ ހިތް ޝައްކާއި ވަހުމުން ފުރިއްޖެއެވެ. އޭނާ عــبــد اللّـــه اُنَـيـْسُ رضـــــى اللّـــه عــنـــــه ގެ ކަނޑިކޮޅު ފޭރިގަންނާން ދިމާކޮށްލިއެވެ. عــبــد اللّـــه ވިދާޅުވިއެވެ. "އޭ މާތް اللّـــه ގެ ދުޝްމިނާއެވެ. ޢަހްދާ ޚިލާފުވެ ޚިޔާނަތްތެރިވާން ޤަޞްދުކުރަނީހެއްޔެވެ؟" އެކަލޭގެފާނު އެހެންވިދާޅުވެފައި އަސް ކުރިޔަށްޖައްސަވައި أُسـيـــر އާ އަރާހަމަކުރައްވައި އޭނާއާ ޙަމަލަދެއްވައި އޭނާގެ ފައިގެ ފަލަމަސްގަނޑު ބުރިކޮށްލެއްވިއެވެ. أُسـيـــر ވެސް އަސްމަތީން ވެއްޓެމުންދިޔައިރު عــبــد اللّـــه ޒަޚަމުކޮށްލިއެވެ. މުސްލިމުންނާއި ޔަހޫދީން އަސްތަކުން ފުމެގަނެ އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަ ފަށައިފިއެވެ. ޔަހޫދީންގެ އެންމެ މީހަކު ފިޔަވައި އެހެން އެންމެންވަނީ ޤަތުލުވެފައެވެ. މިއީ ހިޖްރައިން ހަވަނަ އަހަރުގެ ފަހުކޮޅު ނުވަތަ ހިޖްރައިން ހަތްވަނަ އަހަރުގެ މުޙައްރަމްމަހުގެ ހާދިސާއެކެވެ.

އާދެ، މިހުރިހައި ގޮތްގޮތަކުން ބަލާއިރު ޚައިބަރު ވެފައިވަނީ މުސްލިމުންނަށް ކުރިމަތިވެފައިވާ އެންމެބޮޑު ނުރައްކައުތެރި ހަތުރުކަމުގައެވެ. އެންމެ ވާދަވެރި ދުޝްމިނުކަމުގައެވެ. ޚައިބަރުގެ ޔަހޫދީންނާއި މައްކާގެ މުޝްރިކުންނާ އެއްބައިވެގެން މުސްލިމުންނާ ދެކޮޅަށް އުފައްދައިލި ޠޫފާނީ ކޮޅިގަނޑު ނުވަތަ އަޙްޒާބު ހަނގުރާމައިގެ ވާހަކަ އަޅުގަނޑު ވަނީ ޚުލާޞާކޮށް ބަޔާންކޮށްފައެވެ. އެ ޠޫފާނީ ވިލާގަނޑުން މަދީނާގެ ބިމަށް ޒަލްޒަލާއެއް ގެނުވިކަމުގައިވިޔަސް އެ ހަނގުރާމަ ނިމުނީ ޔަހޫދީންނާއި މުޝްރިކުންނަށް ކާމިޔާބީއެއް ނުލިބިއެވެ. އެކަމަކު އެ ޠޫފާން އުފައްދައިލި ބާރުތައް ޚައިބަރުގައި މަސައްކަތުގައި ދެމިތިއްބެވެ. އަޙްޒާބު ހަނގުރާމަ އުފަންކުރުވި އެންމެ ބާރުގަދަ އެއްފަރާތަކީ إبـــن أبـــى الحـقـيـق ގެ ޚާންދާނެވެ. އެބައިމީހުންނަކީ ނަޟީރުވަންހައިގެ ބަޔެކެވެ. އެބައިމީހުން މަދީނާއިން އަރުވާލެއްވުމުން އެބައިމީހުން ޚައިބަރަށް ގޮސްވަނީ ޚައިބަރުގެ އެންމެ މަޝްހޫރު ކިއްލާ ޤަމޫޞަށް ވެރިވެގެންފައެވެ. އެބައިމީހުންގެ ތެރެއިން އެންމެ ބާރުގަދަ ވެރިޔަކީ أبــــو رافـــع ســـلاّم بـــن أبـــى الحـقـيـق އެވެ. އޭނާ ޤަތުލުވުމުން ޢާއިލާގެ ވެރިކަން ލިބުނީ كـنـــانـــة بـــن الــرّبـيــع بـــن أبـــى الحـقـيـق އަށެވެ. ޚައިބަރުގެ ޔަހޫދީންނާއި ޣަޠުފާނުވަންހައިގެ މީހުނާ ގުޅިގެން މުސްލިމުންނާ ދެކޮޅަށް ރާވާ ރޭވުންތަކަކަށް ހުއްޓުމެއް ނުގެނެއެވެ. އަނެއްކޮޅުން މަދީނާގެ ފަސްވަނަ ކޮލަމުގެ މުނާފިޤުން ގެންދިޔައީ ޔަހޫދީންނަށާއި ޣަޠުފާނުވަންހައިގެ މީހުންނަށް ހިތްވަރުދެމުންނެވެ. މަދީނާގެ ޢަސްކަރީ މަޢުލޫމާތުތައް ފޮނުވައިދެމުންނެވެ. މަދީނާގެ މުނާފިޤުންގެ ރައީސް عـبــد اللّـــه بـــن أبــّــي ޚައިބަރުގެ ޔަހޫދީންނަށް ޚަބަރު ފޮނުވިއެވެ. محـمّــد (صـلّـــــى اللّــــه عــلـيــــه وسـلّـــــم) ގެންދަވަނީ ތިޔަބައިމީހުނާ ހަނގުރާމަ ކުރައްވާން ތައްޔާރުކުރައްވަމުންނެވެ. ތިޔަބައިމީހުން އެކަލޭގެފާނުދެކެ ބިރު ނުގަންނާށެވެ. އެކަލޭގެފާނަކީ އެހާ ބާރުހުރި ބޭކަލެއް ނޫނެވެ. އެކަލޭގެފާނުގެ އަރިހުގައިތިބީ ދާދިމަދު މީސްކޮޅެކެވެ. އެބައިމީހުންގެ އަތަކު އެކަށީގެންވާ ވަރާގާތަކަށްވެސް ހަތިޔާރެއްނެތެވެ. ޚައިބަރުގެ ޔަހޫދީންނަށް އެޚަބަރު ލިބުމާއެކު كـنـــانـــة އާއި هــــــودة بـــن قـيس އާ ދެމީހުން ޣަޠުފާނުވަންހައިގެ މީހުންގެ ގާތަށް ފޮނުވިއެވެ. ޚައިބަރުގެ މީހުން މިފަހަރުވެސް ޣަޠުފާނުވަންހައިގެ މީހުންނަށް ހުށަހެޅީ އަޙްޒާބު ހަނގުރާމައިގައި ބައިވެރިވި ފަދައިން އެބައިމީހުންނާ ބައިވެރިވެ މަދީނާއާ ހަނގުރާމަޔަށް ގޮސްދިނުމުން ޚައިބަރުގެ ވާރުގެ ދެބައިކުޅައެއްބައި ދޭނެކަމަށެވެ.

ޣަޠުފާނުވަންހައިގެ ބާރުހުރި އެއްޤަބީލާއަކީ ފިޒާރަތުވަންހައެވެ. އެބައިމީހުންވެސް ޣަޠުފާންވަންހައިގެ މީހުނާއެކު ޚައިބަރުގެ ޔަހޫދީންނާ ބައިވެރިވާންއުޅޭ ޚަބަރު މަދީނާއަށް ލިބުމުން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެބައިމީހުންނަށް ލިޔުއްވައިގެން ޞުލްޙައިގެ އެއްބަސްވުމެއް ޤާއިމުކުރެއްވޭތޯ މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް އެމީހުން އެކަން ޤަބޫލެއް ނުކުރިއެވެ.

ތާރީޚު މިހިސާބަށް އައިއިރު ޢަރަބިކަރައިގެ މަސްރަޙުގައި އޮތީ ވަރުން އަޅައިލެވޭވަރުގެ ތިންބާރެކެވެ. މުސްލިމުންނާއި މައްކާގެ މުޝްރިކުންނާއި ޚައިބަރުގެ ޔަހޫދީންނެވެ. ހަނދުމަފުޅު ހުންނާނެ ފަދައިން އަޙްޒާބު ހަނގުރާމައިގައި މަދީނާއަށް ޒަލްޒަލާއެއް ގެނުވީ މައްކާގެ މުޝްރިކުންނާއި ޚައިބަރުގެ ޔަހޫދީންނާއި ނަޖުދުގެ ޤަބީލާތަކާ ގުޅިގެންނެވެ. އެހެންކަމުން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ޙިކުމަތްތެރި ނިންމެވުމަކަށްވީ ޙުދައިބިއްޔާގައި ޤުރައިޝުންނާ ޞުލްޙަވެވަޑައިގެންނެވުމެވެ. ޤުރައިޝުން ހުށަހެޅި ހުރިހައި ހުށަހެޅުމެއް ޤަބޫލުކުރައްވައިގެންނެވެ. އެގޮތުން އަޙްޒާބުގެ އެންމެ ވަރުގަދަ ފިޔަ އެ ޕާޓީއާ ވަކިކުރައްވައި އެފަރާތުން ނުރައްކަލެއް ނާންނާނެކަމުގެ ޔަޤީންކަން ހޯއްދެވިއެވެ. އެއަށްފަހު ލިބިވަޑައިގެންނެވި އެންމެ އަވަސް ފުރުޞަތުގައި ޚައިބަރާ ޙަމަލަދެއްވިއެވެ. إبـــن إسحــاق ރިވާކުރައްވައިފައިވެއެވެ. "ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ހުދައިބިއްޔާއިން އެނބުރިވަޑައިގެން ޙައްޖުމަހާއި މުޙައްރަމްމަހުގެ ދުވަސްކޮޅެއް މަދީނާގައި ހޭދަކުރެއްވިއެވެ. އެއަށްފަހު ޚައިބަރަށް ފުރާވަޑައިގެންފިއެވެ." މުފައްސިރުން ވިދާޅުވާގޮތުގައި ޚައިބަރުގެ ފަތަޙައަކީ އަރަހުށި މާތް اللّــــه ހުދައިބިއްޔާގެ ޞުލްޙައާ ވިދިގެން މުސްލިމުންނަށް ވަޢުދުކުރައްވައިފައިވާ ފަތަޙައެކެވެ. ســـــورة الــفـتـح ގެ ވިހިވަނަ އާޔަތުގައި އިޝާރަތްކުރައްވައިފައިވަނީ އެ ފަތަޙައަށެވެ.

(ނުނިމޭ)