ފަލަސްތީނުގެ ބިންތައް ހިފައިގެންތިބެ އިޒްރޭލުން ހިންގަނީ އިސްތިއުމާރީ ވެރިކަމެއް ކަމަށާއި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަނީ ޖަރީމާތަކެއް ކަމަށް މިދިޔަ ޖުލައި މަހުގެ ނަވާރަވަނަ ދުވަހު ދުނިޔޭގެ މައިކޯޓުން ވަނީ ނިންމައިފައެވެ. އެ ކޯޓުން އދ. ގެ އާއްމު މަޖިލީހަށް ދިން އިސްތިޝާރީ ލަފައެއްގައެވެ. ދުނިޔޭގެ ކޯޓުގެ މި ނިންމުމަކީ ފަލަސްތީނުގެ މައްސަލަޔާމެދު ދުނިޔޭގެ ވިސްނުން ބަދަލުވެގެންދާނެ ނިންމުމެކެވެ. އިޒްރޭލުގެ ޖަރީމާތައް ކުށްވެރިކުރަން ދުނިޔޭގެ ކުދިބޮޑު އެންމެހައި ގައުމުތަކުގެ މައްޗަށް ދެން ލާޒިމުވާނެއެވެ. އިޒްރޭލުން ކުރާ ކަންކަމަށް ދެލޯމަރާލައިގެން ނުފެންނަ ކަމަށް ހަދައިގެން ތިބޭ ތިބުން ނިމުމަކަށް ގެންނަން މަޖުބޫރުވާނެއެވެ. ހަމައެޔާއެކު ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހާލަތު ގާތުން ބެލުމަށް އދ. ގެ އެކި އިދާރާތަކުން ކުރާ މަސައްކަތަށް ހުރަސްއަޅައި އދ.ގެ އޮފިޝަލުން ބަދުނާމުކުރުމުގެ ގޮތުން އިޒްރޭލުގެ ސަރުކާރުން ހިންގާ އަމަލުތަކާ ދެކޮޅަށް ބަސްބުނަންވެސް ދުނިޔޭގެ ގައުމުތަކަށް ދެން މަޖްބޫރުވާނެއެވެ.
ހިފާފައިވާ ބިންތަކުގައި އިޒްރޭލުން ހިންގަމުންދާ ޣައިރުގާނޫނީ ހަރަކާތްތައް ދުނިޔެއަށް ވަންހަނާކޮށް ސިއްރުކުރުމަށްޓަކައި ބޮޑުވަޒީރު ބެންޖަމިން ނަތަންތާހޫގެ ސަރުކާރުން ވަނީ ފަހަކަށްއައިސް ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެތެރޭގައި ފަލަސްތީނުގެ ރެފިއުޖީންނާބެހޭ އިދާރާއަށް އެއްބާރުލުން ދިނުން ހުއްޓާލުމާއި އެ އިދާރާގެ މީހުން އިޒްރޭލަށް އެތެރެވުން މަނާކުރުމާއި ފަލަސްތީނަށް އެހީވުމަށް ގެންދާ ތަކެތި ހިފެހެއްޓުމާއި ފައިސާގެ މަގު ބަންދުކުރުމާއި އދ.ގެ އެކި ގޮފިތަކަށް ނިސްބަތްވާ އޮފިޝަލުންގެ ތެރެއިން ފަލަސްތީނުގެ ރައްޔިތުންނަށް ހަމްދަރުދީ ފާޅުކުރާ އޮފިޝަލުންގެ އަގު ވައްޓައި ބަދުނާމު ކުރުމުގެ ހަރަކާތްތައް ހިމެނެއެވެ. އދ. ގެ އޮފިޝަލުންނަކީ ޓެރަރިޒަމަށް ވާގިވެރިވާ ބައެއްކަމަށްވެސް ނަތަންޔާހޫގެ ސަރުކާރުން ދަނީ ބުނަމުންނެވެ. އެންމެފަހުން މިގޮތަށް އިޒްރޭލުން ދިމާކޮށްލައިގެން އުޅޭ އެއްބޭފުޅަކީ އދ.ގެ ސްޕެޝަލް ރެޕޮޓުއަރ ފްރަންޗެސްކާ އަލްބަނޭސީއެވެ.
އުމުރުފުޅުން 47 އަހަރުވީ ފްރަންޗެސްކާ އަލްބަނޭސީއަކީ އިޓަލީއަށް ނިސްބަތްވެވަޑައިގަންނަވާ ލޯޔަރެކެވެ. ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން އިންސާނިއްޔަތާ ޚިލާފަށް ހިންގާ ހަރަކާތްތައް ބަލައި އދ.ގެ ސެކްރެޓަރީ ޖެނެރަލަށް މައުލޫމާތާއި ލަފާދޭ ޚާއްސަ މުޝީރުކަން ނުވަތަ ސްޕެޝަލް ރެޕޮޓުއަރ ގެ މަގާމަށް ތިން އަހަރުގެ މުއްދަތަށް އެކަމަނާ އައްޔަން ކުރެވުނީ 2022 ވަނަ އަހަރުއެވެ. މި މަގާމަށް އައްޔަން ކުރެވުނު ފުރަތަމަ އަންހެން ބޭފުޅަކީވެސް އެއީއެވެ. އަލްބަނޭސީއަކީ ވަރަށް ގިނަ ބަޔަކު ގަދަރުކުރާ އަދި އިތުބާރުކުރާ ބޭފުޅެކެވެ. އެކަމަކު އިޒްރޭލަށް އެކަމަނާވެސް ކަމަކު ނުދިޔައެވެ. އިޒްރޭލުގެ ޖަރީމާތަކަށް ފާޑުވިދާޅުވާތީއެވެ. އިޒްރޭލުން ބުނާގޮތުގައި އަލްބަނޭސީއަކީ އިޒްރޭލާ ޒާތީވެގަނެގެން އުޅޭ މީހެކެވެ. ޔަހޫދީންނާ ދެކޮޅުވެރިވެ ޔަހޫދީންގެ ހައްގުތަކަށް އިންކާރުކުރާ މީހެކެވެ. އަލްބަނޭސީއަކީ ކޮރަޕްޝަނުން ފުރިގެންވާ މީހެއް ކަމަށްވެސް ނަތަންޔާހޫގެ ސަރުކާރުން ދަނީ ބުނަމުންނެވެ.
އދ.ގެ ސްޕެޝަލް ރެޕޮޓުއަރ ފްރަންޗެސްކާ އަލްބަނޭސީއަކީ ދުނިޔޭގެ ގިނަބައެއްގެ ކުރިމަތީގައި ކިތަންމެ އަބުރުވެރި ގަދަރުވެރި ބޭފުޅަކަށްވިޔަސް އެކަމަނާއަކީ ކޮރަޕްޓް މީހެކޭ، ޔަހޫދީންގެ ހައްގުތައް ގަބޫލުނުކުރާ މީހެކޭ، ޒާތީގޮތް އިސްކުރާ ދޮގުވެރިޔެކޭ އިޒްރޭލުން އެބުނަނީ ކީއްވެގެން ބާވައެވެ. ނުފޫޒަކަށް ނުބައްލަވައި ތެދުވެރިކަމާއެކު އެކަމަނާގެ ޒިންމާ އަދާކުރައްވާތީއެވެ. އަނިޔާ ލިބިފައިވާ އަދި ލިބެމުންދާ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާތީއެވެ. ހިފާފައިވާ ބިންތަކުގައި، ވަކިން ޚާއްސަކޮށް ގާޒާގައި އިޒްރޭލުގެ އަސްކަރިއްޔާއިން ހިންގަމުންދާ ޖަރީމާތައް ދުނިޔެއަށް ހާމަކޮށްދެއްވާތީއެވެ. ޖަރީމާތައް ހިންގާ މީހުން ޖަވާބުދާރީ ކުރުވުމަށް ބާރުއަޅުއްވައި އެކަމަށް ވަކާލާތު ކުރައްވާތީއެވެ. ފާއިތުވި ދެ އަހަރުގެ ތެރޭގައި އެކަމަނާ ވަނީ ވަރަށް ތެދުވެރިކަމާއި ހިތްވަރާއެކު މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވައިފައެވެ. އިޒްރޭލަށް މިކަން ހަޖަމެއް ނުކުރެވުނެވެ.
އިޒްރޭލުގެ ޖަރީމާތައް ފޮރުވައިދިނުމަށް އެހީތެރިނުވެ ހަގީގަތަށް ވާހަކަ ދައްކާ ކޮންމެ މީހަކީ އިޒްރޭލުގެ ހަތުރެކެވެ. ވަކި ގައުމެއްގެ ވަކި ދީނެއްގެ ވަކި ނަމެއްކިޔާ މީހަކު އިސްތިސްނާ ކުރުމެއް ނުވެއެވެ. ފްރަންޗެސްކާ އަލްބަނޭސީގެ ކުރިން އެ މަގާމު އަދާކުރެއްވި ގިނަ ބޭފުޅުންނަކީވެސް މިދެންނެވި ގޮތަށް އިޒްރޭލުގެ ނުރުހުމާއި ބަދުބަސް އަމާޒުވި ބޭފުޅުންނެވެ. އަލްބަނޭސީގެ ކުރިން އެ މަގާމުގައި ހަ އަހަރު ދުވަހަށް ހުންނެވި މައިކަލް ލިންކަކީ މި ބަހުގެ މިސާލެކެވެ. އޭނާއަކީ ކެނެޑާގެ ލޯޔަރެކެވެ. އިޒްރޭލަށް އޭނާ އެތެރެވުންވެސް ޒަޔަނިސްޓުންގެ ސަރުކާރުން މަނާކުރިއެވެ. މަތިމައްޗަށް ބަދުނާމު ކުރިއެވެ. މައިކަލް ލިންކުގެ ކުރިން 2008 ވަނަ އަހަރުން 2014 އަށް އެ މަގާމުގައި ހުންނެވި ރިޗަޑް ފޯކްވެސް ހިމެނުނީ އިޒްރޭލުން ގަބޫލުނުކުރި ބޭފުޅެއް ކަމުގައެވެ. އޭނާވެސް އިޒްރޭލަށް އެތެރެވުން މަނާކުރިއެވެ. އިޒްރޭލުގެ އެންމެ ބޮޑު ބައިވެރިޔާ ކަމަށްވާ އެމެރިކާއަށް ނިސްބަތްވެވަޑައިގަންނަވާ ލޯޔަރަކަށް ވިޔަސްމެއެވެ.
އިޒްރޭލު ހީކުރަމުން އައީ މިބީދައިން ކަންކަން ކުރީމާ ހަގީގަތް ފޮރުވިދާނެ ކަމަށެވެ. ހިފާފައިވާ ބިންތަކުގައި ހިނގަމުންދާ ކަންކަން ދުނިޔެއަށް ސިއްރުކުރެވިދާނެ ކަމަށެވެ. އެކަމަކު އެހެނެއް ނުވެއެވެ. ނުވިއެވެ. އެންމެފަހުން ދުނިޔޭގެ އެންމެ މަތީ ކޯޓުންވެސް އިޒްރޭލުގެ އަމަލުތަކަކީ ޖަރީމާތަކެއް ކަމަށް ނިންމައި އދ. އަށް އިސްތިޝާރީ ލަފާ ދީފިއެވެ. އެލަފާ ދީފައި އަދި ނިންމައިލީއެއް ނޫނެވެ. އިޒްރޭލުގެ އަމަލުތައް ހުއްޓުވައި އިންސާފު ގާއިމުކުރުމަށް ކުރެވެންހުރި އެންމެހައި މަސައްކަތެއް ކުރުމަށް އދ. އަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި އިޒްރޭލުގެ ޖަރީމާތަކަށް ވާގިވެރިވުމަކަށް ވެދާނެ އެންމެހައި ކަންކަން ހުއްޓާލައި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމުގެ މަަަސައްކަތުގައި ބައިވެރިވުމަށް އދ. ގެ މެންބަރު ހުރިހާ ގައުމަކަށްވެސް ވަނީ ގޮވާލައިފައެވެ. މިކަން މިމަގުން ހިނގީމާ ދެން އިޒްރޭލަކަށް ކަންކަމެއް ނުފޮރުވޭނެއެވެ. އިޒްރޭލުގެ މޫނުމަތި ގިރިޓީކުރަން އިޒްރޭލުގެ މިތުރުންނަކަށްވެސް ފަސޭހައެއް ނުވާނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ