ފަތުރުވެރިއެއްގެ ގޮތުގައި ރާއްޖެ އެތެރެވި ނޯވޭގެ މީހަކު، ރާއްޖޭގެ ބޯޓެއްގައި މަސްވެރިކަން ކުރަން އުޅެނިކޮށް އަތުލައިގަނެ ޑީޕޯޓްކޮށްލައިފިއެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާ ރާއްޖެ އެތެރެވީ މިދިޔަ އަހަރުގެ ޑިސެމްބަރު 20 ގައި ކަމަށެވެ. ނަމަވެސް ވިސާގެ މުއްދަތު ހަމަވުމުން އަނބުރާ ގައުމަށް ނުގޮސް ރާއްޖޭގެ ބޯޓެއްގައި މަސްވެރިކަމުގެ މަސައްކަތްކޮށް، ދިރިއުޅެމުންދިޔަ ކަމަށް ބުންޏެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި އޭނާ އަތުލައިގަތީ ލިބުނު މައުލޫމާތަކާ ގުޅިގެން، މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. ނަމަވެސް އެ މީހާއާ ގުޅޭ އިތުރު މައުލޫމާތެއް އިމިގްރޭޝަނުން ހާމައެއް ނުކުރެއެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ އަދި ވިޔަފާރި ހިންގާ ބިދޭސީން ހޯދަން އިމިގްރޭޝަނުންނާއި ފުލުހުން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ހިންގަމުން އަންނައިރު، އެ އޮޕަރޭޝަންގައި އަތުލައިގަނެވޭ އެންމެން ޑީޕޯޓް ކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.