އިޖުތިމާއި މިންގަނޑަތަކާއި ބޭ އަދަބީ ބަސް ބޭނުންކުރުމުގެ ސަބަބުން "ދެންމެ" ވެބްސައިޓް ބްލޮކްކުރަން އަންގަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނިންމައިފިއެވެ.
އެމްއެމްސީން ވަނީ "ދެންމެ" ނަމުގައި ހިންގާ ވެބްސައިޓުން އާންމު އިޖުތިމާއީ މިންގަނޑަށް ހިލާފު ލިޔުންތައް ޝާއިއުކޮށް އެ ލިޔުންތައް ސޯޝަލް މީޑިއާގައި ދައުރުކުރާ މައްސަލަ ބެލުމަށްފަހު ޝަކުވާ ނިންމި ގޮތުގެ ރިޕޯޓު މިއަދު އާންމުކޮށްފައެވެ.
އެ ރިޕޯޓުގައި އެމްއެމްސީން ބުނީ އެ ކައުންސިލުގެ ގާނޫނުގެ 36 ވަނަ މާއްދާގައި މީޑިއާތައް މާނަކުރުމުގައި "މީޑިއާ" މާނަކޮށްފައިވަނީ "ޓީވީއަށާއި ރޭޑިއޯއަށާއި އިންޓަރެކްޓިވް ސީޑިއަށާއި ވެބްސައިޓަށާއި ދުވަހު ނޫސްތަކަށާއި ހަފުތާ ނޫސްތަކަށާއި މަޖައްލާތަކަށާއި ޓްރޭޑް ޕަބްލިކޭޝަންތަކަށާއި މިނޫންވެސް ނަންނަމުގައި، ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެންނާއި ރަޖިސްޓްރީނުކޮށް މައުލޫމާތާއި ހަބަރާއި ހިޔާލާއި އިސްތިހާރު އާންމުކޮށް ފެތުރުމަށްޓަކައި ގަންނަން ލިބޭ ގޮތަށް ނުވަތަ އަގަކާ ނުލައި ލިބޭ ގޮތަށް ޗާޕުކޮށްގެންނާއި އިންޓަނެޓާއި އެހެނިހެން ވަސީލަތް މެދުވެރިކޮށް ޝާއިއުކުރެވޭ ޝާއިއުކުރުންތައް" ކަމަށެވެ.
އެހެންކަމުން ރަޖިސްޓްރީ ކޮށްގެންނާއި ރަޖިސްޓްރީނުކޮށް މައުލޫމާތާއި ފެތުރުމަށް ހިންގާ ވެބްސައިޓުތަކާ ގުޅޭ ގޮތުން ހުށަހަޅާ ޝަކުވާތައް ބެލުމުގައި އެ ކައުންސިލަށް ގާނޫނީ ހުރަހެއް ނެތް ކަމަށް ބުންޏެވެ.
އެމްއެމްސީން ބުނީ އެ ކައުންސިލުން އެކުލަވާލާފައިވާ އަހުލާގީ މިންގަނޑުގެ 15 ވަނަ މާއްދާގައި "ބަރަހަނާ މަންޒަރާއި ޖިންސީ ވާހަކަތަކާއި ޖިންސީ އަމަލުތަކަށް ހިތްވަރު ދޭ ވާހަކަތަކާއި އެފަދަ ކަންކަން ސިފަކޮށްދޭ އެއްވެސް އެއްޗެއް ޝާއިއު ކުރުމުން ނޫސްވެރިޔާ ދުރުހެލިވާނެ" ކަމަށް ބުނެފައިވާނެ ކަމަށެވެ. އަދި އެ މިންގަނޑުގެ 16 ވަނަ މާއްދާގައި "ހަބަރާއި މައުލޫމާތު ޝާއިއު ކުރުމުގައި އާންމު އިޖުތިމާއި މިންގަނޑުތަކަށް ނުފެތޭ، ހަޑި ހުތުރު ބަސް ބޭނުން ކުރުމުން ނޫސްވެރިޔާ ދުރުހެލިވާނެ" ކަމަށް ބުނެފައިވާނެ ކަމަށްވެސް ބުންޏެވެ.
އެމްއެމްސީ ބުނީ "ދެންމެ" ވެބްސައިޓުގައި ދިވެހި މީޑިއާގެ އަހުލާގީ މިންގަނޑާ ހިލާފަށް އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ބޭއަދަބީ، ހަޑިހުތުރު ބަހުރުވައިން އެތަކެއް ލިޔުމެއް ޝާއިއުކޮށްފައިވާ ކަމަށެވެ. އަދި އެކި މީހުންގެ ޒާތީކަންކަމާއި އަބުރާބެހޭ ފަދަ ހަބަރާއި އަންހެނުންނަށް ނިސްބަތްކޮށް އެ ކަނބަލުންގެ ގަދަރުކުޑަވާ މޭރުމަކުން އެތައް ލިޔުމެއް ޝާއިއު ކޮށްފައިވާ ކަމަށެވެ.
"ބަޔާންވެދިޔަ ސަބަބުތަކުގެ މައްޗަށް ރިއާޔަތްކޮށް ބަލާއިރު މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނުގެ ދަށުން މޯލްޑިވްސް މީޑިއާ ކައުންސިލުން އިސްނަގައިގެން ބެލި މި މައްސަލައިގައި ޝަކުވާ ބަލާ ކޮމިޓީން ނިންމާފައިވަނީ 'ދެންމެ' ނަމުގައި ހިންގާ ވެބްސައިޓުން އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ލިޔުންތައް ޝާއިއުކުރަމުން ގެންދާތީ އެފަދަ ކަންކަން ނުކުރުމަށް އިންޒާރު ދީފައި ވަނިކޮށްވެސް ތަކުރާރުކޮށް އެކަން ކުރަމުން ގެންދާތީ 'ދެންމެ' ވެބްސައިޓް ބްލޮކް ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށެވެ" އެމްއެމްސީ އިން ބުންޏެވެ.
އެމްއެމްސީ އިން ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ވެސް "ދެންމެ" ވެބްސައިޓުގެ މައްސަލަ ބަލައިފައެވެ. އެ ފަހަރު މައްސަލަ ބެލިއިރު "ދެންމެ" ވެބްސައިޓަކީ ރަޖިސްޓްރީ ކޮށްގެން ހިންގާ ސައިޓެއް ނޫންކަން ފާހަގަވުމުން އެ ވެބްސައިޓް ހިންގާ ފަރާތުގެ މައުލޫމާތު ހިއްސާކުރުމަށް އެދި އާންމުކޮށް ހުޅުވާލިއެވެ.
އެމްއެމްސީން ބުނީ އާންމުންގެ ފަރާތަކުން "ދެންމެ" ވެބްސައިޓު ހިންގާ މީހެއް ކަމަށް ބުނާ މީހާގެ މައުލޫމާތު ކައުންސިލަށް ފޯރުކޮށްދީފައި ކަމަށާއި ނަމަވެސް އެ މީހަކީ "ދެންމެ" ވެބްސައިޓު ހިންގާ ފަރާތްތޯ ކައުންސިލުން ކަށަވަރުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި އެ ވެބްސައިޓް ހިންގާ ފަރާތް ހޯދަން އިއުލާން ކުރުމުން ބޭއާދަބީ ބަހުން ލިޔުންތައް ޝާއިއުކުރުން "ދެންމެ" ނޫހުން ހުއްޓާލިކަން ފާހަގަވި ނަމަވެސް މި އަހަރުގެ ތެރޭގައި "ދެންމެ" ވެބްސައިޓުން އަނެއްކާވެސް އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ލިޔުންތައް ފަތުރަން ފަށާފައިކަން ސަމާލުކަމަށް އައިސްފައިވާ ކަމަށް ބުންޏެވެ.
އަދި ބައެއް ނޫސްވެރިންވެސް އެ މައްސަލައިގެ ކަންބޮޑުން ހިއްސާކޮށްފައިވާއިރު، އެމްއެމްސީން އަމިއްލައަށް އިސްނަގައިގެން "ދެންމެ" ވެބްސައިޓުގެ މައްސަލަ ބެލީ އެހެންވެގެން ކަމަށް އެމްއެމްސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު