އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ކުރިއަށްއޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދާއިމީ ހައްލެއް ގެނެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ފެނަކައިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުއާޒް ވިދާޅުވީ އައްޑޫގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"އޭގެ ތެރޭގައި ޗައިނާގެ ކުންފުންޏަކާ އެކީގައި އެއްބަސްވުމެއް އެއްބަސްވެގެން އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ޕްރޮޖެކްޓު ނިމުމުން ކަރަންޓަށް ދިމާވެފައި އޮތް މައްސަލަ އެއްކޮށް ދާއިމީ ހައްލެއް ލިބިގެންދާނެ މި ޕްރޮޖެކްޓު އެއްކޮށް ނިމިގެން. ޗައިނާގެ ޑީއީސީ ކިޔާ ކުންފުންޏަކާ އެކީގައި އަޅުގަނޑުމެން އެގްރިމެންޓެއް ކުރެވިފައި އެއޮތީ،" އޭނާ ވިދާޅުވިއެވެ.
މުއާޒް ވިދާޅުވީ އެ މަސައްކަތް ނިމުމުން ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށާއި މި މުއްދަތުގެ ތެރޭގައި ދިމާވާ މައްސަލައަކީ އައްޑޫގައި ގާތްގަނޑަކަށް 18 ވަރަކަށް ޖަނަރޭޓަރު ބަހައްޓައިގެން ކަރަންޓުދޭން ޖެހުން ކަމަށެވެ. އަދި އެކަން ދިމާވެފައިވަނީ މީގެ ކުރިން ރަނގަޅަށް މެއިންްޓެއިން ނުކުރެވުމުގެ ސަބަބުން ޖަނަރޭޓަރުތަކުގެ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވުމުން ކަމަށް ވިދާޅުވިއެވެ.
"އެކަމަކު އަޅުގަނޑުމެން މިދަނީ މި ތަކެތީގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ބޭނުންވާ ސްޕެއާތަކާއި އަދި ޖެނެރޭޝަން ކެޕޭސިޓީ އިތުރުކުރުމަށާއި އަދި ހަލާކުވާ ޖަނަރޭޓަރުތަކުގެ ބަދަލުގައި އިތުރު ޖަނަރޭޓަރުތައް ވެސް އައްޑޫ ސިޓީއަށް ވެސް ފޮނުވުމުގެ މަސައްކަތްކުރަމުން،" އޭނާ ވިދާޅުވިއެވެ.
މުއާޒް އިތުރަށް ވިދާޅުވީ މިއަދުގެ ވަގުތެއްގައި 1.6 މެގަވޮޓުގެ ޖެންސެޓެއް ރާއްޖެ ގެނެވިފައިވާ ކަމަށާއި ކަސްޓަމްސް ކްލިއަރެންސް ނިމުނުހާ އަވަހަކަށް އައްޑޫއަށް އެ ޖެންސެޓު ވެސް ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެގޮތަށް ހާލަތު ރަނގަޅުކުރުމަށް ފެނަކައިން ވަރަށް ގިނަ ކަންކަން ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައާ ގުޅޭގޮތުން މުއާޒް ވާހަކަދައްކަވާފައިވާ އިރު، މިދިޔަ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކްލައިމެޓްޗޭންޖް އެންޑް އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހިމްއާ ވެސް އެ މައްސަލައާ ގުޅޭގޮތުން މެންބަރުން ވަނީ ސުވާލުކުރައްވައިފައެވެ.
އެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ތޯރިގު ވިދާޅުވެފައިވަނީ އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދޭ، ހިތަދޫ ސެންޓްރަލް ޕަވާ ސްޓޭޝަންގެ މައްސަލައަކީ އެމްޑީޕީ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އެ ތަނުގައި ހުރި ޖަނަރޭޓަރުތައް މަރާމާތު ނުކުރެވި، އާ ޖަނަރޭޓަރުތައް ގެނެސްފައި ނުވާތީ ދިމާވެގެން އުޅޭ މައްސަލައެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ތަނުގައި ކަރަންޓު ފޯރުކޮށްދިނުމަށް ހުރި 20 ޖަނަރޭޓަރުގެ ތެރެއިން ފަސް ޖަނަރޭޓަރު ހަލާކުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ތޯރިގު ވިދާޅުވެފައިވަނީ އައްޑޫ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިހާރުގެ ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން ފެނަކައަށް 1.6 މެގަވޮޓްގެ އާ ޖެނަރޭޓަރެއް ގެނެސްފައިވާ ކަމަށާއި އިތުރު ތިން ޖަނަރޭޓަރަށް ބޭނުންވާ ސްޕެއާ ޕާޓްސް ގެނަސްފައިވާ ކަމަށެވެ.
އެ ޖަނަރޭޓަރުތަކާއި އަދި އިތުރު ދެ ޖަނަރޭޓަރު އޯވަހޯލްކުރުމުގެ މަސައްކަތް އަންނަ އޯގަސްޓް މަހު ނިމޭނެ ކަމަށާއި އޭރުން އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ކުރު ރާސްތާގެ ހައްލެއް ގެނެވޭނެ ކަމަށް ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު