ވިލިމާލޭގައި ތަރައްގީކުރަން ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލުގެ ފީސިބިލިޓީ ސްޓަޑީގެ ޓެކްނިކަލް ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

ވިލިމާލެ ހޮސްޕިޓަލުގެ ދިރާސާ ހަދަން ޗައިނާ ސަރުކާރާ ހަވާލުކުރީ މިއަހަރުގެ މެއި މަހުގެ 22 ގައެވެ.

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަޝްރޫއުގެ މައިގަނޑު ސްޓޭކްހޯލްޑަރުން ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީއާއި ކޮންސްރަކްޝަން މިނިސްޓްރީގެ ޓެކްނިކަލް ޓީމާއެކު ފީސިބިލިޓީ ސްޓަޑީގެ ފަންނީ ކަންތައްތަކާއި ހޮސްޕިޓަލުގެ އޮޕަރޭޝަނަލް އަދި ފަންކްޝަނަލް ރިކުއާމަންޓުތަކާ ބެހޭގޮތުން މަޝްވަރާކުރި ކަމަށެވެ.

އެ ބައްދަލުވުމުގައި، ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓު ކޯޕަރޭޝަން އެޖެންސީގެ ބެފުޅުންނާއި މާލެ ސިޓީގެ ހޮސްޕިޓަލުތަކުގެ ސީނިއާ މެނޭޖްމަންޓުގެ ބޭފުޅުންގެ އިތުރުން ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން އެ މަޝްރޫއުގައި ހަރަކާތްތެރިވާ ޓެކްނިކަލް ޓީމުން ބައިވެރިވެފައިވާ ކަމަށްވެސް ކޮންސްޓަކްޝަން މިނިސްޓްރީން ބުންޏެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ވަންގް ލިޒިން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ ވިލިމާލެ ހޮސްޕިޓަލު މަޝްރޫއުގެ މަސައްކަތް ކުރިއަށްދަނީ، އެ ހޮސްޕިޓަލުގެ ކަމާބެހޭ ޑިޕާޓްމަންޓުތައް ގުޅިގެން ކުރަމުންދާ މަސައްކަތުން ކަމަށާއި އެ މަޝްރޫއުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ހަރުދަނާ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މިދިޔަ މާޗް މަހުގެ 24 ވަނަ ދުވަހު "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި މީހަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ވިލިމާލެއިން ފޯރުކޮށްދޭ ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ސިޔާސަތެއް ކަމަށެވެ. މި ސަރުކާރުން ވިލިމާލޭގެ ސިއްހީ ހިދުމަތްތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.