ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއީލް ހަނިއްޔާ އިއްޔެރޭގެ ފަތިހުގެ ވަގުތެއްގައި އިޒްރޭލުން ވަނީ ޝަހީދުކޮށްލައިފައެވެ. ޝަހީދުކޮށްލުމުގެ އެއްދުވަސްކުރިން އިސްމާއީލް ހަނިއްޔާ ވަނީ އީރާނުގެ އައު ރައީސް ޑރ. މަސްއޫދު ޕަޒިޝްކިޔާން މަގާމުގެ ހުވާކުރައްވައި ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. ހަމާސް އާއި އިޒްރޭލުގެ ދިހަމަސްވީ ހަގުރާމައިގެ ތެރެއިން އިސްމާއީލް ހަނިއްޔާ އާއި އޭނާގެ ހަށިފާރަވެރިންގެ ތެރެއިން މީހަކު ޝަހީދުކޮށްލެވުނީ އީރާނުގެ ވެރިރަށް ތެހެރާނުގައެވެ. މިކަން އީރާނުގެ އިންގިލާބީ ގާޑުންގެ ފަރާތުން ނެރުނު ބަޔާނަކުން ވަނީ ކަށަވަރުވެސް ކޮށްދީފައެވެ. ހަމާސްއަކީ ގާޒާ ކޮންޓްރޯލްކުރާ ޖަމާއަތެވެ. ހަނިއްޔާ އަވަހާރަކޮށްލީ އިޒްރޭލުންކަމަށްވެސް އިންގިލާބީ ގާޑުންގެ ބަޔާނުގައި ވަނީ ބުނެފައެވެ. ތެހެރާނުގައި އިސްމާއީލް ހަނިއްޔާ ހުންނެވި ގެއަށް އަމާޒުކޮށްގެން ދިން ހަމަލާގެ އިތުރު ތަފްސީލުތަކެއް އީރާނުން ދީފައެއް ނުވެއެވެ.
މި ހަމަލާގެ ފަހަތުގައިވާ އެހެނިހެން ބާރުތަކާއި މީހުންނާއި މިކަންކުރިގޮތް ދެނެގަތުމަށް ތަހުގީގެއް ފަށާފައިވާ ކަމަށްވެސް އިންގިލާބީ ގާޑުންގެ ލަޝްކަރުން ވަނީ ބުނެފައެވެ. އުމުރުފުޅުން 61 އަހަރުވީ އިސްމާއީލް ހަނިއްޔާއަކީ އިރާނުގައި ދިރިއުޅުއްވާ ބޭފުޅެއް ނޫނެވެ. އަދި ގާޒާގައި ގާއިމުވެ ހުންނަވާ ބޭފުޅެއްވެސް ނޫނެވެ. އޭނާ ދިރިއުޅުއްވަނީ ގަތަރުގެ ވެރިރަށް ދޯހާގައެވެ. އޭނާ އީރާނަށް ވަޑައިގެންނެވީ އެގައުމުގެ އައު ރައީސް ޑރ. ޕަޒިޝްކިޔާން ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. މި ރަސްމިއްޔާތު އޮތީ އަންގާރަދުވަހު ތެހެރާނުގައެވެ. މި ދަތުރުފުޅުގައި ހަނިއްޔާ ވަނީ އީރާނުގެ ރޫހީ ލީޑަރު އާޔަތު ﷲ އަލީ ޚާމަނާއީއާވެސް ބައްދަލު ކުރައްވައިފައެވެ. ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލާފައި މިވަނީ އިޒްރޭލާއި ހަމާސްއާ ދެމެދު މިހާރު ކުރިއަށްދާ ދިހަމަސްވީ ހަނގުރާމައަށް ނިމުމެއް ގެނެވޭތޯ ޑިޕްލޮމެޓިކް އައު މަސައްކަތްތަކެއް އެމެރިކާގެ ރައީސް ޖޯ ބައިޑެން ފައްޓަވައިގެން އުޅުއްވަނިކޮށެވެ. މި މަސައްކަތުން ނަތީޖާއެއް ނެރެވިދާނެކަމުގެ އުންމީދުވެސް އައުވެފައިވާ ދަނޑިވަޅެއްގައެވެ.
އެހެންނަމަވެސް މިކަމެއް މިހިނގީ ލުބުނާނުގެ ހިޒްބު ﷲ ޖަމާއަތާއި އިޒްރޭލާ ދެމެދު ހުޅުވިފައިވާ އައު ހަނގުރާމައެއް ފެށި ހަނގުރާމައިގެ މައިދާން ގާޒާއިން ދެކުނު ލުބުނާނަށް ފުރޮޅިގެން ހިނގައިދާނޭކަމުގެ ބިރުވެސް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. މި ހަފުތާގެ ތެރޭގައި ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ދެކުނުގައި ހިޒްބު ﷲ ގެ ކޮމާންޑަރަކު އަވަހާރަކޮށްލުމަށް އިޒްރޭލުން ދިން ވައިގެ ހަމަލައެއްގައި ތިން މީހަކު ޝަހީދުވެ 74 މީހަކު ޒަޚަމްވެފައިވެއެވެ. ޝަހީދުވީ މީހުންގެ ތެރޭގައި ކުޑަ ދެކުއްޖަކުވެސް ހިމެނެއެވެ. މި ހަމަލަޔަކީ އިޒްރޭލުން ހިންގި ހަރަކާތެއްކަން އިޒްރޭލުގެ އަސްކަރިއްޔާއިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ކޮންމެއަކަސް ބެއިރޫތާއި ތެހެރާނަށްވެސް ހަމަލަދީފައިވަނީ އެއްބައެކެވެ. އިޒްރޭލެވެ. ބޭރޫތުގެ ހަމަލަޔަކީވެސް ވައިގެ ހަމަލައެކެވެ. ތެހެރާނުގެ ހަމަލަޔަކީވެސް ވައިގެ ހަމަލައެކެވެ. އެކަމަކު މި ދެ ހަމަލަ ވަރަށް ތަފާތެވެ.
ތެހެރާނަށް ދިން ހަމަލާގެ ތަފްސީލުތައް އީރާނުން އަދި ހާމަނުކުރިކަމަށްވިޔަސް ބޮޑަށް ގަބޫލުކުރެވުފައިވަނީ އެއީ އެތެރޭގެ ވަސީލަތްތަކެއް ބޭނުންކޮށްގެން ދިން ހަމަލާއެއްކަމުގައެވެ. މި ހަމަލާގައި ޝަހީދުވި އިސްމާއީލް ހަނިއްޔާގެ ފުރިހަމަ ނަމަކީ އިސްމާއީލް އަބްދުއްސަލާމް އަހުމަދު ހަނިއްޔާއެވެ. ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔަކަށް އޭނާ އިންތިޚާބު ކުރެވުނީ 6 މެއި 2017 ގައެވެ. އޭގެކުރިން މި މަގާމުގައި ހުންނެވީ ޚާލިދު މިޝްއާލެވެ. އިސްމާއީލް ހަނިއްޔާ އުފަންވީ ގާޒާގެ ޝާތީ ރެފިއުޖީ ކޭމްޕުގައެވެ. އޭނާގެ މައިންބަފައިންނަކީ އިޒްރޭލުގެ ދައުލަތް ވުޖޫދުކުރުމާއެކު ވަޒަނުން ފައްސައިލެވުނު މީހުންގެ ތެރެއިން ބައެކެވެ. އިޒްރޭލް ވުޖޫދުކުރެވުނީ 1948 ގައެވެ. ހަނިއްޔާގެ އާއިލީ ވަޒަން ހިމެނުނީ އިޒްރޭލުގެ ތެރޭގައެވެ. ކޮންމެއަކަސް ޒުވާން އުމުރުގައި ހަނިއްޔާ ތައުލީމް ހާސިލްކުރެއްވީ ގާޒާގެ އަޒްހަރު އިންސްޓިޓިއުޓްގައެވެ. ތައުލީމު ނިންމަވައިލެއްވީ ގާޒާގެ އިސްލާމިކް ޔުނިވަރސިޓީން އަރަބި އަދަބިއްޔާތުގެ ދާއިރާއިން ޑިގްރީއެއް ހާސިލްކުރެެއްވުމަށްފަހުގައެވެ.
ގާޒާއިން ގަތަރަށް އޭނާ ބަދަލުވެވަޑައިގަތީ ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާގެ ގޮތުގައި ކުރާންޖެހޭ ކަންކަން ކުރުމަށް ފަސޭހައަކަށްޓަކައި 2019 ވަނަ އަހަރުގެ ތެރޭގައެވެ. އެކަމަކު ހަނިއްޔާގެ އާއިލާގެ ގިނަ މެންބަރުން ދެންވެސް ދެމިތިބީ ގާޒާގައެވެ. ހަނިއްޔާގެ ފިރިހެން ބޭފުޅުންގެ ތެރެއިން ތިން ބޭފުޅަކު މިއަހަރުގެ ކުރީކޮޅު ގާޒާގެ އުތުރުގައި އިޒްރޭލުން ވަނީ ޝަހީދުކޮށްލައިފައެވެ. އީރާނުގެ ވެރިރަށް ތެހެރާނުގައި އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލުމަކީ އާދައިގެ ކަމެއް ނޫނެވެ. އެއީ ބޮޑުކަމެކެވެ. ވަރަށް ބޮޑު ކަމެކެވެ. ފަތިހަށް އަލިވިލުމުގެ ކުރިން ވައިގެ ހަމަލާއެއްގައި މިކަންކުރުމުގެ ޒިންމާ އިޒްރޭލުން އުފުލާފައި ނުވިޔަސް މިއީ އިޒްރޭލުގެ އަމަލެއްކަން އީރާނަށް ކަށަވަރެވެ. އީރާނުގެ ރޫހީ ލީޑަރު އާޔަތު ﷲ އަލީ ޚާމަނާއީ ވަނީ މިކަމުގެ ބަދަލު އިޒްރޭލުގެ ކިބައިން ހިފާނެ ކަމުގެ އިންޒާރު ދެއްވައިފައެވެ. މިވަގުތު ނޭނގެނީ ބަދަލުހިފުމަށް ކުރާނެ ކަމަކާއި އެކަމުގެ ވަގުތެވެ.
ޚުމައިނީއަކީ އީރާނުގެ އެންމެ އިސް ލީޑަރެވެ. އެހެންވީމާ އޭނާގެ އިންޒާރަކީ ސީރިއަސް އިންޒާރެކެވެ. މި އިންޒާރުން އެނގެނީ ބަދަލުހިފާނެކަމާއި ބަދަލުހިފުން ބޮޑުވާނެ ކަމެވެ. މިދަނޑިވަޅުގައި ހަނދާނަށް އަންނަނީ މިއަހަރުގެ އެޕްރީލް ތޭރަ ވަނަ ދުވަހު އީރާނުން އިޒްރޭލަށް ފޮނުވައިލި ވަރުގަދަ ހަމަލާތަކެވެ. އެތައް ސަތޭކަ މިސައިލަކާއި ރޮކެޓާއި ޑްރޯންތަކެވެ. މިއީ އޭގެ ދުވަސްކޮޅެއްކުރިން ސީރިޔާގެ ވެރިރަށް ދިމިޝްގުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިޒްރޭލުން ދިން ވައިގެ ހަމަލައެއްގައި އީރާނުގެ އިންގިލާބީ ގާޑުންގެ އޮފިސަރުންތަކެއް ޝަހީދުކޮށްލުމުން އެކަމުގެ ބަދަލުހިފުމަށްޓަކައި ދިން ހަމަލާއެކެވެ. އެފަހަރުވެސް ޚާމަނާއީ ވިދާޅުވިއެވެ. ތިޔަ ޖަރީމާގެ ބަދަލު ހިފާނަމެވެ. އެފަހަރު ގިނަ ބަޔަކު ހީކުރީ ސީދާ އުޒްރޭލަށް ހަމަލަދޭން އީރާނަށް ނުކެރޭނެ ކަމުގައެވެ. އެކަމަކު ޚާމަނާއީ އިންޒާރުދެއްވި ގޮތަށް އެކަންވަނީ ކޮށްފައެވެ. އެހެންވީމާ މިފަހަރުގެ އިންޒާރާ އެއްގޮތަށްވެސް އީރާނުން އަމަލުކުރާނެ ކަމަށް ގަބޫލުކުރެވެއެވެ. އެކަމުގެ ކެރިކުޅަދާނަކަން އީރާނުގެ ކިބައިގައި ހުރިކަން ކުރީފަހަރު ވަނީ ސާބިތުކޮށްދީފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ