ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ކުޅިވަރު އިވެންޓް، ބޮޑީބޯޑިން އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ ވިސިޓް މޯލްޑިވްސް ޕްރޯ 2024ގައި މިއަހަރު 14 ގައުމަކުން ޖުމުލަ 88 އެތުލީޓުން ވާދަކުރާނެ ކަމަށް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ބުނެފިއެވެ.

މި އަހަރުގެ ވިސިޓް މޯލްޑިވްސް ޕްރޯ އިވެންޓް ރަސްމީކޮށް ފަށާނީ ހުކުރު ދުވަހުއެވެ. އެހެން ނަމަވެސް އިވެންޓްގެ ރަސްމީ ބައްދަލުވުމާއި އެތުލީޓުންގެ ބްރީފިން މިރޭ އޮންނާނެއެވެ. މިފަހަރުގެ އިވެންޓް ކުރިއަށްދާނީ ވަރުނުލާ ރާޅުގަނޑުގައެވެ. އިވެންޓް އޮގަސްޓް ނުވަ ވަނަ ދުވަހާއި ހަމައަށް ދެމިގެންދާނެއެވެ.

ދުނިޔޭގެ އެންމެ މޮޅެތި ބޮޑީބޯޑަރުން އިވެންޓަށް ރަޖިސްޓަރީކޮށް، މިހާރުވެސް ވާމްއަޕަށް ވަރުނުލާ ރާޅުގަނޑަށް ނުކުންނަން ފަށާފައިވާ އިރު، މިފަހަރު 14 ގައުމަކުން ޖުމުލަ 88 އެތުލީޓުން ވާދަކުރާނެއެވެ. އެއީ ފިރިހެން އޯޕަން ޑިވިޝަނުގައި ވާދަކުރާ 50 އެތުލީޓުންނާއި، އަންހެން އޯޕަން ޑިވިޝަނުގައި ވާދަކުރާ 23 އެތުލީޓުން އަދި ޖޫނިއާ ބައިގައި ވާދަކުރާ 23 އެތުލީޓުންނެވެ.

ވިސިޓް މޯލްޑިވްސް ޕްރޯގައި މި ފަހަރުވެސް ރާއްޖޭގެ 15 އެތުލީޓުން ފެނިގެންދާނެއެވެ. ބާކީ ތިބި 73 އެތުލީޓުންނަކީ އެހެން ގައުމުތަކަށް ނިސްބަތްވާ އެތުލީޓުންނެވެ.

ރާއްޖޭގެ މޯލްޑިވްސް ޕްރޯ ދުނިޔޭގެ އެތުލީޓުންގެ މެދުގައި މަގުބޫލުވެގެން ގޮސްފައިވަނީ މިދިޔަ ދެ އަހަރުވެސް އިންތިޒާމު ފުރިހަމަ ކަމުންނެވެ. މިފަހަރުވެސް އިވެންޓުގައި ރާއްޖޭގެ އިތުރުން 13 ގައުމެއްގެ އެތުލީޓުން ފެނިގެން ދާނެއެވެ.

  • ސްޕެއިން
  • ޕޯޗުގަލް
  • ޕެރޫ
  • ދެކުނު އެފްރިކާ
  • އެމެރިކާ
  • ފްރާންސް
  • މޮރޮކޯ
  • އޮސްޓްރޭލިއާ
  • ބްރެޒިލް
  • ޖަޕާން
  • ޗިލީ
  • އޮސްޓްރިއާ
  • ވެނެޒުއޭލާ
  • ރާއްޖެ

މިއަހަރުގެ ވިސްޓް މޯލްޑިވްސް ޕްރޯގައި ބައިނަލްއަގުވާމީ ފެންވަރުގެ ހަތަރު ފަނޑިޔާރުން ފެނިގެންދާނެއެވެ. އޭގެ ތެރެއިން އެއް ފަނޑިޔާރަކީ ރާއްޖެއިން ނަގާ ފަނޑިޔާރެއް ކަމަށް އެސޯސިއޭޝަނުން ބުނެފައިވެއެވެ.

މި އަހަރު މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރުގެ ގޮތުގައި "ވަން ސްޕޯޓްސް" ހަމަޖައްސާފައިވާ އިރު، މުބާރާތުގެ އެންމެފަހުގެ މައުލޫމާތު ގެނެސްދިނުމަށް ހާއްސަ ކަވަރޭޖެއް ގެނެސްދޭން "ވަން ސްޕޯޓްސް"އިން ވަނީ ނިންމައިފައެވެ.