މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ވިސިޓް މޯލްޑިވްސް ޕްރޯ 2023 ގެ ޖޫނިއާ ޗެމްޕިއަން، ސްޕެއިންގެ ހޯހޭ ހެނާންޑޭޒްގެ ދަތުރަކީ ތަފާތު ދަތުރެކެވެ. އުމުރުން 18 އަހަރެވެ. މިހާރުވެސް އޭނާއަކީ ޔޫރަޕިއަން، ސްޕެނިޝްގެ އިތުރުން ދުނިޔޭގެ އަދި ކެނޭރިއަން ޖޫނިއާ ޗެމްޕިއަނެކެވެ. ހެނާންޑޭޒް 2022 ވަނަ އަހަރު ދުނިޔޭގެ ޖޫނިއާ ޗެމްޕިއަންކަން ހޯދައި ގިނަ ބަޔަކު ހައިރާން ކޮށްލި ނަމަވެސް، މިދިޔަ އަހަރެއްހައި ދުވަސް އޭނާއަށް ފަސޭހައެއް ނުވިއެވެ.
ކޮނޑުހުޅު ނެއްޓުމުގެ އަނިޔާއެއްގައި އެތައް ދުވަހެއް ވަންދެން ބޮޑީބޯޑް ނުކޮށް، ހެނާންޑޭޒް އެ ދުވަސްތަކުގައި ބޮޑަށް ސަމާލުކަން ދިނީ ކިޔެވުމަކަށެވެ. އެހެން ނަމަވެސް، ރާޅަށް ނުދެވި ހުންނަން ޖެހުމުން، އެ މާޔޫސްކަން ހެނާންޑޭޒްއަށް އޮތީ ބޮޑުވެފައެވެ. ރާއްޖޭގައި ފަށަން ތައްޔާރުވެފައިވާ ވިސިޓް މޯލްޑިވްސް ޕްރޯ 2024 ގައި ވައިލްޑްކާޑް ސްލޮޓެއްގައި އޭނާ ވާދަކުރާ އިރު، އެއީ އެނބުރި ފޯމަށް އައުމަށް މުހިއްމު ފުރުސަތެއް ކަމަށް ހެނާންޑޭޒް ދެކެއެވެ.
"ރާއްޖެ އާދެވޭ ކޮންމެ ފަހަރަކު އަހަރެން ވަރަށް އުފާވޭ. މިއީ ޕެރަޑައިސް. އަހަންނަށް މިއީ ވަރަށް ހާއްސަ އިވެންޓެއް. ބޮޑީބޯޑިން ޓުއާގެ އެންމެ މުހިއްމު އެއް އިވެންޓް މިއީ. ރާއްޖޭގެ މީހުންނާއި ރާޅު އަބަދުވެސް ހާއްސަ ވާނެ. އަހަރެން މިހުރީ ވަރަށް ތައްޔާރުވެގެން. އިތުރު އަހަރަކަށް އާދެވުނީމަ ވަރަށް އުފާކުރަން،" ހެނާންޑޭޒް ރާޅުގަނޑުގައި ހުރެ "ވަން ސްޕޯޓްސް"އާ ވާހަކަ ދައްކަމުން ބުންޏެވެ.
ހެނާންޑޭޒްއަށް އަދިވެސް އޮތް އެންމެ ބޮޑު ބިރަކީ ކޮނޑުހުޅުގެ ބިރެވެ. ހުޅު ނެއްޓިދާނެ ކަމުގެ ބިރު އޭނާއަށް އޮވެއެވެ. އަދިވެސް 100 ޕަސެންޓް ފިޓް ނުވާ ކަމަށް ބުންޏެވެ. އެހެން ނަމަވެސް އަޒުމަށް ކުޑަނަމަވެސް ބަދަލެއް ގެންނަން ބޭނުމެއް ނުވެއެވެ. އޭނާ އައިސް ހުރީ ތަށި ދިފާއުކުރުމަށެވެ.
"އަހަރެން މިހުރީ އަނެއްކާވެސް ރަނގަޅު ނަތީޖާއަކަށް އުންމީދުކޮށްގެން. އެހެން ނަމަވެސް ކޮނޑަށް ލިބިފައިވާ އަނިޔާއާމެދު ކޮންމެވެސް ވަރަކަށް ހާސްވެ ބިރުގަނޭ. މިހެން އުޅުމުގެ ތެރޭގަ ކޮނޑަށް އަނިޔާވާނީ ކޮންއިރަކުކަމެއް ނޭނގެ. އެހެންވިޔަސް، އަހަރެން ބޭނުންވަނީ މުބާރާތް ކާމިޔާބުކުރަން. އަހަރެންގެ ޓާގެޓަކީ އެއީ. އުނދަގޫ ކަމެއް ނަމަވެސް، އަހަރެން އެ ނޫން ނަތީޖާއެއް ބޭނުމެއް ނޫން،" ވާމްއަޕަށް ވަރުނުލާ ރާޅުގަނޑަށް އެރެން ތައްޔާރަށް ހުރި ހެނާންޑޭޒް ބުންޏެވެ.
ހެނާންޑޭޒް ބޮޑީބޯޑިންނަށް ނުކުތްތާ އަދި މިވީ އެންމެ ހަތަރު އަހަރު ނަމަވެސް، އޭނާއަކީ މިހާރު ދުނިޔޭގެ ޗެމްޕިއަން އެތުލީޓެކެވެ. ޖޫނިއާ ލެވެލްގައި ނަމަވެސް، އެ ހޯދި ކާމިޔާބީއަކީ އެއް ދުވަހެއް، ދެ ދުވަހެއްގެ މަސައްކަތުން ހޯދި ކާމިޔާބީއެއް ނޫނެވެ. އެއީ އެތައް ގުރުބާނީއެއްގެ ނަތީޖާއެވެ.
"ދުނިޔޭގެ ޗެމްޕިއަނަކަށް ވުމަކީ އުނދަގޫ ކަމެއް. އެކަމަށް ވަރަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެ. އަހަންނަށް އެކަން ކުރެވުނީ އަބަދު ތަމްރީނުތައް ހަދައިގެން. އަހަރެން ހެނދުނާއި މެންދުރު، އަދި ހަވީރުވެސް ކުރި ކަމަކީ ތަމްރީނުތައް ހެދުން. ރާޅަށް ދިއުން. އަހަރެން ދުނިޔޭގެ ޗެމްޕިއަނަކަށްވުމުގެ ސިއްރަކީ އެ ބުރަ މަސައްކަތް. އަހަރެން ގަބޫލުކުރާ ގޮތުގައި، އެކަށީގެންވާ ވަރަށް ތަމްރީނުތައް ފުރިހަމަކޮށް، ބުރަ މަސައްކަތާއެކު އަޒުމުގައި ހުރެފިއްޔާ، ދުނިޔޭގެ ޗެމްޕިއަނަކަށް ވެވިދާނެ،" ހެނާންޑޭޒް ބުންޏެވެ.
ދިރިއުޅުމުގެ އެތައް ތަކުލީފަކުން އަރައިގަންނަންވެސް ހެނާންޑޭޒް ބޭނުންކުރާ ހަތިޔާރަކީ ރާޅެވެ. އޭނާގެ މާޔޫސްކަން، ހިތްހަމަ ޖެހުމަށް ބަދަލުކޮށްލަނީވެސް ރާޅަށް ގޮސް، އެ އިހުސާސްކޮށްލާ "ފްރީޑަމް"އިންނެވެ. ހެނާންޑޭޒްގެ ނަޒަރުގައި ބޮޑީބޯޑިންނަށް ޒުވާނުން އަދިވެސް ގިނައިން ނުކުންނަންވީ އެވެ. ބޮޑީބޯޑިންނަކީ ދުނިޔޭގައި ދަތުރުކުރެވޭނެ، "ކޫލް" ކުޅިވަރެއް ކަމަށް އޭނާ ބުންޏެވެ.
"ރާޅަކީ ހިތްހަމަ ޖެހުމެއް. ހަޔާތުގައި ދަތި އުނދަގޫ ކަންތައްތައް ދިމާވުމުން ރާޅަށް ނުކުތުމަކީ ހިތްހަމަ ޖެހުން ގެނެސްދޭ ކަމެއް. މޫދަށް ދިއުމަކީ ހާސްކަން ކަނޑާލެވޭ ކަމެއް. އަހަރެން ގަބޫލުކުރާ ގޮތުގައި ދުނިޔޭގެ އެންމެ ހިތްގައިމު ކުޅިވަރަކީ ބޮޑީބޯޑިން. ޒުވާން ކުދިން މި ކުޅިވަރަށް ނުކުންނަންވީ، މިއީ އެތައް ތަޖުރިބާއެއް ކުރެވޭ ފުރިހަމަ ކުޅިވަރެއް،" ހެނާންޑޭޒް ނިންމާލަމުން ބުންޏެވެ.
ވިސިޓް މޯލްޑިވްސް ޕްރޯ
ވިސިޓް މޯލްޑިވްސް ޕްރޯ
ވިސިޓް މޯލްޑިވްސް ޕްރޯ