ގައުމީ 33 ވަނަ ކެރަމް މުބާރާތުގެ ފިރިހެން ސިންގަލްސްކަން އިސްމާއިލް އަޒްމީން ހޯދި އިރު، އަންހެން ޗެމްޕިއަންކަން އައިމިނަތު ވިދާދު ހޯދައިފިއެވެ.

ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހޯމަ ދުވަހު ނިމިގެންދިޔަ ގައުމީ ކެރަމް މުބާރާތުގެ އަންހެން ޗެމްޕިއަންކަން ވިދާދު ހޯދީ ފައިނަލުގައި އައިޝަތު ނަހުފާ ބަލިކޮށްފައެވެ. ވިދާދު 2-1 ސެޓުން މެޗު ގެންދިޔަ އިރު، ނަހުފާ ފުރަތަމަ ސެޓު ގެންދިޔައީ 13-17 އިންނެވެ.

ފަހަތުން އަނެއް ދެ ސެޓު ވިދާދު ގެންދިޔައީ 0-25 އަދި 6-25 އިންނެވެ. ވިދާދަށް މިފަހަރުގެ ގައުމީ މުބާރާތުން ލިބިފައިވަނީ ބޮޑު ކާމިޔާބީއެކެވެ. އޭނާ ވަނީ މިހާތަނަށް މުބާރާތް ހަ ފަހަރު ކާމިޔާބުކޮށް، ގައުމީ ކެރަމް މުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ކުޅުންތެރިންގެ ރެކޯޑާ ހަމަކޮށްފައެވެ.

ވިދާދު ޗެމްޕިއަންކަން ހޯދާފައިވަނީ، 2017، 2018، 2019، 2021 އަދި 2022 ގެ އިތުރުން 2024 ވަނަ އަހަރުއެވެ. އޭނާ އެއްވަރުކުރި ރެކޯޑަކީ، ޝަޒްނާގެ އިތުރުން ހުސައިން ނީޝާމް އަދި ހަސަން ނާޒިމް އަތުގައި އޮތް ރެކޯޑެކެވެ.

ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި އަޒްމީނަށްވެސް މިއީ ތާރީހީ މުބާރާތެކެވެ. މިފަހަރު މުބާރާތް ކާމިޔާބުކޮށް، އޭނާ ވަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ގައުމީ ކެރަމް ޗެމްޕިއަންކަން ހޯދައިފައެވެ. އަޒްމީން ފައިނަލުގައި އިބްރާހިމް ހުޖާން އަލީ ބަލިކުރީ 2-1 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު އަޒްމީން ކާމިޔާބުކުރީ 25-6 އިންނެވެ. ދެވަނަ ސެޓު ހުޖާން ވަނީ 24-8 އިން ގެންގޮސްފައެވެ. އެހެންނަމަވެސް ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓުގައި އަޒްމީން ވަނީ 24-3 އިން ގެންގޮސްފައެވެ.

ގައުމީ ކެރަމް މުބާރާތުގެ އަންހެން ޑަބަލްސް ޗެމްޕިއަނުންނަކީ ވިދާދާއި ނަހުފާގެ ޕެއާއެވެ. ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ މުހައްމަދު މުންތަސިރާއި ހުޖާންގެ ޕެއާއެވެ. މިކްސް ޑަބަލްސްގެ ތަށި ގެންދިޔައީ ނަހުފާއާއި ހުޖާންއެވެ. އަންހެން އަދި ފިރިހެން ޑިވިޝަންގެ ޓީމު އިވެންޓުގެ ޗެމްޕިއަނުންނަކީވެސް މޯލްޑިވްސް ކެރަމް އެކަޑެމީއެވެ.