ރާއްޖޭގައި ބޭއްވި ފުރަތަމަ ދަ ވިޒިޓް މޯލްޑިވްސް ޕްރޯގައިވެސް ބޮޑީބޯޑިން ލެޖެންޑް، އަލީ ހުޝްރުވާން (ކުޑަ އައްޔަ) ތަފާތު ދެއްކިއެވެ. އެފަހަރު ތިންވަނަ ބުރުގައި ކުޑަ އައްޔަ ވަނީ ދުނިޔޭގެ ރޭންކިން ދެވަނައިގައި އޮތް ޓެނާ މެކް ޑެނިއެލްވެސް ފަހަތަށް ޖައްސާލައިފައެވެ. އެ ނަތީޖާއާއެކުވެސް ސަޕޯޓަރުން ކެކިއަރާފައިވާ އިރު، ފިރިހެން އޯޕަން ބައިގެ ކުއާޓާ ފައިނަލުންވެސް އެފަހަރު ކުޑަ އައްޔަ ޖާގަ ހޯދިއެވެ. އެއީ ރާއްޖޭގެ ބޮޑީބޯޑިން ތާރީހުގައިވެސް ހޯދި އެންމެ ތާރީހީ އެއް ކާމިޔާބީއެވެ.

އެ އަހަރުގެ ޑްރޮޕް-ނީ އިވެންޓުގައިވެސް އައްޔަ ތަފާތު ދެއްކި އިރު، އައިބީސީގެ ދުނިޔޭގެ ރޭންކިންގައި 2022 ވަނަ އަހަރު، ޑްރޮޕް-ނީ ކެޓަގަރީގައި ކުޑަ އައްޔަ ވަނީ 12 ވަނަ މަގާމަށްވެސް ޖެހިލައިފައެވެ. މިހާތަނަށް ރާއްޖެ ދުށް އެންމެ މޮޅު ބޮޑީބޯޑަރަކީ ގިނަ ބައެއްގެ ނަޒަރުގައި ކުޑަ އައްޔަ ކަމަށްވީ އިރު، އޭނާއަށް ނިމިދިޔަ 2023 ވީ އެންމެ ފަސޭހަ އަހަރަކަށް ނޫނެވެ. ޗެލެންޖިން އަހަރަކަށެވެ. އަނިޔާތަކުގެ ސަބަބުންނާވެސް އެކުގައެވެ.

"މޯލްޑިވްސް ޕްރޯއަށް މިހުރީ ވަރަށް ބޮޑަށް ތައްޔާރުވެގެން. އުންމީދުކުރަން ވަރަށް ރަނގަޅު ރާޅުތައް އަންނާނެ ކަމަށް. މިދިޔަ އަހަރާ އަޅައި ބަލާއިރު މިހާރު މިހުރީ ވަރަށް ބޮޑަށް ފޯކަސް ކޮށްގެން. މިދިޔަ އަހަރު އަނިޔާގެ ސަބަބުން ކަންކަން އެހާ ރަނގަޅަކަށް ނޫން ދިޔައީ. ވަރަށް ދަށްކޮށް ދިޔަ އަހަރެއް މިދިޔަ އަހަރަކީ. އެކަމަކު މިއަހަރު ފެށިގެން ބުރުނުޝިކާރަ އިވެންޓުގެ ދެ ކަޓަގަރީންވެސް އެއްވަނަ ހޯދުނީމަ ވަރަށް މޯޓިވޭޓްވެފައި މިހުރީ މުބާރާތަށް. ހީކުރަން ވަރަށް ކުރިއަށް، ދުރަށް ދާނެކަން މޯލްޑިވްސް ޕްރޯގައި،" ކުޑަ އައްޔަ "ވަން ސްޕޯޓްސް"އަށް ބުންޏެވެ.

މިދިޔަ އަހަރުގެ ތަކުލީފުން އަރައިގަނެ، އައްޔަ މިއަހަރަށް ތައްޔާރުވީ އާ ހިތްވަރަކާއެކުކަން ދޭހަކޮށްދިން އެއް ކަމަކީ ރާއްޖޭގެ ގައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ "ބުރުނު ޝިކާރު" ކާމިޔާބުކުރުމެވެ. މިއަހަރުގެ ބުރުނު ޝިކާރައިގެ ފިރިހެން އޯޕަން ބައިގެ ޗެމްޕިއަންކަމާއި ޑްރޮޕް-ނީ ކެޓަގަރީގެ ޗެމްޕިއަންކަން ކުޑަ އައްޔަ ހޯދީ، އެނބުރި އައުން ފުރިހަމަކޮށްގެންނެވެ.

ކުޑަ އައްޔަ ބުނީ މަސައްކަތް އޮންނަ ގޮތުންވެސް ކުރަން ޖެހޭ ކަމަކީ ފަތުރުވެރިން ގޮވައިގެން އެކިއެކި ރާޅަށް ދިޔުން ކަމަށެވެ. އޭގެ ސަބަބުން މުބާރާތްތަކަށް ރަނގަޅަށް ތައްޔާރުވާން ފުރުސަތު ލިބޭ ކަމަށްވެސް އޭނާ ބުންޏެވެ. އަދި އޭގެ އިތުރުން ރަނގަޅަށް ކައިގެން، ބަރާބަރަށް ނިދުން ކަހަލަ ކަންތައްތައް ގަވާއިދުން ކުރަމުންދާ ކަމަށް އައްޔަ ބުންޏެވެ. އައްޔަ އިތުރަށް ބުނީ މުބާރާތް ކައިރިވާ ވަރަކަށް އެކަންކަން އިތުރަށް ރަނގަޅުކޮށް، މިހާރު ސްޓްރެޗިންނާއި ކަސްތަރަތަށްވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭ ކަމަށެވެ.

ކުޑަ އައްޔަ އިތުރަށް ބުނީ ސްޕޮންސަރުންނަކީ އޭނާގެ ކެރިއަރުގައި އެންމެ މުހިއްމު ފަރާތް ކަމަށެވެ. އެގޮތުން މިފަހަރުގެ މުބާރާތަށް ތައްޔާރުވުމުގައިވެސް ސްޕޮންސަރުންގެ ދައުރު ބޮޑު ކަމަށް އައްޔަ ފާހަގަކުރިއެވެ. އެގޮތުން ސީ ސްޕޯޓްސްއަށް ޝުކުރު އަދާކުރަމުން އައްޔަ ވަނީ ލިޓްލް ފީނޯއާއި އޭނާ މުބާރާތުގައި ހުރުން ހަމަޖައްސައިދިން ސަމާސެޓަށްވެސް ޝުކުރު އަދާކޮށްފައެވެ.

ރާޅުގަނޑުގައި ހުރެ، "ވަން ސްޕޯޓްސް"އާ ވާހަކަދައްކަމުން ކުޑަ އައްޔަ ފާހަގަކުރީ އާއިލާއާއި ރައްޓެހިންގެ ސަޕޯޓަކީ އަބަދުވެސް ބޮޑު ހިތްވަރެއް ކަމަށެވެ. އެގޮތުން މޫދަށް އެރި އޮންނަ ވަގުތު އާއިލާއާއި ރައްޓެހިންގެ އަޑު ޖެހުމާއެކު އެ ލިބޭ އުފާވެރިކަން އޭނާ ފާހަގަކުރިއެވެ. އޭގެ އިތުރުން އޭނާ ވަނީ ދިވެހީންނަށްވެސް ހާއްސަ މެސެޖެއް ދީފައެވެ.

ކުޑަ އައްޔަ ނިންމާލަމުން ބުނީ، މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މުބާރާތް ކަމަށާއި، ރާއްޖޭގައި މުބާރާތް ކުރިއަށްދާ އިރު، ހުރިހާ ރައްޔިތުންވެސް ދިވެހި އެތުލީޓުންނަށް ހިތްވަރުދީ، މިކަމުގައި ދެވެން އޮތް އެންމެ ބޮޑު އެއްބާރުލުމެއް ދޭނެކަމަށް އުންމީދުކުރާ ކަމަށެވެ.