ބަންގްލަދޭޝްއަކީ ގާތްގަނޑަކަށް 173 މިލިޔަން މީހުންގެ އާބާދީއެއް ލިބިގެންވާ ވަރަށް ބައިބޯ ގައުމެކެވެ. ގައުމުގެ ބިމުގެ ސަރަހައްދަށް ނިސްބަތްކުރާއިރު އަކަފޫޓަކަށް ޖެހޭ ބޮލުގެ އަދަދު އެންމެ މަތީ އެއްގައުމެވެ. ބަންގްލަދޭޝްއަކީ މީގެ 53 އަހަރު ކުރިން މިނިވަންކަމުގެ ވަރުގަދަ ހަނގުރާމައަކަށްފަހު 26 މާރޗް 1971 ގައި ވުޖޫދުވި ގައުމެކެވެ. ބަނގްލަދޭޝްގެ މިނިވަންކަމުގެ 53 އަހަރަށް ބަލާއިރު ފެންނަނީ އަބަދުވެސް ސިޔާސީގޮތުން ހަލަބޮލި ގައުމެކެވެ. ހަމަނުޖެހުންތަކާއި އުދާސްތައް ގިނަ ގައުމެކެވެ. މިވަގުތު ބަންގްލަދޭޝް އެއޮތީ މިފަހަކަށް އައިސް ފެނިފައިނުވާ ކަހަލަ ބިރުވެރި މާހައުލެއްގެ ތެރޭގައެވެ. ތަޅާފޮޅުންތަކެއްގެ ތެރޭގައެވެ. މުޅި ގައުމުގައި އެއޮތީ ކާފިއު ހިންގައިފައެވެ. ބޮޑެތި ސަހަރުތަކުން ފެންނަނީ ވީރާނާކަމާއި ގެއްލުމެވެ. މި ހަމަނުޖެހުންތަކުގެ އެއްފަރާތުގައި ތިބީ ކިޔަވާކުދިންނެވެ. އަނެއްކޮޅުގައި ބޮޑުވަޒީރު ޝައިޚު ހަސީނާގެ ސަރުކާރެވެ. ހަމަނުޖެހުންތަކުގެ އަސްލަކީ ޒަމާންވީ ކޯޓާ ސިސްޓަމެކެވެ. ވަޒީފާތައް ދިނުމުގައި އަމަލުކުރާ އުސޫލެކެވެ.
ސަރުކާރުގެ ވަޒީފާތަކުގެ ތިންބައިކުޅަ އެއްބައި މިނިވަންކަމުގެ ހަގުރާމައިގައި ބައިވެރިވި މީހުންގެ އާއިލާތަކަށް ހަމަޖެހިފައި އޮންނަ އޮތުމުގެ އިތުރަށް ނުކުޅެދޭ މީހުންނާއި އަންހެނުންނާއި އަޣުލަބިއްޔަތު ނެތް ބައިމަދު ނަސްލުތަކުގެ މީހުންނަށްވެސް ސަރުކާރުގެ ވަޒީފާތަކުގެ ތެރެއިން މިންވަރެއް ޚާއްސަ ކުރެވިފައިވެއެވެ. ނުވަތަ ރިޒާރވް ކުރެވިފައިވެއެވެ. ބަންގްލަދޭޝްގެ ކިޔަވާކުދިން މައިގަޑު ގޮތެެއްގައި މިހާރު މުޒާހަރާ ކުރަމުންދަނީ މީގެ 53 އަހަރު ކުރިން ކުރެވުނު މިނިވަންކަމުގެ ހަނގުރާމައިގައި ބައިވެރިވި މީހުންގެ އާއިލާތަކަށް ޚާއްސަކުރެވިފައި އޮންނަ ތިރީސް އިންސައްތަ ހިއްސާ އުވާލުމަށް އެދިއެވެ. މިދެންނެވި ކޯޓާ އުވާލުމަށް ކިޔަވާކުދިން އެދެނީ އެ ކޯޓާއަކީ ސަރުކާރު ހިންގާ ޕާޓީކަމަށްވާ އަވާމީ ލީގު ބޭނުންވާ ގޮތަކަށް ނާޖާއިޒު ފައިދާ ނެގުމަށް ހުޅުވިފައި އޮންނަ ދޮރެއް ކަމަށް ބުނެފައެވެ. ކިޔަވާކުދިން މިކަމަށް އެދެމުންދަނީ ވަރަށް ގިނަ ސަބަބުތަކެއްވެސް ހުރެގެންނެވެ.
މިނިވަންކަމުގެ ހަނގުރާމައިގައި ބައިވެރިވި މީހުންގެ އާއިލާތަކަށް އޮންނަ ކޯޓާގެ ތެރެއިން ވަޒީފާ ހަމަޖައްސައިދެނީ ބޮޑުވަޒީރު ޝައިޚު ހަސީނާގެ އަވާމީ ލީގަށް ތާއީދުކުރާ މީހުންނާއި އެމީހުންގެ އާއިލާތަކަށް ކަމަށް ކިޔަވާކުދިން ބުނެއެވެ. އެނޫން މީހުންނަށް ވަޒީފާ ހަމަޖައްސައިނުދޭ ކަމަށްވެސް ބުނެއެވެ. ހަގީގަތުގައި މިކަން ހިނގަނީވެސް މިހެންނެވެ. ކޯޓާ ސިސްޓަމަކީ ސަރުކާރު ހިންގާ ޕާޓީއަށް މީހުން ވެއްދުމާއި ތާއީދު އިތުރުކުރުމާއި އިނާމު ދިނުމުގެ ވަސީލަތަކަށް ވަނީ ހަދައިފައެވެ. ބަންގްލަދޭޝްގައި ވަޒީފާނެތް މީހުންގެ އަދަދު ތިރީސް މިލިޔަނަށްވުރެ ގިނައެވެ. ބަންގްލަދޭޝްގެ އިގްތިސާދު ފުޅާވެ ޕްރައިވެޓް ސެކްޓަރުގައި އުފެދޭ ވަޒީފާތަކުގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން ދިޔައަސް އަދިވެސް ފުދޭ މިންވަރާ ގާތަށްވެސް ވަޒީފާތަކެއް ނެތެވެ. ސަބަބަކީ ބަންގްލަދޭޝްގެ އާބާދީ ބޮޑުކަމާއި ކިޔަވައިގެން ކޮންމެ އަހަރަކު ނުކުންނަ ޒުވާނުންގެ އަދަދު ގިނަކަމެވެ. ގިނަބަޔަކު ބޮޑަށް އެދެނީވެސް ސަރުކާރުގެ ވަޒީފާތަކެވެ.
ވަޒީފާގެ ކުރިއެރުމާއި މުސާރަޔާއި އިނާޔަތްތަކާއި ޕެންޝަނުގެ ނިޒާމާއި ވަޒީފާގައި ދެމިހުރުމުގެ ކަށަވަރުކަން ލިބުމާއި މިހެންގޮސް އަދިވެސް އިތުރު އެތަކެއް ސަބަބުތަކާހެދި އާއްމުންގެ ތެރޭގައި އެންމެ ބޮޑު ޑިމާންޑެއް އޮތީ ސަރުކާރުގެ ވަޒީފާތަކަށެވެ. ސަރުކާރުގެ ވަޒީފާތަކަށް އޮންނަ ޑިމާންޑުގެ ނާޖާއިޒު ފައިދާ ނަގައިގެން ބޮޑުވަޒީރު ޝައިޚު ހަސީނާގެ އަވާމީ ލީގު ޕާޓީގެ ސަޕޯޓަރުންނަށް އެއްކަލަ ކޯޓާ ސިސްޓަމުގެ ނަމުގައި ވަޒީފާތައް ހަމަޖައްސައިދިނީމާ ބާކީވަނީ އެންމެ ތައުލީމީ އެންމެ ގާބިލް ޒުވާނުންނެވެ. ނަމުން ވަޒީފާ ދެނީ މިނިވަންކަމުގެ ހަނގުރާމައިގައި ޝާމިލްވި މީހުންގެ އާއިލާތަކަށެވެ. އެކަމަކު ހަގީގަތުގައި ވަޒީފާ ލިބެނީ އަވާމީ ލީގުގެ އެކްޓިވިސްޓުންނަށެވެ. މުޒާހަރާއަށް ނުކުމެ ކިޔަވާކުދިން އެދުނީ ކޯޓާ ސިސްޓަމް އުވާލައި ގާބިލްކަމާއި އިލްމާއި ހުނަރަށް ބަލައިގެން ވަޒީފާ ދިނުމަށެވެ. އެކުދިންނާ ދެކޮޅަށް ސަރުކާރުން ނެރުނީ އަވާމީ ލީގުގެ ކިޔަވާކުދިންގެ ގޮފީގެ އެކްޓިވިސްޓުންނެވެ. ދެން ފެނުނީ ތަޅާފޮޅުމާއި ލޭއޮހޮރުވުމެވެ.
ބޮޑުވަޒީރު ހަސީނާގެ ސަރުކާރުން ހީކުރީ އަވާމީ ލީގުގެ ކިޔަވާކުދިންގެ ގޮފީގެ އެކްޓިވިސްޓުން މަގުތަކަށްނެރެ މުޒާހަރާގައި ބައިވެރިވާ ކުދިންގެ ގައިގައި ތަޅައި ރޯނާގެންނެވީމާ އެކުދިން ބިރުން ގޭގެއަށްވަދެ ފިލާފާނެ ކަމަށެވެ. އެހެނެެއް ނުވިއެވެ. މަގުތަކާއި މައިދާންތައް ބަދަލުވެގެންދިޔައީ ހަނގުރާމައިގެ މައިދާންތަކަށެވެ. ދެފަރާތުން އެތައް ސަތޭކަ ޒުވާނުން މަރުވެއްޖެއެވެ. ގައުމުގެ އަމަން އަމާންކަން ކަށަވަރު ކުރުމުގެ ނަމުގައި ކިޔަވާކުދިންނާ ދެކޮޅަށް ސަރުކާރުން ދެން ނެރުނީ ފުލުހުންނާއި ސިފައިންނެވެ. ފުރިހަމަ ހަތިޔާރާއެކުގައެވެ. މުޒާހަރާކުރާ ޒުވާނުންގެ ގަޔަށް ބަޑިޖެހުމުގެ ފުރިހަމަ އިޚުތިޔާރު ދީފައެވެ. ނަތީޖާއަކަށްވީ ކުރިއަށްވުރެވެސް ބޮޑަށް މަސްރަހު ނާމާންވުމެވެ. ބިރުވެރިކަން އިންތިހާއަށް ދިއުމެވެ. ހަމަނުޖެހުންތަކަށް ހިތްވަރުލިބޭ ކަމަށް ފެނިގެން އިންޓަރނެޓްގެ ޚިދުމަތް ވަނީ ކަނޑާލައިފައެވެ. ފޯނުވެސް ހިމެނޭހެން މުވާސަލާތީ ޚިދުމަތްތައްވެސް ވަނީ ކަނޑާލައިފައެވެ. ޔުނިވަރސިޓީތަކާއި ކޮލެޖުތަކާއި ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ.
ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ވިޔަފާރިތައްވެސް ވަނީ ބަންދުކޮށްފައެވެ. ކުރުގޮތަކަށް ދަންނަވަންޏާ މުޅި ގައުމު ވަނީ ހުއްޓުމަކަށް އައިސްފަައެވެ. ބޭރު ގައުމުތަކުގެ ރައްޔިތުން ބަންގްލަދޭޝުން ފޭބުމަށް އެގައުމުތަކުން ވަނީ އިލްތިމާސްކޮށްފައެވެ. ބޮޑުވަޒީރު ހަސީނާގެ ހަރުކަށި ސިޔާސަތު ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކާއި ޖަމިއްޔާ ޖަމާއަތްތަކުންވެސް ވަނީ ކުށްވެރިކޮށްފައެވެ. މިއީ ފާއިތުވި ފަނަރަވަރަކަށް އަހަރުގެ ތެރޭގައި ބަންގްލަދޭޝްގައި ތަމްސީލުވެގެންދިޔަ އެންމެ ބިރުވެރި އެންމެ ނާމާން ހަރަކާތްތަކެވެ. މިހިސާބަށް ދިޔައީމާ ހަސީނާގެ ބަސްމަގަށް ހިސާބެއްގެ ބަދަލުތަކެއް އައިސް ކިޔަވާކުދިންގެ ބައެއް ޑިމާންޑުތަކަށް ދީލާލާނެކަމުގެ ކުލަވަރު މިހާރު ފެންނަން ފަށައިފިއެވެ. ކިޔަވާކުދިންގެ ޑިމާންޑްތަކުގެ ތެރޭގައި ހިނގައިދިޔަ ހަމަނުޖެހުންތަކަށްޓަކައި މައާފަށް އެދުމާއި ހައްޔަރު ކުރެވިފައިވާ ކިޔަވާކުދިންގެ ލީޑަރުން މިނިވަންކުރުންވެސް ހިމެނެއެވެ. ފެންނަ ފެނުމުގައި މިކަމުގެ ތެރެއަށް ސްޕްރީމް ކޯޓުންވެސް މިހާރު ވަނީ ވަދެފައެވެ.
ސްޕްރީމް ކޯޓުން ވަނީ ކޯޓާގެ ނިޒާމަށް ވަރަށް ބޮޑު އިސްލާހެއް ގެނެސްފައެވެ. މި އިސްލާހުގައި ބުނަނީ ވަޒީފާތަކުގެ 93 އިންސައްތަ ތައުލީމީ ގާބިލްކަމާއި ހުނަރަށް ޚާއްސަ ކުރުމަށެވެ. މިނިވަންކަމުގެ ހަނގުރާމައިގައި ޝާމިލްވި މީހުންގެ އާއިލާތަކުގެ ހިއްސާ ތިރީސް އިންސައްތައިން އެންމެ ފަސް އިންސައްތަޔަށް ކުޑަކުރުމަށެވެ. ބައިމަދު ނަސްލުތަކުގެ މީހުންނަށް ބާކީ ދެ ޕަސަންޓް ޚާއްސަ ކުރުމަށެވެ. ބޮޑުވަޒީރު ހަސީނާގެ ސަރުކާރުން މި އިސްލާހާމެދު ހިތްހަމަ ނުޖެހުނަސް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. އަނެއްކޮޅުން ކޯޓާ މުޅިން އުވައިނުލިޔަސް ބޮޑުބައެއް ފެންވަރާއި ހުނަރަށް ޚާއްސަ ކުރެވުނީމާ ކިޔަވާކުދިންގެ މާބޮޑު މައްސަލައެއްވެސް ދެން އޮންނާނެ ކަމަށް ނުބެލެވެއެވެ. ދެން މައްސަލައަކަށްވާނީ ކިޔަވާކުދިން ކުރިމަތިކުރާ އެހެން ޝަރުތުތަކުގެ މައްސަލައެވެ. މައާފަށް އެދުމާއި ބަދަލުދިނުންފަދަ ކަންކަމެވެ. އެކަންކަމަކީ ހަސީނާގެ ސަރުކާރަށްވެސް ފަސޭހަވާނޭ ކަންކަމެއް ނޫނެވެ. އެކަންވާނީ ހިތިބޭހެއް ބޯންޖެހުން ކަހަލަ ކަމަކަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ