ލޯކަލް ކައުންސިލްތަކުގައި މެންބަރަކު މަދުވިޔަސް، ކައުންސިލްގެ ކޯރަމް ހަމަވާ ނަމަ ބައި އިލެކްޝަން ބާއްވަން ފެނިވަޑައިނުގަންނަވާ ކަމަށް ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާިއރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ކައުންސިލްތަކުގެ ބައި އިލެކްޝަންތައް އަހަރަކު ދެ ފަހަރު ބާއްވަންޖެހޭ ގޮތް ހެދުމަށްޓަކައި ގާނޫނު ބަދަލުކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ކައުންސިލަރުން މަދުކުރުމަށްޓަކައި ކޯރަމް ހަމަވާ އަދަދު ކަމަށްވާ ތިން މެންބަރުން ކައުންސިލެއްގައި ތިއްބަވާ ނަމަ، ދެން ހުސްވާ ދެ ގޮޑީގެ ބައި އިލެކްޝަން ބާއްވަންޖެހޭނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

އަދި ބައި އިލެކްޝަންތައް އަހަރަކު ދެ ފަހަރު ބާއްވާ ގޮތަށް ހުށަހަޅާފައިވާ އިސްލާހަށް ކޮމިޓީ ލެވެލްގައި ބަދަލުގެންނަވައި ކޯރަމް ހަމަވާ ނަމަ ބައި އިލެކްޝަންތައް ބާއްވަން ނުޖެހޭ ގޮތަށް ބިލު ބަދަލުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ތިން ކައުންސިލަރުން ތިބެގެން ކުދިކުދި ރަށްރަށް މެނޭޖު ކުރެވޭނެ ކަމަށާއި ކައުންސިލުގެ ޒިންމާއަކީ ސިޔާސަތުތައް ކަނޑައެޅުމާއި މައި ސަރުކާރަށް ލަފާދިނުން ކަމަށާއި ތިން ކައުންސިލަރުން ތިއްބަވައިގެން އެ ކަންތައްތައް ކުރުމަށް ދަތިނުވާނެ ކަމަށެވެ. އޭގެ އިތުރުން އެ ބޭފުޅުންގެ ދަށުގައި މަސައްކަތް ކުރާނެ އިދާރީ ބައިވަރު މުވައްޒަފުން ތިބޭއިރު ކަންތައްތައް ތަރުތީބުކޮށް ތިން ކައުންސިލަރުންނަށް މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.