ގދ. މަޑަވެލީގައި އޮތީ ކޮނެފައި އޮތް ވަޅުގަނޑެއް ކަމަށާއި ފައިސާ ދިޔަ ތަނެއް ނޭނގޭ ކަމަށް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަޖީ މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ތޯރިގު މިހެން ވިދާޅުވީ، މަޑަވެލި-ހޯޑެއްދޫ އިންޖީނުގޭގެ މަސައްކަތްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑަވެލި ދާއިރާގެ މެންބަރު މުހައްމަޒު ޝަމީޒް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޝަމީޒް ވިދާޅުވީ، 26 މިލިއަން ރުފިޔާ ހަރަދުކޮށްގެން މަޑަވެލި ހޯޑެއްދޫ އިންޖީނުގޭގެ މަސައްކަތް ސަރުކާރުން ކޮށްފައިވާކަން އެނގެން އެބަ އޮތް ކަމަށާއި ނަމަވެސް މިހާތަނަށް އައިއިރުވެސް އިންޖީނުގެ ވީތަނެއް ނޭނގޭ ކަމަށެވެ. އެހެންވެ އެކަން އޮތީ ކިހާ ހިސާބެއްގައިތޯ އޭނާ ސުވާލުކުރެއްވިއެވެ.

"އަޅުގަނޑުވެސް މަޑަވެއްޔަށް، ހޯޑެންދޫއަށް ދިޔައިން ކޮނެފައި އޮތް ވަޅުގަނޑެއް އޮތީ، އަޅުގަނޑަކަަށް ނޭނގެ ދެން އެ ފައިސާ ދިޔަ ތަނެއް، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފެނަކަ ކޯޕަރޭޝަނުން އެ ކަންތައްކާ ގުޅޭ ގޮތުން އޮޑިޓެއް ހައްދަވައި އެ މައްސަލަ ބައްލަވާނެ ކިހިނެއްތޯ ވެފައި އޮތީ،" މެންބަރުގެ ސުވާލަކަށް ޖަވާބު ދެއްވަމުން ތޯރިގު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ސަރުކާރުން މަަސައްކަތް ކުރަމުންދަނީ ކޮންމެ ރަށަކަށްވެސް 24 ގަޑިއިރުގެ ކަރަންޓް ކަށަވަރު ކުރުމަށް ކަމަށާއި ބައެއް ރަށްރަށަށް ދިމާވެފައިވާ މައްސަލަތަކުގެ ސަަބަބުން އެފަދަ ރަށްރަށަށް ތަންކޮޅެއް ބޮޑަށް އަމާޒުކޮށްގެން ކަންތައްތައް ކުރިއަށް ގެންދާ ކަމަށެވެ.