ސްރީ ލަންކާގައި ކުރިއަށްދިޔަ އެގައުމުގެ ނޭޝަނަލް އެންޑް ޖޫނިއާ ނެޝަނަލް ލޯންގްކޯސް ސްވިމިން ޗެމްޕިއަންޝިޕްސްގެ ޖޫނިއާ ކެޓަގަރީގެ 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުން އަމްނާ ތަޒްކިޔާ މިރުސާދު ރިހި މެޑަލް ހޯދައިފިއެވެ.

އެ އިވެންޓުން ތަޒްކިޔާ މެޑަލް ހޯދީ އަންހެނުންގެ ލޯންގްކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގައި ގައުމީ ރެކޯޑުވެސް މުގުރާލައިގެންނެވެ. ތަޒްކިޔާ 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓު ނިންމާފައިވަނީ ދެ މިނެޓް، 49.59 ސިކުންތުންނެވެ.

އެ އިވެންޓުގެ ގައުމީ ރެކޯޑް ކުރިން އޮތީ މިރާލް އައިން ލަތީފް އަތުގައެވެ. އެއީ މިއަހަރުގެ ކުރީކޮޅު ޔޫކޭގައި ބޭއްވި ޑެވޮން ކައުންޓީ އޭޖް ގްރޫޕް ޗެމްޕިއަންޝިޕްސް 2024 ގައި ދެ މިނެޓް، 50.59 ސިކުންތުން ރޭސް ނިންމައިގެން މިރާލް ހެދި ރެކޯޑެކެވެ. މިއީ މިފަހަރުގެ މުބާރާތުގައި ތަޒްކިޔާ އިންޑިވިޖުއަލީ މުގުރާލިވެސް ތިންވަނަ ރެކޯޑެވެ. އުމުރުން އެންމެ 13 އަހަރުގެ ތަޒްކިޔާ ލަންކާ މުބާރާތުގައި މީގެ ކުރިން ވަނީ 200 މީޓަރު ބެކްސްޓްރޯކް އަދި 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑުވެސް އާކޮށްފައެވެ.

އަދި ހޮނިހިރު ދުވަހުގެ އިވެންޓުގައި ތަޒްކިޔާ ހޯދި ރިހި މެޑަލްއަކީ އޭނާ މިފަހަރުގެ މުބާރާތުގައި ހޯދި ތިންވަނަ މެޑަލްވެސް މެއެވެ. މިފަހަރު ފުރަތަމަ އޭނާ ހޯދާފައިވަނީ 100 މީޓަރު ފްރީސްޓައިލް އިވެންޓުން ލޯ މެޑަލްއެވެ. ދެވަނައަށް ހޯދާފައިވަނީ 50 މީޓަރު ފްރީސްޓައިލް އިވެންޓުން ރިހި މެޑަލްއެކެވެ. ހަމަ އެ މުބާރާތުގައި ހަތަރެއް ގުނަ 100 މީޓަރު މެޑްލޭ ރިލޭ އަދި ހަތަރެއް ގުނަ 50 މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓުން ލޯ މެޑަލް ހޯދި ދިވެހި ޓީމުގައިވެސް ތަޒްކިޔާ ހިމެނެއެވެ.