މ. އަތޮޅުގެ ރަށްތަކަށާއި ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ލާމެހި އެކުވެރި ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލް ފުރަތަމަ ޖާގަ ޖޭ ކޮވިގޯނިން ހޯދައިފިއެވެ.

މިދިޔަ އަހަރު ވެސް ފޯރިގަދަކޮށް ފެނިގެންދިޔަ އެކުވެރި ފުޓްސަލް ޗެލެންޖުގެ މި އަހަރު މުބާރާތް ދިއްގަރު ފުޓްސަލް ދަނޑުގައި ކުޅެމުންދަނީ އަށް ޓީމަކާ އެކުގައެވެ. އެއީ ދިއްގަރުގެ ހަތަރު ޓީމާއި މ. މަޑުއްވަރީގެ ދެ ޓީމާއި މ. ރަތްމަންދޫން ޓީމެއް އަދި މ. ނާލާފުށިން ޓީމެކެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ހަތަރު މެޗު އިއްޔެ ވެސް ކުޅެފައިވެއެވެ. އެއީ ގްރޫޕް އޭގެ ދެ މެޗާއި ގްރޫޕް ބީގެ ދެ މެޗެވެ. ގްރޫޕް ބީގައި އިއްޔެ ކޮވިގޯނިން ކުޅުނު މެޗުގައި 3-1 އިން ދަ ޑީ އެސް ކޭ ބަލިކުރި އިރު، އެ މެޗުން ހޯދި ތިން ޕޮއިންޓާ އެކު، ދެ މެޗުން ހަ ޕޮއިންޓް ހޯދައި ކޮވިގޯނިން ވަނީ ސެމީ ފައިނަލްގެ ޖާގަ ޔަގީން ކޮށްފައެވެ.

އެ ގްރޫޕުން ދެން ސެމީއަށް ދާ ޓީމު އެނގޭނީ ދަ ޑީ އެސް ކޭ އާއި ފޫލްސް އެސްސީ ވާދަކުރާ މެޗުންނެވެ.

ކޮވިގޯނިން އިއްޔެ ކުޅުނު މެޗުގައި ޑީ އެސް ކޭ ކޮޅަށް ގޯލުތައް ޖެހީ ހުސައިން ފާރިޝް އަދި މުހައްމަދު އައްޒާމެވެ. އައްޒާމް ވަނީ ދެ ގޯލު މެޗުގައި ޖަހައިފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެސް އޭނާއެވެ، ދަ ޑީ އެސް ކޭގެ ގޯލު ޖެހީ އަލީ އަލްސަންއެވެ.

ފޫލްސް އެސްސީ އާއި އެފްސީ ބާޒު ކުޅުނު މެޗު 7-5 އިން ފޫލްސް ބަލި ކުރި އިރު، ފޫލްސްއިން އެ ޓީމުގެ ފުރަތަމަ މޮޅާ އެކު ސެމީ ފައިނަލަށް އުންމީދު ހޯދިއެވެ. އެ މެޗުގައި ފޫލްސްގެ ގޯލުތައް ޖެހީ އިސްމާއީލް ނާޝިދާއި މިލްހާން އިބްރާހީމް، އިބްރާހީމް އަތީގު ހަސަން އަދި އަލީ ޝަމާލް އަބްދުﷲ އެވެ. މެޗުގައި އިސްމާއީލް ނާޝިދު ހެޓްރިކް ފުރިހަމަ ކުރި އިރު، އަތީގުގެ ދެ ގޯލު ފެނުނެވެ. ބާޒަށް ގޯލުތައް ޖަހައިދިނީ މުހައްމަދު އިޔާދު އަލީ އާއި ހުސައިން ޒަހުވާން އަދި ތޮލާލް ނަސީރެވެ. ޒަހުވާނާއި އިޔާދު، ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖެހިއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަލީ ޝަމާލްއެވެ.

ގްރޫޕް އޭގައި ނާލާފުށި ވައިސީން ފުރަތަމަ ތިން ޕޮއިންޓް ހޯދީ 4-1 އިން ރަތްމަންދޫ އެފްސީ ބަލިކޮށްގެންނެވެ. އެ މެޗުގައި ނާލާފުށީގެ ގޯލުތައް ޖެހީ މޫސާ ނައިސާން، ޔޫސުފް ޒަޔާންގެ އިތުރުން އަހުމަދު ރަފާހް އަދި އިބްރާހީމް ޝައްފާނެވެ. ރަތްމަންދޫގެ ހަމައެކަނި ގޯލު ޖެހީ ހުސައިން ދިރާގެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނާލާފުށީގެ ރަފާހެވެ.

ގްރޫޕް އޭގައި ޑީ ސީ ޖޭ އާއި މަޗް ބްލެކް ވެސް ސެމީގެ އުންމީދު ބޮޑުކޮށް އޮތް އިރު، އެ ދެ ޓީމުން ރޭ ވާދަކުރި މެޗު ވީ 2-2 އިން އެއްވަރެވެ. އެ މެޗުގައި ޑީ ސީ ޖޭގެ ދެ ގޯލުވެސް ޖެހީ އަލީ ޝާމިސްއެވެ. މަޗް ބްލެކްގެ ދެ ގޯލު ޖެހީ އަބްދުﷲ ޒުބައިރާއި ވިޝާހް ޝަރީފެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީވެސް ވިޝާހެވެ.

މިއީ އެކުވެރި ފުޓްސަލް ޗެލެންޖު ބާއްވާ ދެވަނަ އަހަރެވެ. މިދިޔަ އަހަރު މުބާރާތުގެ ފައިނަލުގައި ނާލާފުށި ޔޫތު ކްލަބާއި އެފްސީއެން ވާދަކޮށް، ތަށި ހޯދީ އެފްސީއެންއެވެ. މި އަހަރުގެ ޗެމްޕިއަން ޓީމަށްވެސް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ.

މި އަހަރު މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުގެ ރޭގައެވެ. މި އަހަރު އެކުވެރި ފުޓްސަލް ޗެލެންޖްގެ މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތައް މިއަދުވެސް އޮންނާނެއެވެ.

  • 17:00 ޑީ ސީ ޖޭ އެސްސީ - ނާލާފުށި ވައިސީ
  • 20:15 ފޫލްސް އެސްސީ - ޑީ އެސް ކޭ
  • 21:15 ރަތްމަންދޫ އެފްސީ - މަޗް ބްލެކް
  • 22:15 ކޮވިގޯނި - އެފްސީ ބާޒު