ސްރީލަންކާގައި ކުރިއަށްދިޔަ، އެގައުމުގެ ނެޝަނަލް އެންޑް ޖޫނިއާ ނެޝަނަލް ލޯންގް ކޯސް ސްވިމިން ޗެމްޕިއަންޝިޕްސްގެ ޖޫނިއާ ކެޓަގަރީގެ 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ރިހި މެޑަލް، އަމްނާ ތަޒްކިޔާ މިރުސާދު (ތަޒްކީ) ހޯދައިފިއެވެ.
މިއީ ތަޒްކީ މި މުބާރާތުގައި ހޯދި ތިންވަނަ މެޑަލްއެވެ. އޭނާ ވަނީ މުބާރާތުގައި ހަތަރެއް ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިވެންޓުން ލޯ މެޑަލް ހޯދި ޓީމުގައިވެސް ހިމެނިފައެވެ. އަދި އޭގެ އިތުރުން 100 މީޓަރު ފްރީސްޓައިލް އިވެންޓުން ބްރޯންޒް މެޑަލްވެސް ތަޒްކީ ހޯދިއެވެ. އޭނާ އެ މެޑަލް ހޯދީ، ގައުމީ ރެކޯޑު މުގުރާލައި، އެ ރެކޯޑު އާވެސް ކޮށްގެންނެވެ.
އުމުރުން އެންމެ 13 އަހަރުގެ ތަޒްކީ، ރިހި މެޑަލް ހޯދި ފައިނަލްގައި 50 މީޓަރު ފްރީސްޓައިލް އިވެންޓު ނިންމާފައިވަނީ 29.67 ސިކުންތުންނެވެ.
ތަޒްކީ 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ އިތުރުން 200 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑްވެސް މިފަހަރު އާކޮށްފައިވާ އިރު، ތަޒްކީ 200 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފައިވަނީ ދެ މިނެޓް 51.26 އިން ރޭސް ނިންމައިގެންނެވެ.
އެ އިވެންޓުގެ ގައުމީ ރެކޯޑް ކުރިން އޮތީ އައިޝަތު ސައުސަން އަތުގައެވެ. އެއީ 2022 ވަނަ އަހަރު ބޭއްވި 19 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްސްގައި ދެ މިނެޓް 53.55 ސިކުންތުން ރޭސް ނިންމައިގެން އޭނާ ހެދި ރެކޯޑެކެވެ. އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑްވެސް ތަޒްކީ މިފަހަރު މުގުރާލި އިރު، އޭނާ 100 މީޓަރު ފްރީސްޓައިލް އިވެންޓް ފުރަތަމަ ނިންމީ އެއް މިނެޓް، 5.53 ސިކުންތުންނެވެ.
ތަޒްކީ ފުރަތަމަ މުގުރާލީ އާމިނަތު ޝަޖަންގެ ރެކޯޑެކެވެ. އެއީ 2016 ވަނަ އަހަރު ބޭއްވި ރިއޯ 2016 އޮލިމްޕިކް ގޭމްސްގައި އެއް މިނެޓް، 05.71 އިން ރޭސް ފުރިހަމަ ކޮށްގެން ޝަޖަން ހަދާފައި އޮތް ރެކޯޑެކެވެ.
ފައިނަލްގައި ތަޒްކިޔާ 100 މީޓަރު ފްރީސްޓައިލް އިވެންޓު 01:05.03 އިން ނިންމައި، ގައުމީ ރެކޯޑު އާކުރި އިރު، އޭނާ ލޯ މެޑަލް ޔަގީން ކުރިއެވެ.
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް