ކުންފުނިތަކާއި އެހެނިހެން ފަރާތްތަކުން ދައުލަތަށް ނުލިބި 13 ބިލިއަން ރުފިޔާ ނުލިބި އޮތުމަކީ ރާއްޖެ ކަހަލަ ގައުމަކަށް އޮތް ރިސްކެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މިނިވަން ދުވަހާ ގުޅުވައިގެން ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދައުލަތަށް 13 ބިލިއަން ނުލިބި އޮތް ކަމަށާއި އެ ފައިސާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.
ޕީއެސްއެމްގެ 'ރާއްޖެމިއަދު' ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، 13 ބިލިއަން ރުފިޔާއަކީ ރާއްޖެ އިން ބޭރުގެ ފަރާތްތަކުން ނަގާފައިވާ ދަރަނީގެ ބޮޑު ޕަސެންޓެއް ދެއްކޭނެ ވަރުގެ އަދަދެއް ކަމަށެވެ. އަދި އެއީ ދައުލަތަށް ދައްކަންޖެހޭނެ ފައިސާއެއް ކަމަށާއި އެއީ ބަހުސް ކުރެވޭނެ މައްސަލައެއްވެސް ނޫން ކަމަށް ވިދާޅުވިއެވެ.
"މިއީ ގާނޫނީ ގޮތުން ދައްކަންޖެހޭ ފައިސާ. މި ފައިސާ ދެއްކުން މިއީ ޑިބޭޓް ކުރެވޭނެ މައްސަލައެއް ނޫން. ބަހުސް ކުރެވޭނެ މައްސަލައެއް ނޫން. ރައްޔިތުންގެ ބިންތައް ކުއްޔަށް މި ދެނީ އެކަމުން ރައްޔިތުންނަށް އަދި ދައުލަތަށް ނަފާއެއް ބޭނުންވާތީ. އެހެންވީމާ މިއީ އެއްވެސް ވިޔަފާރިއަކަށް އެޅޭ ހުރަހެއް ނޫން. އެއްވެސް ވިޔަފާރިއަކަށް އަޅަން ގަސްތުކުރާ ހުރަހެއްވެސް ނޫން. އެހެންނަމަވެސް މީރާއަށް ލިބެންޖެހޭ އެއްޗެއް،" ސައީދު ވިދާޅުވިއެވެ.
ކުންފުނިތަކުން އެހާ ބޮޑު އަދަދެއް ދައުލަތަށް ނުދައްކާ އޮތުމަކީ ކަންބޮޑުވާ ކަމެއްކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ، ފާއިތުވި ސަރުކާރުތަކުން އެ ފައިސާ ހޯދަން އުޅެފައި ނުވާއިރު، ކުރީގެ އެމްޑީޕީގެ ސަރުކާރުން ގިނަ އަދަދެއްގެ ކުންފުނިތަކަށް ބަދަލުދީ، ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ މައާފުކޮށްދީފައިވާ ކަމަށެވެ.
ނަމަވެސް ރާއްޖެ ފަދަ އާމްދަނީ އެހާ މަދުން ލިބޭ ގައުމެއްގައި އެހާ ބޮޑެތި އަދަދުތައް ދައުލަތަށް ނުލިބި އޮތުމަކީ ވަރަށް ބޮޑު ރިސްކެއް ކަމަށާއި އެ ފައިސާ ނުހޯދުމަކީ އެއްވެސް ރައީސެއް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު