ސްރީ ލަންކާގައި ބޭއްވި އެ ގައުއުމުގެ ނޭޝަނަލް އެންޑް ޖޫނިއާ ނޭޝަނަލް ލޯންގްކޯސް ސްވިމިން ޗެމްޕިއަންޝިޕްސްގެ ޖޫނިއާ ކެޓަގަރީގެ 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑު ދެ ފަހަރަށް މުގުރާލައި، އެ އިވެންޓްގެ ބްރޯންޒް މެޑަލް އަމްނާ ތަޒްކިޔާ މިރުސާދު (ތަޒްކީ) ހޯދައިފިއެވެ.

ލަންކާ މުބާރާތުން ރާއްޖެ ދެ ލޯ މެޑަލް ހޯދި އިރު، ދެން މެޑަލް ލިބުނީ ހަތަރެއް ގުނަ ސަތޭކަ މީޓަރު މެޑްލޭ ރިލޭ އިވެންޓުންނެވެ. އެ ޓީމުގައިވެސް ތަޒްކީ ހިމެނެއެވެ.

އިއްޔެގެ އިވެންޓުތަކުގައި ތަޒްކީ ދެން ރެކޯޑު ހެދީ އަންހެނުންގެ ލޯންގްކޯސް 200 މީޓަރު ބެކްސްޓްރޯކް އިވެންޓުންނެވެ. ތަޒްކީ އިއްޔެ 200 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފައިވަނީ ދެ މިނެޓް 51.26 އިން ރޭސް ނިންމައިގެންނެވެ.

އެ އިވެންޓުގެ ގައުމީ ރެކޯޑް ކުރިން އޮތީ އައިޝަތު ސައުސަން އަތުގައެވެ. އެއީ 2022 ވަނަ އަހަރު ބޭއްވި 19 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްސްގައި ދެ މިނެޓް 53.55 ސިކުންތުން ރޭސް ނިންމައިގެން އޭނާ ހެދި ރެކޯޑެކެވެ.

ތަޒްކީ އިއްޔެ ފައިނަލް ހީޓްގެ ކުރިން އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑްވެސް މުގުރާލިއެވެ. އޭނާ 100 މީޓަރު ފްރީސްޓައިލް އިވެންޓް ފުރަތަމަ ނިންމީ އެއް މިނެޓް، 5.53 ސިކުންތުންނެވެ.

ތަޒްކީ ފުރަތަމަ މުގުރާލީ އާމިނަތު ޝަޖަންގެ ރެކޯޑެކެވެ. އެއީ 2016 ވަނަ އަހަރު ބޭއްވި ރިއޯ 2016 އޮލިމްޕިކް ގޭމްސްގައި އެއް މިނެޓް، 05.71 އިން ރޭސް ފުރިހަމަ ކޮށްގެން ޝަޖަން ހަދާފައި އޮތް ރެކޯޑެކެވެ.

ފައިނަލްގައި ތަޒްކިޔާ 100 މީޓަރު ފްރީސްޓައިލް އިވެންޓު 01:05.03 އިން ނިންމައި، ގައުމީ ރެކޯޑު އާކުރި އިރު، އޭނާ ލޯ މެޑަލް ޔަގީންކުރިއެވެ.