އާމިން އުމަރު މޫސާއަކީ ދިވެހީންގެ ފަހުރުވެރި އެތުލީޓެކެވެ. ބޮޑީބޯޑިން އެންމެ މަތީ ފަންތީގައި ދިވެހީންގެ ނަން ލިޔެލައިދިން ޝަރަފުވެސް އެތުލީޓެކެވެ. އާމިންއަކީ މިހާރުވެސް ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި އެއް ބޮޑީބޯޑަރެވެ. އޭނާ ވަނީ މިދިޔަ ދެ އަހަރުވެސް ދުނިޔޭގެ ޖޫނިއާ ރޭންކިންގެ ރަނގަޅު ހިސާބެއްގައި ވާދަކޮށްފައެވެ. ހާއްސަކޮށް 2022 ވަނަ އަހަރުގެ ވިސިޓް މޯލްޑިވްސް ޕްރޯއަށްފަހު އާމިން އޮތީ ދުނިޔޭގެ ތިންވަނައިގައި ރޭންކް ކުރެވިފައެވެ. އާމިން މިދިޔަ އަހަރު ނިންމާލީވެސް ދުނިޔޭ ރޭންކިންގެ 10 ވަނައިގައެވެ. އެއީ ކުޑަކުޑަ ޖަޒީރާ ގައުމަކަށް އުފަން އާމިން ހޯދި ބޮޑު ކާމިޔާބީއެކެވެ.
އާމިން 2022 ވަނަ އަހަރުގެ ވިސިޓް މޯލްޑިވްސް ޕްރޯ އިވެންޓްގެ ޖޫނިއާ ބައިން ފައިނަލަށް ގޮސް، ތާރީހު ލިޔެލިއެވެ. އޭނާއަކީ ބައިނަލްއަގުވާމީ ބޮޑީބޯޑިން މުބާރާތެއްގެ ފައިނަލް ހީޓެއް އެޅި ފުރަތަމަ ދިވެހި އެތުލީޓެވެ. މިދިޔަ އަހަރުގެ ރޭންކިން ރަނގަޅު ކުރުމަށް އާމިން ވަނީ ވިސިޓް މޯލްޑިވްސްގެ އިތުރުން ފްރާންސްގައި އޮތް ލަ ސަލީ ޕްރޯ އާއި ޕޯޗުގަލްގެ ސިންޓްރާ ޕްރޯ އަދި ސްޕެއިންގައި އޮތް ފްރޮންޓޮން ކިންގް އިވެންޓްގައިވެސް ވާދަކޮށްފައެވެ. އެއީ ޖޫނިއާ އިވެންޓްގައި އާމިންއަށް ލިބުނު ފަހި ފުރުސަތުގެ ބޭނުން އެކަށީގެންވާ ގޮތަކަށް ކުރުމަށެވެ.
އެ ކާމިޔާބު ހަރުފަތަށްފަހު، މިއަހަރު އާމިން ނުކުންނަނީ މުޅިން އާ ޗެލެންޖަކަށެވެ. އެއީ ޖޫނިއާ ކެޓަގަރީ ފަސްދީ، އޯޕަން ކެޓަގަރީއަށެވެ. އުމުރުން އެންމެ 18 އަހަރުގައި އާމިންއަށް އޮތް އުންމީދާއި އާމިންނަށް އޮތް ސަމާލުކަން ބޮޑެވެ. އުންމީދުތައް އޭނާއާ ގުޅިފައިވަނީ ހުނަރާއި ބޮޑީބޯޑިންނަށް އާމިން ގެންގުޅޭ ޝައުގުންނެވެ.
"ވަރަށް އުނދަގޫވާނެ މިފަހަރުގެ މުބާރާތް. އެހާމެ ވާދަވެރިވެސް ވާނެ. އެހެންވިޔަސް މިއީ ފުރިހަމަ އިވެންޓަކަށް ވާނެކަން ޔަގީން. އަހަރެން ބޭނުންވަނީ އެންމެ ރަނގަޅު ނަތީޖާއެއް ހޯދަން. ރަނގަޅު ހިސާބަކަށް ކުރިއަށްދާން ވަރަށް އުންމީދުގައި މިހުރީ. މިއީ ޖޫނިއާ އިވެންޓް ދޫކޮށް، މެއިން އިވެންޓަށް ނުކުންނަ ފުރަތަމަ ފަހަރު،" އާމިން އައިބީސީއަށް ބުންޏެވެ.
އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ ވިސިޓް މޯލްޑިވްސް ޕްރޯ 2024 ރާއްޖޭގައި ފަށާނީ އޮގަސްޓް އެއްވަނަ ދުވަހުއެވެ. ދުނިޔޭގެ ޗެމްޕިއަނުންނާއި ރޭންކިން އެންމެ މަތީ ކުޅުންތެރިން މިފަހަރުވެސް ފެނިގެންދާނެއެވެ. މިއީ ބޮޑީބޯޑަރުންނަށް ލިބޭ ރަނުގެ ފުރުސަތެކެވެ. ރާޅަށް މުޅި ހަޔާތް ދީފައިވާ އާމިންނަށްވެސް މިއީ ހުވަފެނީ ފުރުސަތުތަކެކެވެ. ކެރިއަރެއްގެ ގޮތުގައި ބޮޑީބޯޑިން ހިޔާރުކޮށް، ރާޅެއް ލިބޭ ކޮންމެ ވަގުތެއްގައިވެސް އެތައް ގަޑިއިރެއް ރާޅުގައި ހޭދަކުރާ އާމިންގެ ނަޒަރުގައި ވިސިޓް މޯލްޑިވްސް ޕްރޯއަކީ ހުރިހާ ދިވެހި އެތުލީޓުންނަށްވެސް ރަނގަޅު ފުރުސަތެކެވެ.
"ރާއްޖޭގައި މި ފަހަކަށް އައިސް ބޮޑީބޯޑިންގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވެއްޖެ. އަހަންނަށްވެސް ބައިވަރު ކަންކަން ދަންވާން ފުރުސަތުވެސް ލިބިއްޖެ. އަލީ ހުޝްރުވާނާއި ޝާމް ރާފިއު ފަދަ ބޮޑީބޯޑަރުންނާ އެކު އަހަރެމެންނަށް ކުރިއަށް ދާން އުންމީދު ލިބޭ، ހިތްވަރު ލިބޭ. އައިބީސީން ލޯކަލް ބޮޑީބޯޑަރުންނަށް މި ފަހިކޮށްދެނީ ރަނގަޅު ފުރުސަތެއް،" އާމިން އިތުރަށް ބުންޏެވެ.
އާމިންގެ ނަޒަރުގައި ރާއްޖޭގެ އެތުލީޓުންގެ ވާދަވެރިކަން އިތުރުވެ، ބޮޑީބޯޑިންގެ މަންޒިލަކަށް ރާއްޖެ ހެދުމަށް ވިސިޓް މޯލްޑިވްސް ޕްރޯ ބޮޑު ރޯލެއް ކުޅެއެވެ. މިފަހަރުވެސް ލޯކަލް 13 އެތުލީޓުން ވާދަކުރުމަށް ތައްޔާރުވެފައިވާ އިރު، އެއީ ދިވެހީންގެ އުންމީދުތަކާ ގުޅިފައިވާ އެތުލީޓުންނެވެ.
ވިސިޓް މޯލްޑިވްސް ޕްރޯއަށް އާމިންއަށް އޮތް އެންމެ ބޮޑު ހިތްވަރަކީ އޭނާގެ ހިތްދެވިފައިވާ ވަރުނުލާ ރާޅުގަނޑަށް މުބާރާތަށް ނުކުންނަން ޖެހުމެވެ. އެއީ އޭނާއަށް ފޫހިކަމެއް ނެތި، އަބަދުވެސް ރާޅަށް ނުކުމެވޭ "ހޯމް" ރާޅުގަނޑެވެ. އޭގެ އިތުރުން މިޔަރު ފަރު ރާޅުގަނޑަކީވެސް އާމިން ގަޔާވާ ރާޅުގަނޑެކެވެ. އޭނާއަށް އެ ރާޅުގަނޑު ހާއްސަވަނީ "ބެރެލް ރައިޑް" ތަކަށެވެ. އާމިންގެ ނަޒަރުގައި ރާއްޖެ އަންނަ ހުރިހާ އެތުލީޓުންނަށްވެސް ދިވެހި ރާއްޖޭގެ މޫސުމާއި ރާޅުތަކުން ހިތްހަމަ ޖެހުމާއި އުފާވެރިކަން ގެނުވާނެއެވެ.
ބޮޑީބޯޑިންނަކީ ދުވާލަކު އެތައް ގަޑިއިރަކު ކުރާ މަސައްކަތެވެ. އުންމީދަކީވެސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގޮސް، މުބާރާތްތަކުގައި ވާދަކޮށް، ހުވަފެނީ ވޯލްޑް ޓައިޓަލްއަކާ ހަމައަށް ދިޔުމެވެ. އުމުރުން ހަގު ނަމަވެސް، އާމިންގެ ކެރިއަރަށް އެ އުންމީދު އެބައޮތެވެ. އެއީ ކެރިއަރުގެ އެންމެ ބޮޑު އަމާޒެވެ. އެކަމަށް މަންމަ އާއި އާއިލާގެ އިތުރުން އެމްބީބީއޭއިން ދޭ އެއްބާރުލުން އާމިން ފާހަގަކުރެއެވެ. ޗެލެންޖެއް ކުރިއަށް އޮތް ނަމަވެސް، އާމިން ހުރީ އަނެއްކާވެސް ދިވެހީން ހެއްވާލަން ތައްޔާރަށެވެ. ބޭނުންވަނީ ރާޅުގަނޑު ފޯރިގަދަކޮށްލާ، ހިތްވަރު ދިނުމެވެ.
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)