ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ކުޅިވަރު އިވެންޓް، ބޮޑީބޯޑިން އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ ވިސިޓް މޯލްޑިވްސް ޕްރޯ 2024ގައި މި ވަގުތު ފިރިހެން ދުނިޔޭގެ އެއްވަނަ ރޭންކުގައި އޮތް އަރްމިޑޭ ސޮލީވެރެސް ފެންނާނެކަން ޔަގީންވެއްޖެއެވެ.

ކޭނެރީ އައިލެންޑްސްއަށް ނިސްބަތްވާ އަރްމިޑޭއަކީ ޖޫނިއާ ލެވެލް އިން ފެށިގެންވެސް ތަފާތު ދައްކަމުން އަންނަ ބޮޑީބޯޑަރެކެވެ. 2018 ވަނަ އަހަރު އައިބީސީ ވޯލްޑް ޓުއާ، ޖޫނިއާ ޗެމްޕިއަންކަންވެސް އަރްމިޑޭ ހޯދާފައިވާ އިރު، އޭނާއަކީ މި އަހަރު މިހާތަނަށް އެންމެ ފޯމު ރަނގަޅުކޮށް ހުރި އެއް ބޮޑީބޯޑަރެވެ. ރާއްޖޭގެ މުބާރާތަށް އޭނާ ނުކުންނާނީ ޖޫން މަހު ބްރެޒިލްގައި ބޭއްވި ވޯލްޑް ޓުއާ އިވެންޓް، އިޓަކޯޓިއާރާ ޕްރޯގެ ޗެމްޕިއަން ފިރިހެން އެތުލީޓްގެ ގޮތުގައެވެ. އެއީ އަރްމިޑޭ އެ މުބާރާތް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.

ފިރިހެން ވޯލްޑް ޗެމްޕިއަންކަން އަދި ކަނޑައެޅިފައި ނުވާއިރު، އަރްމިޑޭ ރާއްޖެ އަންނާނީ ލީޑާ ބޯޑުގައި 8848 ޕޮއިންޓާއެކުގައި އޮވެގެންނެވެ. ދެވަނައިގައި މި ވަގުތު އޮތް ބްރެޒިލްގެ ގެބްރިއަލް ބްރާގާއަށް ހޯދިފައި އޮތީ 7786 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ސައުތު އެފްރިކާގެ ޓްރިސްޓަން ރޮބާޓްސްއަށް ލިބިފައިވަނީ 7656 ޕޮއިންޓެވެ.

ރާއްޖޭގައި އަންނަ މަހު އެކަކުން ނުވަޔަކަށް ބާއްވާ ވިސިޓް މޯލްޑިވްސް ޕްރޯ 2024 ގައި ވާދަވެރިކަން ފެނިގެންދާނެ ކަމަށް މިހާރުވެސް ބެލެވޭއިރު، މިހާތަނަށްވެސް ވަރުގަދަ އެތުލީޓުންތަކެއް އަންނާނެ ކަމަށް އެމްބީބީއޭ އިން ވަނީ އިއުލާންކޮށްފައެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު ބޭއްވި ވިސިޓް މޯލްޑިވްސް، މޯލްޑިވްސް ޕްރޯ 2023ގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޕިއޭ ލުއީ ކޮސްޓެސްވެސް ހިމެނެއެވެ.

ވިސިޓް މޯލްޑިވްސް ޕްރޯގައި މި ފަހަރުވެސް ރާއްޖޭގެ 15 އެތުލީޓުން ފެނިގެންދާނެއެވެ. ބައިނަލްއަގުވާމީ ފެންވަރުގެ ހަތަރު ފަނޑިޔާރުން އިވެންޓުތައް އިންސާފުކުރަން ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން އެއް ފަނޑިޔާރަކީ ރާއްޖެއިން ނަގާ ފަނޑިޔާރެއް ކަމަށް އެސޯސިއޭޝަނުން ބުނެފައިވެއެވެ.

މި އަހަރުގެ ވޯލްޑް ޓުއާ އިވެންޓްތަކުގެ ތެރެއިން ދެން ބާކީ އޮތީ ތިން އިވެންޓްކެވެ. އެއީ ރާއްޖެއާއި ޕޯޗުގަލް އަދި ސްޕެއިންގައި އޮންނަ އިވެންޓްތަކެވެ. މިހާރު ޕޮއިންޓް ރޭންކިންއަށް ބަލާއިރު، ވާދަވެރިކަން އޮތް ވަރުން ރާއްޖޭގެ އިވެންޓް މި ފަހަރުވެސް ފޯރިގަދަވާނެއެވެ.

މިއަހަރު ރާއްޖޭގައި ބާއްވާ، ވިސިޓް މޯލްޑިވްސް ޕްރޯ 2024 ގެ މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.