ރަޝިޔާގެ އާންމުންގެ ތެރެއިން ޔޫކްރެއިންއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވާން ބޭނުންވާ މީހުން ހޯދަން ފަށައިފިއެވެ.

ހަނގުރާމައިގަައި ހަރަކާތްތެރިވާ ރަޝިޔާގެ ސިފައިންގެ އަދަދު އިތުރުކުރުމަށް އެ ގައުމުން ކުރާ މަސައްކަތުގެ ދަށުން ހަނގުރާމައަށް ދާން ބޭނުންވާ މީހުންނަށް ބޯނަސްގެ ގޮތުގައި ރެކޯޑް އަދަދެއްގެ ފައިސާ ދޭން ވަނީ ނިންމައިފައެވެ. އެގޮތުން އެކަމުގައި ބައިވެރިވާ ކޮންމެ މީހަކަށް 22،000 އެމެރިކާ ޑޮލަރު ވަނީ ހުށަހަޅައިފައެވެ.

އޭގެ އިތުރުން ހަނގުރާމައިގައި ލިބޭ އަނިޔާއެއްގެ ސަބަބުން 5690 ޑޮލަރާއި 11390 ޑޮލަރާ ދެމެދުގެ އަދަދެއް ދޭން ނިންމާފައިވާއިރު، ހަނގުރާމައިގައި މަރުވެއްޖެ ނަމަ އެ މީހެއްގެ އާއިލާއަށް 34150 އެމެރިކާ ޑޮލަރު ދޭންވެސް ވަނީ ނިންމައިފައެވެ.

ދިރާސާކުރާ ފަރާތްތަކުން ވަނީ ރަޝިޔާއާއި ޔޫކްރެއިން ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް ރަޝިޔާ އިން 70،000 ސިފައިން މަރުވެ ނުވަތަ އަނިޔާވެފައިވާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ. މިއީ އެ ގައުމުގެ ސިފައިންގެ ބޮޑު ނިސްބަތެކެވެ.