މާލޭ ހުޅަނގު ދެކުނު ސަރަހައްދުގައި އޮތް އިންޑަސްޓްރިއަލް ޒޯން ބިން މި މަހު 30ގެ ނިޔަލަށް ދައުލަތާ ހަވާލުކުރަން ސިވިލް ކޯޓުން މާލޭ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްފިއެވެ.
މި މައްސަލައަކީ އިންޑަސްޓްރިއަލް ޒޯން ސަރަހައްދު ހުސްކޮށް، އެ ބިންތައް ސަރުކާރާ ހަވާލުކުރަން ހައުސިން މިނިސްޓްރީން އެންގުމުން ވެސް އެއަށް އަމަލު ނުކޮށް، އެ ބިންތަކަކީ ސިޓީ ކައުންސިލްގެ ބިންތަކެއް ކަމަށް ބުނެ އެތަން އަނބުރާ ހަވާލުކުރަން ދެކޮޅު ހެދުމުން ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ، އިންޑަސްޓްރިއަލް ޒޯން ބިންތައް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ބިންތަކެއް ކަމަށް ކަނޑައަޅައި އެ ބިންތަކުގެ މައްޗަށް މާލޭ ސިޓީ ކައުންސިލްގެ މިލްކުވެރިކަން ނެތް ކަމާއި އެ ބިންތަކާ ގުޅޭ އެއްވެސް މުއާމަލާތެއް ކުރުމުގެ ހައިސިއްޔަތެއް މާލޭ ސިޓީ ކައުންސިލަށް ލިބިގެންނުވާ ކަމަަށް ކަނޑައަޅައި އެ ބިންތަކުގައި ސިޓީ ކައުންސިލްގެ ހުއްދަދީގެން ކުރަމުންދާ އެންމެހާ މަސައްކަތްތައް ހުއްޓުވުމަށާއި އެ ބިންތައް ދިވެހި ދައުލަތާ ހަވާލު ކުރުމަށް އަމުރުކޮށްދިނުމަށް އެދިފައެވެ.
ނަމަވެސް މި މައްސަަލައަށް މާލޭ ސިޓީ ކައުންސިލުން ޖަވާބުދާރީވެފައެއް ނުވެއެވެ.
އެހެންކަމުން މި މައްސަލަ ބެލުމަށްފަހު، ސިޓީ ކައުންސިގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ، އެ ބިންތަަކަކީ ޕްލޭނިން މިނިސްޓްރީގެ ބިންތަކެއްކަން ސާބިތުވާ ކަމަށް ކަނޑައަޅާ ކަމަށެވެ. އަދި އެ ބިންތަކުގެ މައްޗަށް މާލޭ ސިޓީ ކައުންސިލްގެ މިލްކުވެރިކަން ނެތް ކަމަށް ކަނޑައަޅައި އެ ބިންތަކާ ބެހޭ އެއްވެސް މުއާމަލާތެއް ކުރުމުގެ ހައިސިއްޔަތެއް މާލޭ ސިޓީ ކައުންސިލަށް ލިބިގެންނުވާ ކަމަށް ކަނޑައަޅާ ކަމަށެވެ.
މީގެ އިތުރުން މި ބިންތަކުގައި މާލޭ ސިޓީ ކައުންސިލްއިން ހުއްދަދީގެން ކުރަމުންދާ ހުރިހާ މަސައްކަތްތަކެއް ވަގުތުން ހުއްޓާލުމަށްފަހު މިމަހު 30 ގެ ނިޔަލަށް އެ ބިންތައް ދިވެހި ދައުލަތާ ހަވާލުކުރަން މާލޭ ސިޓީ ކައުންސިލްގެ މައްޗަށް އަންގައި އަމުރުކުރާ ކަމަށްވެސް ހުކުމްގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު