ރާއްޖޭގައި ބަލިތައް ދެނެގަތުމަށް ހަދާ ކްރިޓިކަލް ޑައިގްނޯސްޓިކް ހިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތް މަގުފަހިކުރުމަށްޓަކައި ޓްރީޓޮޕް ހޮސްޕިޓަލުން އެމްއާރްއައި ކެމްޕޭނެއް ތައާރަފުކޮށްފިއެވެ.

ޓްރީޓޮޕުން ބުނީ އެ ކެމްޕޭނުގެ ދަށުން ހިދުމަތް ހޯދާ ފަރާތްތަކަށް، އަތުން އިތުރު އެއްވެސް ހަރަދަކާ ނުލައި އެމްއާރްއައި ހެދޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށެވެ.

އެ ހޮސްޕިޓަލުގެ ސީއީއޯ ޑރ. އެސް ސްރިވަތުސަން ސްރީދަރު ޖީ ވިދާޅުވީ އެމްއާރްއައި ހެދުމަށް މިހާރު ގިނަގުނަ ދަތިތަކެއް ދިމާވާ ކަމަށެވެ. އެހެންކަމުން ދިވެހި ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބޭނުންވާ ހިދުމަތްތައް އަބަދުވެސް އެ ހޮސްޕިޓަލުން ފޯރުކޮށްދެމުންދާނެ ކަމަށެވެ.

އެ ކެމްޕޭން ކުރިއަށް ގެންދާނީ މިމަހުގެ 16 އިން ފެށިގެން ސެޕްޓެމްބަރު 16 ނިޔަލަށް ކަމަށް ޓްރީޓޮޕުން ބުންޏެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގައި މިހާރު ވެސް ޒަމާނީ ޓެކްނޮލޮޖީގެ ހިމެނޭ ދެ އެމްއާރްއައި މެޝިންގެ ހިދުމަތް ލިބެން ހުރެއެވެ. އެ ދެ އެމްއާރްއައި މެޝިނުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ކުޑަކުދިންނަށް އަމާޒުކޮށްގެން އެކި ބާވަތުގެ ވީޑިއޯ ދެއްކުމާއި ތަފާތު އަޑުތަކާއި މިއުޒިކް ޖަހައިދިނުން ހިމެނޭ ކަމަށް ޓްރީޓޮޕުން ބުންޏެވެ.

އަދި ދުވަސްވީ މީހުންނާއި ބިރުވެރިކަން އިހުސާސް ކުރާ މީހުންގެ އެމްއާރްއައި ހަދާ އިރު އެހީތެރިއަކު ބެހެއްޓުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޓްރީޓޮޕުން ބުންޏެވެ. އެ ހިދުމަތްތަކުގެ ސަބަބުން ބަލިމީހުންނަށް ފަސޭހަވެ، ހިތްހަމަޖެހޭ މާހައުލެއްގައި އެމްއާރްއައި ހެދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ޓްރީޓޮޕްއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސިއްހީ ހިދުމަތް ފޯރުކޮށްދެމުންދާ އެއް ހޮސްޕިޓަލެވެ.