ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމައި އެކަންކަން ސްކޫލުތަކަށް އަންގައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ސްކޫލްތަކަށް ފޮނުވި "ފައިސާ ހަރަދުކުރުމާ ގުޅޭ ދެންނެވުން" ސާކިއުލާގައި ބުނީ ދައުލަތުގެ ފައިސާ އިސްރާފުނުވާނެ ގޮތަކަށް އަމަލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ލަފާފުޅު ލިބިފައިވާތީ، މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ތަންތަނުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފައިވާ ކަމަށެވެ.
މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސާކިއުލާގައި ހަރަދުކުޑަކުރުމުގެ ގޮތުން 10 ކަމެއް ކުރުމަށް ވަނީ އަންގައިފައެވެ. އެއީ:
- މާލޭގައި ހިންގަމުންދާ މިނިސްޓްރީ އާއި މިނިސްޓްރީގެ ޑިޕާޓްމެންޓުތައް އެންމެ ލަސްވެގެން ރަސްމީ ދުވަސްތަކުގެ 14:30 ގައި ބަންދުކުރުން. ނަމަވެސް ރައްޔިތުންނަށް ކޮންމެހެން ވެސް ދިނުމަށް މުހިންމު ހިދުމަތެއް ދިނުމަށް 14:30 ފަހުން އޮފީސް ހުޅުވާފައި ބަހައްޓަން ޖެހިއްޖެނަމަ، އެއް ދުވަސް ކުރިން މަސައްކަތުގެ ތަފްސީލާއި އޮފީހުގައި މަޑުކުރާނެ މުވައްޒަފުންނާއި އޮފީސް ހުޅުވާފައި ބަހައްޓާނެ ވަގުތު ޕާމަނެންޓް ސެކްރެޓަރީ މެދުވެރިކޮށް ހުއްދަ ހޯދުން
- މާލެ އާއި އަތޮޅުތަކުގެ ސްކޫލްތަކުގެ އިދާރީ އޮފީސް 14:30 ގައި ބަންދުކުރުން. ނަމަވެސް އެކަޑަމިކް އޮފީސް ބަންދުކުރަން ވާނީ ސްކޫލުގައި ކިޔަވައިދޭ ދުވަހެއްގެ ފަހު ދަންފަޅި ނިމޭތާ 1 ގަޑިއިރު ފަހުން
- މުވައްޒަފުން އާއިލާއާ އެކު ހޭދަކުރާ ވަގުތު ވީހާވެސް ގިނަކުރުމަށް ބާރު އެޅުމާއި އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން ރަސްމީ ވަގުތުގެ ތެރޭގައި އެ ދުވަހަކަށް ކަނޑައެޅިފައިވާ މަސައްކަތްތައް ނިންމުމަށް ބާރުއަޅައި އެކަން އެގޮތަށް ހިނގަމުންދާކަން ކަށަވަރުކުރުން
- ކޮންމެހެން ބާއްވަންޖެހޭ މުނާސަބުތަކާއި ހަފުލާތައް ނޫނީ ނުބޭއްވުން. އަދި ހަފުލާ ނުވަތަ އަހަރީ އިނާމުދިނުން ފަދަ ޖަލްސާތައް ވީހާވެސް ހަރަދުކުޑަކޮށް ބޭއްވުމުގެ އިތުރުން މިނިސްޓްރީގެ ހުއްދަ ނަގައިގެން ބޭއްވުން
- ބަޖެޓުން ހަރަދުކޮށްގެން ކޮންމެހެން ނޫނީ ކުރަންޖެހޭ ދަތުރެއް ނުކުރުން. ސަރުކާރުގެ ބަޖެޓު ހޭދަކޮށްގެން ކުރާ ދަތުރުތަކަށް މިނިސްޓްރީގެ މާލީ ޒިންމާދާރުވެރިޔާގެ ހުއްދަނެތި ނުކުރުން
- އޭސީތަކުގެ ފިނިހޫނުމިން 25 ޑިގްރީއަށްވުރެ ދަށް ނުކުރުމާއި ރަސްމީ ގަޑި ނިމުމުން ނިއްވާލަންޖެހޭ އޭސީތައް ނިއްވާލުން
- ކްލާސްރޫމްތައް ބޭނުން ނުކުރާ ވަގުތުތަކުގައި ދިއްލުންތައް ނިއްވާފައި ބެހެއްޓުން. މަތީ ކަރަންޓު ނަގާ ބޮކިތައް ކޮންމެހެން ދިއްލަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ނުދިއްލުން
- ޗާޕުކުރަންޖެހޭ ލިޔުންތައް ވީހާވެސް މަދުކުރުން. ކޮންމެހެން ޗާޕުކުރަންޖެހޭ ލިޔުންތައް ކަރުދާހުގެ ދެ ފުށަށް ޗާޕުކުރުން. ކުލަކޮށް ޗާޕުކުރަންޖެހޭ ލިޔުމެއް ނޫނީ ހުދު ކަރުދާހުގައި ކަޅު ކުލައިން ޗާޕު ކުރުން
- ހަފުލާތަކާއި މުނާސަބުތަކުގައި އަގުބޮޑު މާބޮނޑި ފަދަ ތަކެތި ބޭނުން ނުކުރުން. ކެއުމާއި ސައި ނުބޭއްވުން. ދެ ގަޑިއިރަށްވުރެ ކުރު އެއްވެސް ބައްދަލުވުމަކަށް ނުވަތަ ޖަލްސާއަކަށް ސައި، ކޮފީ އަދި ފިނި ބުއިން އިންތިޒާމު ނުކުރުން
- ފަންޑް އެކައުންޓް ތަކުން ކޮންމެހެން ކުރަންޖެހޭ ކަމަށް ފަންޑު ކޮމިޓީއިން ނިންމާ ކަންކަމުގެ ތެރެއިން 5،000 ރުފިޔާއަށް ވުރެ ބޮޑު ހަރަދުތައް މިނިސްޓްރީގެ މާލީ ޒިންމާދާރުވެރިޔާގެ ހުއްދަނެތި ނުކުރުން
މިނިސްޓްރީން ބުނީ އެ ފިޔަވަޅުތަކާ އެކު ވެސް ރައްޔިތުންނަށް ދޭންޖެހޭ އެއްވެސް ހިދުމަތެއް ނުހުއްޓި އަދި ލަސްވުމެއް ނެތި ކުރިއަށް ގެންދަންވާނެ ކަމަށެވެ.
ދައުލަތުގެ ހަރަދު ބޮޑުވުމުގެ ސަބަބުން ހަރަދު ކުޑަ ކުރުމުގެ ގޮތުން ސަރުކާރުން ވަނީ އިސްލާހީ އެޖެންޑާ އެކުލަވާލައި އެ އެޖެންޑާ ތަންފީޒު ކުރަން ފަށައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު