ސްވިމިން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި މުހައްމަދު ޝާރިފް އިތުރު ދައުރަކަށް ބަހައްޓަން އެސޯސިއޭޝަންގެ އެންމެ ފަހުގެ ހިންގާ ކޮމިޓީން ފާސްކޮށްފިއެވެ.

ޝާރިފް ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި މި ދައުރާއި ކުރިއަށް އޮތް ހަތަރު އަހަރު ދުވަހަށް ބަހައްޓަން ފާސްކުރީ އިއްޔެ ބޭއްވި އެކްސްކޯ ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ސްވިމިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕި) އެވެ. ޗަމްޕި މިހާރު ފުރުއްވަމުން ގެންދަވަނީ އެ އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި އޭނާގެ ހަތަރު ވަނަ ދައުރެވެ. އޭނާއަކީ މި ވަގުތުވެސް ރާއްޖޭގެ އޮލިމްޕިކްސް ކޮމިޓީގެވެސް ރައީސެވެ.

މާސްޓާސް އިން އޮލިމްޕިކް ސްޓަޑީސް، އޮލިމްޕިކް އެޑިއުކޭޝަން އެންޑް މެނޭޖްމަންޓް އޮފް އޮލިމްޕިކް އިވެންޓްސް ހާސިލު ކުރައްވައިގެން ހުންނެވި ޝާރިފަކީ އޭޝިއާ އެކުއަޓިކްސްގެ ސޮލިޑާރިޓީ އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ މިހާރު ހިނގަމުން އަންނަ ދައުރުގެ ވައިސް ޗެއާމަނެވެ.

ވޯލްޑް އެކުއަަޓިކްސްގެ އޯޕަން ވޯޓާ ސްވިމިން އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން އަންނަ ޝާރިފް ސްވިމިން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގަށް ފުރަތަމަ ވަޑައިގަތީ 2013 ވަނަ އަހަރުއެވެ. އޭގެ ފަހުން އެސޯސިއޭޝަންގެ ހިންގުމުގައި އިސްކޮށް އޭނާ ހަރަކާތްތެރިވެފައިވެއެވެ.

ޝާރިފަށް 2017 ވަނަ އަހަރު ގައުމީ ޔޫތު އިނާމުވެސް ލިބިވަޑައިގެންފައިވެއެވެ.