ރާއްޖޭގެ ކުޅިވަރަށް އިންގިލާބީ ބަދަލެއް ގެނެސްދެއްވަން މިހާރުވެސް މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށާއި އެ ބަދަލު ގެނެސްދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ މި ފަހަރު ޕެރިސް އޮލިމްޕިކްސްއަށް ދާ ރާއްޖޭގެ ކޮންޓިޖެންޓުގެ ތެރެއިން ދިދަ އުފުލާނެ އެތުލީޓުން އިއުލާން ކުރުމަށް ރައީސް އޮފީހުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލަން ކަނޑައަޅާފައި ވަނީ އެތުލެޓިކްސްގެ އިބާދުﷲ އާދަމާއި އަލަށް ރާއްޖެ އިން އޮލިމްޕިކްސް އަށް ކޮލިފައިވިި އެތުލީޓް، ހުނަރުވެރި ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީއެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުޅިވަރު ކުރިއެރުވުމަށްޓަކައި މިހާތަނަށް ރާއްޖޭގެ ތާރީހު ނުދެކޭހާ މިންވަރަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް މުބާރާތްތަކުގައި ރާއްޖޭގެ ފަރާތުން އިތުރު ކުޅިވަރުތަކުގައި އެތުލީޓުން ނުވަތަ ކުޅިވަރު ކުޅޭ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ލިބޭ ފެންވަރަށް ރާއްޖޭގައި ކުޅިވަރު ކުރިއަށް ގެންދިއުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށްވެސް ވިދާޅުވިއެވެ.

"ކުޅިވަރު ކުރިއެރުވުމަށްޓަކައި މިހާތަނަށް ރާއްޖޭގައި ނުކުރެވޭ ވަރަށް މަސައްކަތް ކުރެވޭނެ. ކުޅިވަރު ރާއްޖޭގައި މިހާތަނަށް ނުދެކޭހާ އުހަށް ގެންދިއުމަކީ އަޅުގަނޑުމެން އެންމެންގެވެސް އަމާޒު. އެއީ އަޅުގަނޑުމެންގެ އުންމީދަކީ. ރައްޔިތުން އުންމީދު ކުރަނީ އިންގިލާބީ ބަދަލަކަށް. ސަރުކާރުގެ ސިޔާސަތުގެ ދަށުން އެ އިންގިލާބީ ބަދަލު ގެނެސްދެވޭނެ. އިރާދަކުރެއްވިއްޔާ އެ ބަދަލު ދިވެހީންނަށް ގެނެސްދެވޭނެ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ ސަރަހައްދީ ފެންވަރުގައާއި ބައިނަލްއަގުވާމީ މައިދާނުގައި، އޮލިމްޕިކްސްއާއި އެހެނިހެން މުބާރާތްތަކުގައި ރާއްޖޭގެ ފަރާތުން ގިނަ އެތުލީޓުން ބައިވެރިކުރުމަށްޓަކައި ރާއްޖެއަށް ލިބޭ ތަމުރީނާއި ލިބޭ ފުރުސަތުތައް އިތުރުކުރުމާއި ރާއްޖެ އިން ބޭރުންވެސް ތަމްރީނުގެ ފުރުސަތުތައް ހޯދައިދީ، އެތުލީޓުން ކުރިއެރުވުމަށްޓަކައި ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ވަކި ތަރުތީބެއްގެ މަތީން ކުރުމަކީވެސް މި ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ.