މާލޭގެ އަމީނީ މަގުގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑެއް ގާބުރިއަކުން ޖަހައި ތަޅާލި ކަމަށް ތުހުމަތުކުރެވޭ މީހާގެ ބަންދަށް ކުރިމިނަލް ކޯޓުން 30 ދުވަސް ޖަހައިފިއެވެ.

ކޭއެފްސީގެ ބިއްލޫރިގަނޑު އެންމެ ފުރަތަމަ ތަޅާލީ މިމަހުގެ 16 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައެވެ. ދެވަނަ ފަހަރަށް އެތަނުގެ ބިއްލޫރިގަނޑު ތަޅާލީ މިމަހުގެ 20 ވަނަ ދުވަހުގެ ފަތިހު ވަގުތެއްގައެވެ.

ފުރަތަމަ ތަޅާލީ ކޭއެފްސީގެ އިރުމަތީ އޮންނަ ޕާކިން ޒޯނާ ދިމާލަށް ކަންމައްޗަށް ހުންނަ ބައިގެ ދެ ބިއްލޫރިގަނޑެކެވެ. އެންމެ ފަހުން ތަޅާލީ އަމީނީ މަގުން ޕާކިން ޒޯނަށް ވަންނަ ދިމާލަށް ހުންނަ ފަޅީގެ ތިން ބިއްލޫރި ގަނޑެވެ.

އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން އިއްޔެ ވަނީ، 48 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ.

ފުލުހުން މިއަދު ބުނީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކޮށްފައިވާ ކަމަށެވެ.

މާލޭގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލި އިރު، އިޒްރޭލަށް ވާގިވެރިވާ ވިޔަފާރިތައް ބޮއިކޮޓް ކުރަން ގޮވާލާ ރާއްޖެ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ ކެމްޕެއިންތައް ކުރަމުންނެވެ.