ތިންހާހަށްވުރެ މަދު އާބާދީތައް ހިމެނޭ ރަށްރަށުގައި ތިން ކައުންސިލަރުން ތިބުމުން ފުދޭނެ ކަމަށް ވިދާޅުވެ ލާމަރުކަޒީ ނިޒާމަށް ގެންނަން ނިންމާފައިވާ ބަދަލާ ގުޅޭ ދިރާސާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހިޔާލު ދެއްވައިފިއެވެ.

ރައީސް އެ ހިޔާލު ދެއްވީ ރަށު ކައުންސިލްތައް މެދުވެރިކޮށް އައިޑީ ކާޑު ހެއްދޭނެ ގޮތަށް ފަރުމާކޮށްފައިވާ ހާއްސަ ޕޯޓަލް އިފުތިތާހު ކުރުމަށާއި ރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ފަށާފައިވާ "ކުރަނގި އޮޕަރޭޝަން"ގެ ދެވަނަ ފިޔަވަހި އިފުތިތާހު ކުރުމަށް މިރޭ ބޭއްވި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ރައީސް ވިދާޅުވީ، ކައުންސިލަރުންގެ އަދަދުތައް ކަނޑައެޅުމުގައި ބުރަހެލި ގޮތަކަށް ބައެއް ކަންތައްތައް ރޭވިފައި އެބަހުރި ކަމަށެވެ. އެގޮތުން އާބާދީ ކިތަންމެ ކުޑަ ރަށަކަށްވެސް ފަސް ކައުންސިލަރުން އިންތިހާބު ކުރުމަކީ ހަރަދުބޮޑު ކަމެއް ކަމަށާއި ކައުންސިލަރުންގެ އަދަދު މަދުކޮށްގެންވެސް އެއަށްވުރެ މާ ފައިދާވާ ގޮތަށް ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

"އަޅުގަނޑު ހިތުން 3،000 މީހުންނަށްވުރެ ގިނަ ނޫން އާބާދީ އޮންނަ ރަށްރަށުގައި ތިން މީހަކު އިންތިހާބު ކުރީމައި ފުދޭނެ. ކައުންސިލުގެ ރައީސަކާއި އަދި އިތުރު ދެ ބޭފުޅުން. އޭގެ ތެރެއިން އެއް ބޭފުޅަކީ އަންހެނުންގެ ފަރާތުން އިންތިހާބުކުރާ އަންހެނުންގެ ރައީސާއަށްވުމާއި އަދި އެއް ބޭފުޅަކީ ޒުވާނުންގެ ފަރާތުން އިންތިހާބުކުރާ ޒުވާނުންގެ ރައީސެއްގެ ގޮތުގައި ހުންނަ މީހަކަށްވެ، ތިން ބޭފުޅުން ތިބެ، ކައުންސިލްގެ ރައީސްގެ ގޮތުގައި ހޮވާ މީހާގެ އިތުރަށް ދެން ހޮވާ ދެ ބޭފުޅުންގެ ތެރެއިން އެކަކު އެއީ ކާކުކަން ނައިބު ރައީސްއަކީ ރައްޔިތުން ހިޔާރުކުރީމައި،" ރައީސް ވިދާޅުވިއެވެ.

އެއީ މީގެ ކުރިން 2014 ވަނަ އަހަރު އަދި 2017 ވަނަ އަހަރު ވެސް ރަށްރަށަށް ކައުންސިލަރުން އިންތިހާބު ކުރި އަދަދެވެ. ފަސް ކައުންސިލަރުންނަށް އިތުރުކުރީ 2021 ވަނަ އަހަރުއެވެ.

ރައީސް ވިދާޅުވީ، 3،000 އާއި 10،000 އާ ދޭތެރޭގެ އާބާދީތަކަށް ޖުމުލަ ފަސް ކައުންސިލަރުން އަދި ސިޓީތަކުގައި އެހެން ގޮތަށް ކައުންސިލަރުން އިންތިހާބު ކުރެވިދާނެ ކަމަށެވެ. ނަމަވެސް އެ އަދަދު ކަނޑައަޅުއްވާނީ ފކައުންސިލްތަކުގެ މިނިސްޓްރީއާއި ގައުމީ ޔުނިވާސިޓީގެ އިލްމީ ދިރާސާއަށް ފަހު އެ ދިރާސާއިން ފާހަގަވާ ކަންކަމުގެ އަލީގައި ރައްޔިތުންގެ ހިޔާލު ހޯދުމަށްފަހު ކަމަށް ވިދާޅުވިއެވެ.

އެ މަނިކުފާނު ވަނީ ކައުންސިލަރުންގެ އަދަދު މަދުކުރުމަށްފަހު ކައުންސިލްތަކަށް ދޭ ބަޖެޓުގެ ބޮޑުބައެއް ކައުންސިލް އިދާރާގައި މަސައްކަތްކުރާ ސިވިލް ސާވަންޓުންގެ މުސާރަ ރަނގަޅުކުރުމަށް ހަރަދު ކުރެވޭ ގޮތަކަށް ބައްޓަން ކުރެވިއްޖެ ނަމަ ރަނގަޅު ހިދުމަތެއް ދެވޭނެ ކަމަށްވެސް ވިދާޅުވެފައެވެ.