ބަންގްލަދޭޝްގައި ކުރިޔަށްދާ މުޒާހަރާތައް ހޫނުވެ ގައުމީ ޓީވީ ހުންނަ އިމާރާތް ރޯކޮށްލައިފިއެވެ.

ބަންގްލަދޭޝްގެ ދަރިވަރުން ކުރަމުންގެންދާ މުޒާހަރާތައް ހޫނުވެ އެ ގައުމުގެ ފުލުހުންނާ ކުރިމަތިލުންތައްވެސް ވަނީ ހިނގަން ފަށާފައެވެ. މުޒާހަރާ ކުރާ ދަރިވަރުން ވަނީ އެ ގައުމުގެ ގައުމީ ޓީވީ ''ބީޓީވީ'' ހުންނަ އިމާރާތުގައި ރޯކޮށް އެ ޓީވީގެ ހިދުމަތްތައްވެސް މެދުކަނޑުވާލާފަައެވެ.

ބީޓީވީ އިން ވަނީ އެ ޓީވީ ހުންނަ އިމާރާތުގައި ރޯކޮށްލުމުގެ ސަބަބުން ގިނަ ބަޔަކު އިމާރާތްތެރޭ ތާށިވެ ބްރޯޑްކާސްޓު މެދުކަނޑާލަން ޖެހުނު ކަމަށް ބުނެފައެވެ.

ދަރިވަރުން ކުރަމުންގެންދާ މުޒާހަރާތައް ހޫނުވުމާާއެކު ސަރުކާރުން ވަނީ މުޒާހަރާތައް ހުއްޓުވުމަށް ބާރުގެ ބޭނުންކޮށްފައެވެ. އަދި މުޒާހަރާތައް ހުއްޓުވުމަށް އެގައުމުގެ މޯބައިލް ފޯނުގެ ހިދުމަތްތައްވެސް އިއްޔެ ސަރުކާރުން ހުއްޓުވިއެވެ.

ބަންގްލަދޭޝްގެ ދަރިވަރުން ކުރަމުންގެންދާ މުޒާހަރާ އަކީ އެ ގައުމުގައި އަމަލު ކުރާ ގަވާއިދެއް ބަދަލުކުރުމަށް ގޮވާލަައި ކުރާ މުޒާހަރާއެކެވެ. އެ ގަވާއިދުގައި ވާގޮތުން ބަންގްލަދޭޝުން ޕާކިސްތާނާ ދެކޮޅަށް 1971 ވަނަ އަހަރު ކުރި ހަނގުރާމައިގައި ބައިވެރިވި ފަރާތްތަކުގެ އާއިލާގެ މީހުންނަށް ބަންގަލަދޭޝް ސަރުކާރުގެ ވަޒީފާތަކުގެ ބައެއް ހާއްސަ ކޮށްފައިވެއެވެ.

މުޒާހަރާކުރާ ދަރިވަރުން ގޮވާލަމުން އަންނަނީ ވަޒީފާ ދިނުމުގައި ތަފާތުތައް ގެންގުޅެގެން ނުވާނެ ކަމަށެވެ.