ރާއްޖޭގައި ހުންނަ ޕާކިސްތާން ހައި ކޮމިޝަނުން އިސްލާމިކް މިނިސްޓްރީއަށް ކޮމްޕިއުޓަރު ސިސްޓަމްތަކަކާއި ލެޕްޓޮޕްތަކެއް ހަދިޔާކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ޕާކިސްތާން ހައި ކޮމިޝަނުން ހަދިޔާކުރީ 10 ކޮމްޕިއުޓަރު ސިސްޓަމާއި ހަތް ލެޕްޓޮޕް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ޕާކިސްތާން ހައި ކޮމިޝަންގެ ފަރާތުން ތަކެތި ހަވާލުކޮށްދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ފައްޔާޒް ގިލާނީއެވެ. މިނިސްޓްރީގެ ފަރާތުން އެ ސާމާނާ ހަވާލުވެވަޑައިގަތީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށާއި ރާއްޖެއަށް ބޭނުންވާ އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވުމުގައި ޕާކިސްތާން އަބަދުވެސް ދެމި އޮންނާނެ ކަމަށް ސަފީރު ވިދާޅުވި ކަމަށެވެ. އަދި އިސްލާމީ ގުޅުން ވަރުގަދަ ކުރުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރައްވާނެ ކަަމަށްވެސް ސަފީރު ވިދާޅުވި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ، ޕާކިސްތާނުގެ ފަރާތުން ރާއްޖެއަށް، ހާއްސަކޮށް އިސްލާމިކް މިނިސްޓްރީއަށް ދޭ އެހީތެރިކަމަށްޓަކައި ޕާކިސްތާން ސަފީރަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި ކަމަށެވެ.