ކަނޑުމަތީގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަން ފުލުހުންނަށް ދެ ޑްރޯން ހަދިޔާކޮށްފިއެވެ.
ހޯމް މިނިސްޓްރީން މީޑިއާތަކަށް ބުނީ، ކަނޑާއި ވައިގެ ތެރޭގައި ދުއްވާ އެ ދެ ޑްރޯން ހަދިޔާކުރީ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ކަމަށެވެ.
އެ ޑްރޯންތައް ހަވާލުކުރުމަށް ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ހޯމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަލީ އިހުސާނެވެ. ޔޫއެންޑީސީގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަ އެ ޖަމިއްޔާގެ އޮފީހުގެ އިސްވެރިޔާ އެންރިކޯ ބޮނިންސެގްނާއެވެ.
ހޯމް މިނިސްޓްރީން ބުނީ، އެ ޑްރޯން ބޭނުންކުރަން ހަމަޖެހިފައިވަނީ މެރިން ޕޮލިސް ޑިވިޝަނުން ހިންގާ ޝޯޓް ރޭންޖް އޮޕަރޭޝަންތަކުގައި ކަމަށެވެ.
ކަނޑާއި ވައިގެ ތެރޭގައި ދުއްވާ ދެ ޑްރޯން ފުލުހުންނަށް ލިބުނު އިރު، މި ސަރުކާރުން ވަނީ ތުރުކީ އިން ދެ ޑްރޯން ގަނެފައެވެ. އެ ޑްރޯންތައް އޮޕަރޭޓް ކުރަނީ އެމްއެންޑީއެފް އިންނެވެ. އަދި ރާއްޖޭގެ ކަސްޓަމްސް އަށް އެމެރިކާ އާއި ޗައިނާ އިން ދެ ޑްރޯން ހަދިޔާކުރަން ނިންމާފައިވާ ކަމަށް އެ މުއައްސަސާއިން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު